ކުރިން އުނިކުރި ބާރުތައް، ސީއެސްސީގެ ރައީސަށް އަލުން ދޭން ފާސްކޮށްފި

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ ރައީސްގެ މަސްއޫލިއްޔަތުތައް ކުރިން ގާނޫނުގައިވާ ގޮތަށް ބަދަލުކޮށް، ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ދިރާސާ ކުރުމަށްފަހު، މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މި އިސްލާހަކީ، އެ ގާނޫނު އިސްލާހުކުރުމުގެ ކުރިން ހިމެނިފައިވާ މާއްދާއެއް ކަމަށާއި އެ މާއްދާ ގެއްލުނީ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގައި ތެރޭގައި ނަންބަރުތައް ތަރުތީބު ކުރުމުގެ ތެރޭގައި ކަމަށެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ބިލު ފާސްކޮށްފައިވަނީ، ބިލު މަޖިލީހަށް ހުށަހެޅި ގޮތަށެވެ.

ސިވިލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުގައި އެ ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ހިމަނައިފައިވަނީ:

  • ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުން
  • ކޮމިޝަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީޚާއި ވަގުތު ކަނޑައެޅުންފަދަ ކޮމިޝަން ހިންގުމާގުޅޭ ނިންމުންތައް ނިންމުން
  • ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒަޢާމަތު ޤާއިމުކުރުން
  • ކޮމިޝަނުގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓައި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން

އިސްލާހުގައިވާ ގޮތުން ކޮމިޝަންގެ ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ނުކުޅެދިއްޖެ ހާލަތެއްގައި އެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބު ރައީސެވެ.

comment ކޮމެންޓް