އިންޑިއާ އައުޓް ގޮވުން ހުއްޓުވި ގަރާރުގެ މައްސަލަ މަޖިލީހުން ބަލައި ނުގަތް

25 މާރޗް 2022: "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

"އިންޑިއާ އައުޓް" ގޮވުން ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ގަރާރު އުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

"އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި ގަރާރާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާއިރު، ގަރާރުގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރުން އާދަމް ޝަރީފް އުމަރެވެ.

އާދަމް ޝަރީފްގެ މައްސަލައިގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާ ކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ޙައްގެއް ނިގުޅައިގަތުމަށް ގާނޫނެއް ނުވަތަ ގަރާރެއް އެކަށައެޅިނަމަވެސް އެ ވާނީ ބާތިލު އެއްޗެއްކަމަށް ގާނޫނުގައި ކަނޑައަޅައިފައިވާ ކަން ފާހަގަކޮށް އާދަމް ޝަރީފްގެ މައްސަލައިގައި އިތުރަށް ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ފުލުހުންނާއި ސަރުކާރުގެ އޮފީސްތައް މެދުވެރިކޮށް ހުރަސް އަޅައި، ބިރުދައްކައި އަދި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެ ކަން ހުއްޓުވުމަށް ސަރުކާރަށް ވަނީ ކުއްލި މައްސަލައިގައި ގޮވައިލައިފައެވެ.

މި މައްސަލަ މަޖިލީހުގައި ބަހުސް ކުރުމާ ގުޅޭ ގޮތުން މަޖިލީހުގައި ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މައްސަލައަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވާފައިވާތީ އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި، ނުރައްކާ އޮތް ކަމެއް ކަމަށް ރައީސް ނެރުއްވި ގަރާރުގައި ވެއެވެ.

ހަމައެއާއެކު، އެ ހަރަކާތަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި މި ސަރަހައްދުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް ވެސް ގަރާރުގައިވެއެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ގަރާރުގައިވެއެވެ.

އެ ނުރައްކަލުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބި، ރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށާއި ރާއްޖޭގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް ގަރާރުގައިވެއެވެ.

އެހެންކަމުން ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.

އެހެންނަމަވެސް އިދިކޮޅުން ވަނީ ރައީސްގެ ގަރާރަށް ފާޅުގައި ގޮން ޖަހައި، ބެނާތައް ދަމައިފައެވެ. ފުލުހުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ދަމަމުން އަންނަ ބެނާތައް ނަގަމުންނެވެ.

comment ކޮމެންޓް