ޒަމްޒަމް މުސާރަ ނުލިބޭހެން ސަސްޕެންޑުކުރީ އޮޅުމަކުން

ޝެއިޚް ޒަމްޒަމް ފާރިޝް ---

ޢަރަބިއްޔާ ސްކޫލުގެ ޙަދީޘް ޓީޗަރެއްގެ މަގާމުގައި ހުންނެވި ޝެއިޚް ޒަމްޒަމް ފާރިޝް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރެވުނީ އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމްއަށް އަންގައިފިއެވެ.

ޒަމްޒަމް ފާރިޝް "ސަން"އަށް ވިދާޅުވީ ސަސްޕެންޑުކުރި ކަމުގެ ލިޔުން އިއްޔެ އޭނާއަށް އަލުން ލިބިފައިވާ ކަމަށާއި، އެ ލިޔުމުގައިވާގޮތުން ސަސްޕެންޝަނުގައި މުސާރަ ލިބޭނެކަމަށެވެ. އަދި، ކުރިން ފޮނުވި ލިޔުމުގައި މުސާރަ ނުލިބޭނެކަމަށް ޖެހިފައިވަނީ އޮޅުމަކުން ކަމަށް މިނިސްޓްރީން އެ ލިޔުމާއެކު ފޮނުވި މެސެޖުގައި ބުނެފައިވާކަމަށް ޒަމްޒަމް ވިދާޅުވިއެވެ.

ޒަމްޒަމް ވިދާޅުވީ އެ މައްސަލައިގައި ބަޔާނެއް ދިނުމަށް މިއަދު ހާޒިރުވުމަށް މިނިސްޓްރީން އަންގާފައިވާކަމަށެެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޒަމްޒަމް ސަސްޕެންޑުކުރީ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ރައީސް އެ ދުވަހު ނެރުއްވި ގަރާރަށް ފާޑުކިޔައި، ޓްވީޓުކުރުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ސޮއި ކުރައްވައި އެދުވަހު ޒަމްޒަމަށް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ، އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ޚިލާފުކަމެއް ކަމަށެވެ.

ރައީސްގެ ގަރާރަށް ފާޑުކިޔާ ޒަމްޒަމް ކުރެއްވި ޓްވީޓުގައި ވަނީ، އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ލިޔުމުން ވެސް ގައުމީ ސަލާމަތަށް ނުވި ނުރައްކަލެއް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ދަމާ ބެނާ އަކުން ވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

ރައީސްގެ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ.

އެ ގަރާރުގައި ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.

comment ކޮމެންޓް