ޗެލްސީ ދޫކޮށް ރޫޑިގާ ރެއާލަށް ބަދަލުވަނީ

ޗެލްސީއާއެކު ރޫޑިގާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ

ޕްރިމިއާ ލީގުގެ ޗެލްސީ އަށް ކުޅެމުން އަންނަ، ޖަރުމަނުގެ ސެންޓަ ބެކް އެންޓޯނިއޯ ރޫޑިގާ އެ ކުލަބް ދޫކޮށް، ސެޕެއިންގެ ގަދަ އެއް ބާރު ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ.

ރޫޑިގާ ޗެލްސީ ދޫކޮށްލަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ބުނެފައެވެ. މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި ރޫޑިގާއާއި ރެއާލް އާ ދެމެދު މިހާރު އެއްބަސްވުމަކަށް ވަނީ އާދެވިފައެެވެ.

އެހެން ނަމަވެސް، އަދި އެެއްބަސްވުމުގައި ސޮއި ނުކުރާ ކަމަށް އޭނާ ރިޕޯޓުކޮށްފައިވެއެވެ. އަދި އޭނާ ހާމަކޮށްފައިވާ ގޮތުގައި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ވަރަށް އަވަހަށް އާންމުކުރާނެއެވެ.

އުމުރުން 29 އަހަރުގެ ރޫޑިގާ ވަނީ ޗެލްސީގެ އިތުރުން ރޯމާއަށް ވެސް ކުޅެފައެވެ. 2017 ވަނަ އަހަރު ޗެލްސީއަށް ބަދަލުވެ އޭނާ ވަނީ އެ ޓީމަށް 127 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ އެ ޓީމަށް ނުވަ ލަނޑު ޖަހައިދީފައެވެ.

ރޫޑިގާ ވަނީ ޗެލްސީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ޔޫރޮޕާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ޖަރުމަގުގެ ގައުމީ ޓީމަށް ކުޅެމުން ވެސް އަންނަ ރޫޑިގާ ވަނީ ގައުމީ ޓީމާއެކު 50 މެެޗު ކުޅެ، ދެ ލަނޑު ޖަހާފައެވެ.

comment ކޮމެންޓް