1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް އޭސީސީން ކަމާގުޅޭ އިދާރާތަކަށް އަންގައިފި

އޭސީސީގެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރަށްވަނީ

ދައުލަތުން ގެއްލިފައިވާ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކަމާގުޅޭ އިދާރާތަކަށް އަންގައިފިއެވެ.

އެގޮތުން ރ.އަލިފުށީ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ކުލި ބިންތަކުގެ ކުލި ލިބިފައި ނުވާ މައްސަލައިގައި 1،414،560.37 ރުފިޔާ އަނބުރާ ދައުލަތަށް ދައްކަން ވަނީ އެދިފައެވެ. އެ ފައިސާ ހޯދުމަށް އިއްޔެ އޭސީސީން އަލިފުށީ ކައުންސިލަށް ވަނީ އަންގާފައެވެ.

މުލިއާގެއަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކުރުމުގެ އުސޫލާ ޚިލާފަށް 2007 ވަނަ އަހަރު ކުރި ޚަރަދުތައް އަނބުރާ ހޯދުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ. އެ ޚަރަދުތަކުގެ ގޮތުގައި ދައުލަތަށް އަނބުރާ ހޯދަން އަންގާފައިވަނީ 144،494،65 ރުފިޔާއެވެ.

މީގެ އިތުރުން ހއ. ބާރަށު ކައުންސިލާ އަމިއްލަ ފަރާތަކާމެދު 2015 ވަނަ އަހަރު ވީ އެއްބަސްވުމަކާ ގުޅިގެން އަނބުރާ ލިބެންޖެހޭ ފައިސާގެ ގޮތުގައި 11،759.42 ރުފިޔާ ހޯދުމަށް ވެސް އަންގާފައިވެއެވެ.

މިއީ އޭސީސީން ވޭތުވެދިޔަ އެއް މަސް ދުވަހު ތަހުގީގުކޮށް ނިންމި މައްސަލަތަކުގެ ތެރޭގައި ހިމެނޭ 1،414،560.37 ރުފިޔާއެވެ.

އޭސީސީއިން މިފަހުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އޭސީސީއިން ވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 40 މައްސަލަ ނިންމާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެ ކޮމިޝަނުން ވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ ހަތަރު މައްސަލައެއް ނިންމާ ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް