"ރިޔަން" އިން ބުނަނީ ހޮސްޕިޓަލްތައް ލަސްވަނީ މިނިސްޓްރީގެ އިހުމާލުން ކަމަށް

މަޖިލީހުގެ ނައިބު ރައީސް އިވާގެ ފިރިކަލުން އަޙްމަދު ޝާހިދު (ސާބެ): ރިޔަން އަކީ އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏެއް --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމުކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލުތަކުގެ ޑިޒައިން މަސައްކަތްތަކުގެ ތެރެއިން "ރިޔަން" ޕްރައިވެޓް ލިމިޓެޑާ ހަވާލުވެފައިވާ މަސައްކަތްތައް ނުނިމިފައި ވަނީ މިނިސްޓްރީގެ އިހުމާލުންކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުންޏާ ހަވާލުވެފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރެއިން ހުރިހާ މަރުކަޒެއްގެ ޓެންޑާ ލިޔުންތައް އެއްބަސްވުމުގައި ވާފަދައިން މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ހޮސްޕިޓަލުތަކުގެ ތެރެއިން ބ. އޭދަފުށީ ހޮސްޕިޓަލުގެ ގްރޭޑް ބަދަލުކުރުމުގެ ސަބަބުން އެތަނުގެ ކުރެހުން އަލުން އެއްކޮށް ތައްޔާރު ކުރަން ޖެހުނު ކަމަށް އެ ބަޔާނުގައިވެއެވެ. އެ ހޮސްޕިޓަލުގެ ގްރޭޑް މަތިކުރީ ދެވަނަ ކޮންސެޕްޓް ކުރެހުން ހުށަހެޅިތާ ދެ މަހެއްހާ ދުވަސް ފަހުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން، އެ ބަޔާނުގައި ވަނީ އއ. ރަސްދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ގޯތި ކުޑަކަން މިނިސްޓްރީގެ ސަމާލުކަމަށް އެއްބަސްވުން އެކުލަވާލުމުގެ ކުރިން ވެސް ގެނައި ކަމަށެވެ. މިނިސްޓްރީގެ އިރުޝާދުގެ މަތިން އެ ގޯއްޗަށް ފެތޭވަރަށް ކުރެހުން ބަދަލުކުރި ފަހުން އެހެން ތަނަކު ހޮސްޕިޓަލު އަޅަން ނިންމި ކަމަށް މިނިސްޓްރީން އެންގި ކަމަށް "ރިޔަން"އިން ބުނެއެވެ.

މީގެ އިތުރުން ވެސް މިނިސްޓްރީގެ ސަބަބުން އެ މަޝްރޫއަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްބަސްވުމުގައި ވާ މިންވަރަށްވުރެ އިތުރަށް ކުރެހުންތައް ރިވައިޒްކުރަން ޖެހުމާއި، މިނިސްޓްރީން ޖަވާބު ލިބުން ލަސްވުން ހިމެނެއެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް "ސަން"އަށް ވިދާޅުވީ ޑިޒައިންތައް އެކުލަވާލުވުމުގައި އެ މިނިސްޓްރީގެ ގައިޑްލައިންތަކާ ޚިލާފުވާތީ މަސައްކަތްތަކަށް ލަސްކަމެއް އަންނަ ކަމަށެވެ.

"ރިޔަން" ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ)ގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް