އިސްރާއީލަށް ޒިޔާރަތްކުރުމަށް ބެނެޓް ދެއްވި ދައުވަތު ބައިޑަން ގަބޫލުކުރައްވައިފި

އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓް 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ވޮޝިންޓަން ޑީސީގައި ބައިޑަންއަށް ޒިޔާރަތް ކުރެއްވި// ފޮޓޯ: އިވާން ވޫޗީ

އިސްރާއީލަށް ވަޑައިގަތުމަށް އެގައުމުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ދެއްވި ދައުވަތު ބައިޑަން ގަބޫލުކުރައްވައިފިއެވެ.

އިސްރާއީލަށް ވަޑައިގަތުމަށް ބެނެޓް ދެއްވި ދައުވަތު ބައިޑަން ގަބޫލުކުރެއްވިކަން ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ބައިޑަން އިސްރާއީލަށް ވަޑައިގަންނަވާނެ ތާރީޚެއް ދެ ގައުމުން ވެސް ބުނެފައިނުވެއެވެ.

ބެނެޓް އެ ދައުވަތު ދެއްވީ ބައިޑެންއާ މިއަދު ފޯނުން ވާހަކަ ދައްކަވަމުންނެވެ.

އެ ފޯންކޯލުގައި ބެނެޓް ވަނީ "ގުދުސްގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް" ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ބައިޑަންއަށް މައުލޫމާތު ދެއްވާފައި ކަމަށް ބެނެޓްގެ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ. އަދި "ރަމަޟާން މަހަކީ ސުލްހަވެރި ދުވަސްތަކަކަށް ހެދުމަށް އިސްރާއިލާއި ފަލަސްތީނުގެ އޮފިޝަލުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް" ބައިޑަން ފާހަގަކުރެއްވި ކަމަށް ވައިޓް ހައުސްއިން ނެރުނު ބަޔާނުގައިވެއެވެ.

ބެނެޓްއާއި ބައިޑަން ފޯނުން ވާހަކަ ދެއްކެވީ، ފާއިތުވި ދުވަސްތަކުގައި އިސްރާއީލް ފުލުހުން ތަކުރާރުކޮށް އަލް އަޤްޞާ މިސްކިތުގެ ހަރިންމަ ތެރޭގައި މުސްލިމުންނަށް ހަމަލާ ދީފައި ވަނިކޮށެވެ.

އިސްރާއީލުގެ ބާރުތަކުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަޤްޞާ މިސްކިތުގެ ހަރިންމަ ތެރެއިން އިސްރާއީލް ފުލުހުން ވަނީ މިހާތަނަށް ފަލަސްތީނުގެ 300އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ދިން ހަމަލާތަކުގައި 200އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

comment ކޮމެންޓް