ކައިވެނީގެ ކުރިން ވަކިކަހަލަ ޓެސްޓުތަކެއް ހެދުން މަޖުބޫރުކުރުން (1)

ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ކައިވެނި ކުރަން ބޭނުންވާ ދެމީހުން، ކައިވެނީގެ ކުރިން ވަކި ކަހަލަ ޓެސްޓެއް ނުވަތަ ޓެސްޓުތަކެއް ހަދަން ޖެހުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. މީގެތެރޭގައި؛ ސަޢުދީ ޢަރަބިޔާ، އުނައިޓެޑް އެރެބް އެމިރޭޓްސް، ބަޙްރައިން، ފަލަސްޠީނު އަދި ދިވެހިރާއްޖެ ހިމެނެއެވެ. ކައިވެނީގެ ކުރިން ކުރެވޭ މިފަދަ ޓެސްޓުތަކަށް، ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ އެވެ ކިޔައެވެ. މިއީ ކައިވެނި ކުރަން ބޭނުންވާ (އަންހެންމީހާއާ ފިރިހެންމީހާއާ) ދެމީހުންކުރެ މީހެއްގެ ކިބައިގައި ވިރާސީގޮތުން (ދަރިފަސްކޮޅަށް) ނަގުލުވަމުންދާ ބައްޔެއް ހުރިތޯ ދެނެގަތުމަށްޓަކައި، ކައިވެނީގެ ޢަޤުދުގެ ކުރީން ކުރާ ތަހުލީލު ތަކެކެވެ.

ކައިވެނީގެ ކުރިން ޖެނެޓިކް ސްކްރީނިންގ ހެދުމުގެ ބޭނުމަކީ ކޮބާ؟

ކައިވެނީގެ ޢަޤުދަކީ އާއިލާއެއް ބިނާކުރުމުގެ ފުރަތަމަ ރުކުނެވެ. އާއިލާތައް ރަނގަޅުވެއްޖެނަމަ މުޖުތަމައު ރަނގަޅުވެދެއެވެ. އަދި އާއިލާތައް ފަސާދަވެއްޖެނަމަ މުޖުތަމައުވެސް ފަސާދަވެދެއެވެ. އެހެންކަމުން އިސްލާމްދީނުގައި ކައިވެންޏާ ގުޅޭގޮތުން ނަފްސާނީ، އިޖުތިމާއީ، ސިއްހީ އަދި މާލީގޮތުންވެސް ޢިނާޔަތްތެރިކަން ދެއްވާފައި ވެއެވެ.

ކައިވެނީގެ އެންމެ މުހިއްމު މަގުސަދުތަކަކީ ދެމަފިރީންގެ ދެމެދުގައި ލޯތްބާއި ރަޙުމާއި ކުލުނު އުފައްދައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ދިރިއުޅުމެވެ. އެކަކު އަނެކަކުގެ ކިބައިން ހިތްހަމަޖެހުމާއި އުފާ ހާސިލު ކުރުމެވެ. އެހެންކަމަށްވާނަމަ ކައިވެނި ކުރެވޭ ދެމީހުންނަކީ މި މަތިވެރި މަގުސަދުތައް ހާސިލުކުރެވިދާނެ ފަދަ ބައެއްކަން ނުވަތަ ނޫންކަން ބެލޭނެ ގޮތެއް އޮތްނަމަ، ކައިވެނިކުރުމުގެ ކުރީން އެކަން ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މި މަގުސަދުތައް ހާސިލުކުރުމާއެކު ދުޅަހެޔޮ އާއިލާއެއް ބިނާކޮށް ކާމިޔާބު ޒަވާޖީ ހަޔާތެއް ލިބިގަތުމަށްޓަކައި، ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ އެއް ހެދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ބައެއް މަސްދަރުތަކުގައިވާގޮތުން، އެއްޖީލުން އަނެއް ޖީލަށް ނަގުލުވަމުންދާ ހަހާހަށްވުރެ ގިނަ ބަލި މިހާތަނަށް ހޯދިފައި ވެއެވެ. މީގެތެރެއިން ހަސަތޭކައަށްވުރެ ގިނަ ބައްޔަށް ފަރުވާކޮށް ރަނގަޅު ކުރެވެއެވެ.

ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމުގެ ފައިދާތައް:

- ވިރާސީގޮތުން ފެތުރޭ ބަލިތަކުގެ ތެރެއިން ބައްޔެއް ހުރިކަން ނުވަތަ ނޫންކަން ދެނެގަނެވި ދެމީހުންގެ ފަރާތުން އުފެދޭ ދަރިފަސްކޮޅު އެފަދަ ބަލިތަކުން ސަލާމަތްކުރުމަށް މަގުފަހިވުން.

- ދެމީހުންގެ ކިބައިގައި ހުރިނަމަ ހުރި ބައްޔެއް ދެނެގަނެވި އެކަމަކާގުޅޭ އިރުޝާދުތައް ލިބި އެ ބައްޔަކަށް އެކަށީގެންވާ ފަރުވާ ކުރުމުގެ ފުރުސަތު ލިބުން.

- ތެލަސީމިއާފަދަ އާންމު ބަލިތައް ފެތުރިގެންދިޔުން ހުއްޓުވައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން.

- ކައިވެނީގެ ޢަޤުދަކީ މުޤައްދަސް ޢަޤުދަކަށްވުމުން، ކައިވެންޏަކަށްފަހު ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި ބައްޔެއްގެ ސަބަބުން ދެމީހުން ވަކިވާންޖެހުންފަދަ ކަންކަމުން ސަލާމަތްވުން.

- ވިރާސީގޮތުން ފެތުރޭ ބަލިތައް ފެތުރޭ މިންވަރު މަދުކޮށް އެފަދަ ބަލިތަކަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ ފުރުސަތު ލިބުން.

ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމުގައި ހުރި ނޭދެވޭ ބައެއް ކަންކަން:

- ޖެނެޓިކް ސްކްރީނިންގ ހެދުމުން އެންމެހައި ވިރާސީ ބަލިތަކުން އާއިލާ ސަލާމަތްވީކަމަށް ދެކުން. (މިއީ ރަނގަޅު ހީކުރުމެއްނޫނެވެ. އެހެނީ މިފަދަ ތަހުލީލުތަކުން ދެނެގަނެވެނީ ދާދި މަދު ބައްޔެކެވެ.)

- ފަހަރެއްގައި ތަހުލީލުގެ ނަތީޖާ އާންމުވެއްޖެނަމަ އެކަމުގެ ސަބަބުން، ކައިވެނި ކުރަން ބޭނުންވި ދެމީހުންނަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތުން.

- ވިރާސީ ބައްޔެއް ހުރިކަން އެނގުމުން އެކަމުގެ ސަބަބުން ނަފުސާނީގޮތުން އުނދަގޫތަކެއް ތަހަންމަލުކުރަން ޖެހުމުގެ ފުރުސަތު އޮތުން.

- މިފަދަ ތަހުލީލުތައް ކުރުމުގައި ބައެއް މީހުންނަށް މާލީގޮތުން ކުރިމަތިވާ އުނދަގޫކަން.

ޖެނެޓިކް ސްކްރީނިންގ އާމެދު އިލްމުވެރީންގެ ބަސްފުޅު:

ޖެނެޓިކް ސްކްރީނިންގ އަކީ ފަހުގެ ކުރިއަރާފައިވާ އިލްމީ ހޯދުންތަކާއި ބޭސްވެރިކަމުގެ ޒަމާނީ އާލާތްތަކާ ގުޅުންހުރި މިޒަމާނުގެ މައްސަލައެކެވެ. މިކަމާމެދު އިލްމުވެރިން ހުށައަޅުއްވާ ރައުޔުތައް ތިރީގައި އެވަނީއެވެ.

ފުރަތަމަ ރައުޔު:

މިރައުޔުގެ އިލްމުވެރީންގެ ވާހަކަފުޅުތަކުގެ ޚުލާޞާއަކީ: ކައިވެނި ކުރަން ބޭނުންވާ ދެމީހުން ކައިވެނި ކުރުމުގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމާމެދު ޝަރުޢީގޮތުން އެއްވެސް މައްސަލައެއްނެތެވެ. އެއީ ކައިވެނީގެ މަގުސަދުތަކާ ފުށުއަރާކަމެއްވެސްނޫނެވެ. އަދި އެކަމުގެ މައްޗަށް ވަކި ޤާނޫނެއް ހަދައި، ކައިވެނިކުރަން އެދޭ ކޮންމެ މީހަކުމެ ކައިވެނީގެ ކުރީން އެފަދަ ތަހުލީލެއް ހެދުން ލާޒިމުކުރުން ވަލިއްޔުލްއަމްރަށް ހުއްދަވެގެންވެއެވެ. މިގޮތަށް ވިދާޅުވާ އިލްމުވެރީންގެ ތެރޭގައި: محمد الزحيلي، ناصربن عبدالله الميمان، حمداتي شبيهنا ماء العينين، محمد عثمان شبير، عبدالله إبراهيم موسى، عارف علي عارف، أسامة الأشقر ހިމެނިވަޑައިގަންނަވައެވެ.

ދެވަނަ ރައުޔު:

ޑރ. މުޙައްމަދު ރައުފަތު ޢުޘްމާން އާއި ޑރ. މުޙައްމަދު ޢަބްދުލްޣައްފާރުއްޝަރީފު ވިދާޅުވާގޮތުގައި ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީންނިންގ ހެދުން މީސްތަކުންގެ މައްޗަށް ލާޒިމެއްނުކުރެވޭނެއެވެ. އެހެންނަމަވެސް އެކަން އޮންނަންވާނީ ކުރުމާ ނުކުރުމުގެ މައްޗަށް މީސްތަކުންގެ އިޚްތިޔާރަށް ދޫކޮށްލެވިފައެވެ. އެގޮތަށް އެކަން މަޖުބޫރުކުރުމަކީ މީސްތަކުންގެ މިނިވަންކަމާ ދެކޮޅަށް ކުރެވޭ އަމަލެކެވެ. އަދި އެކަމުގެ ސަބަބުން މާލީގޮތުންނާއި ނަފުސާނީގޮތުން މައްސަލަތައް ކުރިމަތިވެ މީސްތަކުންގެ ސިއްރުތައް ހާމަވެގެން ހިނގައިދާނެއެވެ.

ޝައިޚު ބިން ބާޒް - ރަޙިމަހުﷲ - ދެކެވަޑައިގަންނަވާގޮތުގައި ކައިވެނީގެ ކުރީން އެފަދަ ތަހުލީލެއް ހެދުމުގެ ބޭނުމެއް ނެތެވެ. އެދެމީހުންނަށް އޮތީ ﷲ ތަޢާލާގެ ހަޒުރަތުން ރަނގަޅުގޮތް މެދުވެރިކޮށްދެއްވުމަށް އުއްމީދު ކުރުމެވެ. ޑރ. ޢަބްދުލްކަރީމް ޒައިދާން - ރަޙިމަހުﷲ - ދެކެވަޑައިގަންނަވަނީ ކައިވެނީގެ ކުރީން އެފަދަ ތަހުލީލެއް ހެދުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫން ކަމުގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް