މިދިޔަ އަހަރު އޭސީސީއިން ދައުވާ ކުރަން އެންމެ ގިނައިން ފޮނުވީ ނާޖާއިޒު ފައިދާއާ ގުޅޭ މައްސަލަތައް

އޭސީސީގެ އޮފީސް--- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިިދިޔަ އަހަރު، ޕްރޮސިކުއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދައުވާ ކުރަން އެންމެ ގިނައިން ފޮނުވީ ނާޖާއިޒު ފައިދާއާ ގުޅޭ މައްސަލަތައް ކަމަށް އެ ކޮމިޝަން އިން ބުނެފިއެވެ.

އޭސީސީއިން އިއްޔެ އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އޭސީސީއިން ވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 40 މައްސަލަ ނިންމާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެ ކޮމިޝަނުން ވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ ހަތަރު މައްސަލައެއް ނިންމާ ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައެވެ.

އޭސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އޭސީސީން، އެހެން މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ނާޖާއިޒު ފައިދާ އަމިއްލައަށް ހޯދުމާއިގުޅޭ އެންމެ ގިނަ މައްސަލަ ނިންމާ ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުގައެވެ.

މިދިޔަ އަހަރު އޭސީސީން ވަނީ ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ 17 މައްސަލައެއް ވެސް ނިންމާ ދައުވާކުރަން ފޮނުވާފައެވެ. ވޭތުވެދިޔަ ފަސް އަހަރުގައި އެންމެ ގިނައިން އެފަދަ މައްސަލަތައް ވެސް ނިންމާ ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ އަހަރުގައެވެ.

މިދިޔަ އަހަރު 588 މައްސަލަ ނިންމިއިރު އެއީ އޭގެ ކުރީ 2020 ވަނަ އަހަރާ އަޅާބަލާއިރު 38 ޕަސެންޓު ވެއްޓުމެކެވެ. 2020 ވަނަ އަހަރު އޭސީސީއިން ވަނީ 961 މައްސަލަ ނިންމާފައެވެ.

ތަހުގީގާއި ދިރާސާ ކުރުމަށް ފަހު އިދާރާތަކަށް އިސްލާހުކުރުމަށް 341 އެންގުމެއް މިދިޔަ އަހަރު އޭސީސީއިން އެންގިއެވެ. އެ ކޮމިޝަނުން ބުނާގޮތުގައި ޖުމްލަ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް މިދިޔަ އަހަރު އެންގިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް