ރެއާލަކީ މޮޅު ޓީމެއް، އިހްތިރާމްކުރަން: ގާޑިއޯލާ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ސްޕެއިންގެ ރެއާލަކީ މޮޅު ޓީމެއް ކަމަށާއި، އެ ޓީމަށް ފުރިހަމައަށް އިހްތިރާމްކުރާ ކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

"ކޮންމެހެން މާ ގިނަ ވާހަކަތަކެއް ދެއްކުން މުހިންމެއް ނޫން. އަހަރަމެން ރެއާލަށް ފުރިހަމައަށް އިހުތިރާމް ކުރަން، އެމީހުންނަކީ ވަރަށް މޮޅު ބައެއް،" ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ސިޓީގެ ޓާގެޓަކީ ރެއާލާއި، ލިވަޕޫލާއި އަދި ވިލަރެއާލް ވެސް ޓާގެޓުކުރާ ގޮތަށް، ފައިނަލަށް ގޮސް ފައިނަލުން ވެސް މޮޅުވުން ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ ސިޓީން އެ ޓީމު މިހާ ހިސާބަށް އައި ގޮތް އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށެވެ.

މުބާރާތުގެ ސެމީއަށް ސިޓީ ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލްގައި އެތުލެޓިކޯގެ މައްޗަށް 1-0ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ސެމީ ފައިނަލްގައި ވަރުގަދަ ރެއާލްއާ ދެކޮޅަށް ސިޓީ ނިކުންނައިރު، 2020/2019 ވަނަ އަހަރުގެ ގަދަ 16 ގައި މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރުގެ ދެ ލެގު ވެސް ކާމިޔާބުކޮށްފައިވަނީ ސިޓީންނެވެ.

ސިޓީއާއި ރެއާލް ބައްދަލުކުރާ ފުރަތަމަ ލެގު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 00:00 ގައެވެ.

comment ކޮމެންޓް