2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު: އެމަނިކުފާނު 2023ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިރޭ ވަނީ އިއުލާން ކުރައްވާފައި --- ސަން ފައިލް ފޮޓޯ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފިއެވެ.

މިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲއެވެ.

އީވާ ވިދާޅުވީ 2023ގައި ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ.

"2023 އަށް އަޅުގަނޑުމެން އެންމެން ވެސް ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023ގެ އިންތިޚާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023ގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތި ލައްވާނެ،" އީވާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މީގެކުރިން އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެފައި ވިޔަސް އޭގެފަހުން އެމަނިކުފާނުގެ ބަސްމަގު ހުންނަގޮތުން ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދިއެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މި ސަރުކާރުން ވަރަށް ގިނަ ގޯސްތައް ހަދައިފި ކަމަށާއި އެހެންކަމުން އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށްފަހު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފި ނަމަ އެމްޑީޕީ ވެރިކަމުގައި ދެން ނުތިބޭނެކަމަށެވެ. އެކަން އެނގެނީ އެ އިންތިޚާބުގެ ނަތީޖާއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ރައީސް ނަޝީދަށް ވަފާތެރި ބޭފުޅުންތަކެއް އިސްވެ ފަށާފައިވެއެވެ. ނަމަވެސް މިހާރު އެ ޕެޓިޝަނަށް ވީގޮތެއް ނޭނގެއެވެ. އެކަމާ ގުޅޭ އެއްވެސް ވާހަކައެއް އެކަމުގައި އުޅުއްވާ ބޭފުޅުން ނުދައްކަވައެވެ.

comment ކޮމެންޓް