ނަޝީދުގެ މައްސަލައަކީ ކޮބާތަ؟

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރާ އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެ ޕާޓީގެ ލީޑަރުން ދައްކާ ވާހަކައެކޭ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރާ ގުޅުވައިގެން ދައްކަވާ ވާހަކަތަކެކޭ ތަފާތެއް ނެތެވެ. މުޅިން ވެސް ސަރުކާރު ފެއިލްވި ވާހަކައާއި މިސަރުކާރާއެކު ކުރިއަށް ދާން ނުފެންނަ ވާހަކައެވެ. ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދުގެ ރާގު ބަދަލުވެފައިވާއިރު މިއީ އެތައް ސުވާލެއް އުފެދޭ ކަމެކެވެ. އެންމެ ބޮޑު ސުވާލަކީ ނަޝީދުގެ މައްސަލައަކީ ކޮބާތޯއެވެ؟

ވެރިކަމާއި ބާރާއި ނުފޫޒަކީ އެއަށް ބޭނުންވެފައި ތިބޭ މީހުންނަށް އެ ނުލިބިއްޖެ ނަމަ ނިކަން އަސަރު ކުރުވާ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުން އެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމަށް ބަލަމާ ހިނގާށެވެ. ބޭބޭފުޅު ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ބޮޑު ތާއީދާއެކު ވެރިކަމަށް ވަޑައިގެން ޔާމީނަށް ވެސް އެންމެ އުނދަގޫ ކަމަކަށް ޖެހިވަޑައިގަތީ މައުމޫން ރުއްސައިގެން ވެރިކަން ކުރެއްވުމެވެ. އިވޭ އަޑުތަކަށް ބަލާއިރު މައުމޫން ބޭނުންފުޅުވީ އެމަނިކުފާން އަންގަވާ ގޮތަށް، ޔާމީން ސަރުކާރު ހިންގެވުމެވެ. ޖެހިލުން ކުޑަ، އަދި ހަރު ވިސްނުންފުޅެއް ގެންގުޅުއްވާ ޔާމީން އެ ފުރުސަތު މައުމޫނަކަށް ނުދެއްވިއެވެ. އެންމެ ފަހުން ދެބެއިން، ހަތުރުންނަށްވެ ކަން ނިމުނީ މައުމޫން ޖަލަށް ވެސް ލައިގެންނެވެ. އާދެ، ޔާމީން ވެރިކަން ކުރާތަން ބައްލަވަން މައުމޫންނަށް މަޑުމަޑުން ނުހުންނެވުނެވެ.

https://sun.mv/162602

މިސަރުކާރަށް ބަލަމާތޯއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން، ނަޝީދުގެ ފޮޓޯފުޅު ދައްކަވައިގެންނެވެ. އޭރުވެސް އެންމެ ގިނަ ބަޔަކު ކުރި އެއް ސުވާލަކީ ރައީސް ޞާލިޙް ވެރިކަން ކުރައްވާތަން ބައްލަވަން ނަޝީދަށް މަޑުން ހުންނެވޭނެތޯއެވެ. އޭގެ ޖަވާބަކަށް ނަޝީދު ދެއްވީ އެމަނިކުފާނާއި ރައީސް ޞާލިޙްއަކީ ޒަމާންވީ އެކުވެރިން ކަމަށް ވެފައި އެ ގުޅުމަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަމެވެ. ނަމަވެސް ވެރިކަން ފެށުމާއެކު ރެނދަކަށް ފަހު ރެނދެއް ލައި އެންމެ ފަހުން ވަކިވާ ހިސާބަށް މިއޮށް ދިޔައީއެވެ.

އެންމެ ފުރަތަމަ ނަޝީދަށް މައްސަލައަކަށްވީ ސަރުކާރު ހިންގާ ކޯލިޝަނެވެ. ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެން ދެން ފެންމަތި ކުރެއްވީ އެ ކޯލިޝަންގެ އެކިއެކި މައްސަލަތަކެވެ. ކޯލިޝަން ރޫޅާލާށޭ ވިދާޅުވާ ކަހަލައެވެ. ނަމަވެސް ރައީސް ޞާލިޙް އެ ފުރުސަތެއް ނުދެއްވިއެވެ. މިވެރިކަން ނިމެންދެން ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް ނަޝީދާއި ފައްޔާޒު: ޕާޓީ ތެރޭގައި ބްރޯ ހެދިގެން އުޅެގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވަނިކޮށް އެކަމަށް ފައްޔާޒު ވަނީ ރައްދު ދެއްވާފައި ----

އެމްޑީޕީއަށް ޕާލަމެންޓްގެ މެޖޯރިޓީ ބޮޑުތަނުން ލިބުމާއެކު ދެން ނަޝީދު މަސައްކަތް ކުރެއްވީ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތެވެ. އެއީ ނަޝީދު އަބަދުވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް އެކަމަށް ވެސް ރައީސް ޞާލިޙް ދެއްވީ ފިނި ޖަވާބެކެވެ. ވެރިކަން ކުރާ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުން އެގޮތަށް އެދޭނަމަ ކަމަށް ވިދާޅުވެ އެހާ ހިސާބުން ފުއްދާލީއެވެ. ދެން ނަޝީދު ފާޅުގައި ވިދާޅުވީ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކައެވެ. އެކަމަށް ވެސް ރައީސް ޞާލިޙް ބީރު ކަންފަތެއް ދެއްވުމުން ނަޝީދު ހަތިޔާރު ނެންގިވިއެވެ. ރައީސް ޞާލިޙާއެކު ދެން ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަން އިއުލާން ކުރެއްވިއެވެ. ޔާމީނާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނަޝީދު ފާޅު ކުރެއްވިއެވެ. ނަމަވެސް ޕީޕީއެމްއިން އެކަމަށް މަރުހަބާއެއް ނުކިއެވެ.

މާ ގިނަ ދުވަސްތަކެއް ނުވެއެވެ. ނަޝީދުގެ ރާގު ބަދަލުވާން ފެށިއެވެ. ރައީސް ޞާލިޙަށް ތައުރީފު ކުރައްވަން ފެއްޓެވިއެވެ. އެކުގައި ފެންނަން ފެށިއެވެ. އޭރު ބައެއް މީހުންނަށް ހީވެފައި އޮތީ ބަރުލަމާނީ ނިޒާމަކަށް ދާން ޑީލެއް ހެދީ ކަމަށެވެ. ނަމަވެސް އެކަންވިތަނެއް ނުފެނުނެވެ. އަނެއްކާ ވެސް ނަޝީދުގެ ރާގު ބަދަލުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދާއި ރައީސް ޞާލިހް ދެ ފެކްޝަނަކަށް ބެހިފައިވާއިރު ނަޝީދު ގެންދަވަނީ ސީދާ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. ނަޝީދުގެ ފެކްޝަނުގައި މަދު މަޖިލިސް މެމްބަރުންތަކެއް ތިބިއިރު އެ ބޭފުޅުން ގެންދަވަނީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ނަޝީދު އެންމެ ފަހުން އެދިވަޑައިގެންފައި މިވަނީ ސަރުކާރުން ހިންގާ ކޯލިޝަނުން، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ވަކި ވުމަށެވެ. ނަޝީދު ވަނީ ސަރުކާރު އަންނަނީ ފެތެމުން ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު އެންމެ ރަނގަޅު ގޮތަކީ "ފެތެމުން އަންނަ ސަރުކާރާއެކު" ނުފެތުން ކަމަށެވެ. އަދި މި ސަރުކާރުގައި އެ ޕާޓީގެ މެންބަރުން އެދޭ ކަންކަން ނުވަނީ ކޯލިޝަންގެ ސަބަބުން ކަމަށް ވިދާޅުވާ ވާހަކަ ނަޝީދު ވަނީ ތަކުރާރުކުރައްވައިފައެވެ.

"މިވަގުތަށް މި ޕާޓީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާ އެކީ މި ޕާޓީ ނުފެތުން، ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރެއް ނޫން ކަމުން، އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި މި ޕާޓީގެ ވައުދުތައް ނުފުއްދެނީ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހާއި، ރައީސް ނަޝީދު ޓީމާއެކު ކޮމަންޑޫއަށް ވަޑައިގަންނަވަނީ --- ފޮޓޯ: އެމްޑީޕީ

މައްސަލައަކީ މަގުބޫލުކަމާއި ބާރު ގެއްލޭތީތަ؟

އެމްޑީޕީގެ ތާރީހަށް ބަލާއިރު ފެންނަނީ ވަރަށް ތަފާތު މަންޒަރެކެވެ. ނަޝީދުގެ ކުރިއަށް ދާން މަސައްކަތް ކުރުން އޮންނަނީ ކުށަކަށް ވެފައެވެ. މާޒީން އެ ވާހަކަ ވަރަށް ރަނގަޅަށް ބުނެދެއެވެ. އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވިވަޑައިގެންނެވީ އިބްރާހީމް އިސްމާޢީލް (އިބްރާ)އެވެ. އޭނާއަށް އެ މަގާމުގައި ހުންނެވުނީ އެންމެ 132 ދުވަހުއެވެ. ދެން ރައީސްކަމާއި ހަވާލުވި ޑރ. މުޙައްމަދު މުނައްވަރަށް އެމަގާމުގައި ހުންނެވުނީ 437 ދުވަހުއެވެ. ތަފާތު ފިއްތުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުން ވެސް އިސްތިއުފާދެއްވީއެވެ.

ދެން އެ މަގާމާ ހަވާލުވެވަޑައިގަތީ ޑރ. އިބްރާހީމް ދީދީ (ޑީޑީ)އެވެ. އޭނާއަށް އެމަގާމުގައި ހުންނެވުނީ އެއް އަހަރު ދުވަހުއެވެ. ކުއްލި ގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އިތުބާރު ނެތް ކަމަށް ފާސްކޮށް ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ވަކި ކުރެއްވީއެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެހެން ސަބަބުތަކެއް ދައްކައި އޭނާ ވެސް ޕާޓީން ވަކި ކުރީއެވެ. އެ ހަތަރު ބޭފުޅުންނަށް ވެސް ޖެހުނީ އެއް ދަތުރެވެ. ނަޝީދާ ދެކޮޅުވުމުން ހަމަޖެހުނީ ޕާޓީއާ ދުރަށް ވަޑައިގަންނަވާށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައިވާ ބޭފުޅުން އެކަން އަންގައި ފޮނުވި ސިޓީތަކުގައި މުޅިންހެން ވިދާޅުވެފައި ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ޕާޓީގެ ތެރޭގައި ހިނގާ ޑިމޮކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތުމާއެކު އެ މަގާމުގައި އެ ބޭފުޅަކު ދެމިހުންނެވުމަކީ އަދި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަކީ ޒަމީރު ގަބޫލުކުރެއްވޭ ކަމަކަށް ނުވާތީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި މެންބަރުކަމުން ވަކިވެވަޑައިގަތީ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއް ކަމަށް ވެއްޖިއްޔާ އެ މަގާމު އަދާކުރެވިދާނެ. ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ކުރިން ވިދާޅުވެފައިވެއެވެ.

މިސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރު، އަދި ރައީސް ޞާލިޙްގެ ފެކްޝަނުން އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަ ކުރައްވާ ފައްޔާޒް އިސްމާޢީލްއާ ނަޝީދާ މި ސަރުކާރުގައި މައްސަލަ ޖެހުނެވެ. އަދި ފައްޔާޒްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ވަކިކުރެވޭތޯ ނަޝީދު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ރައީސް ޞާލިޙް އެކަމަށް ތާއީދު ނުކުރެއްވުމުން އެކަންވީ ފެއިލްއެވެ. އެއީ ވެސް ޕާޓީގެ ތެރެއިން ނަޝީދު ބާރު ދަށްވާން ފެށިހިސާބެވެ.

ރައީސް ޞާލިހުއާއި ރައީސް ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖްލިސް

ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ އަތުގައި ލައްކަ ބާރާއި އެޑްވާންޓޭޖް އޮންނާއެވެ. ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫނަށް ވުރެ ޔާމީން ގަދަވިގޮތަށެވެ. އެހެން ކަމުން ނަޝީދަށް ވުރެ ރައީސް ޞާލިޙް ސިޔާސީ ގޮތުން މަގުބޫލު ވުމުގެ ފުރުސަތު އެބައޮތެވެ. މަޖިލިސް މެމްބަރުންނަށް ބެލިޔަސް ގިނަ މެމްބަރުން ތިއްބެވީ ރައީސް ޞާލިޙާއެކުއެވެ. މިއީ ވެސް ނަޝީދު ސަރުކާރާ ދެކޮޅަށް ތެދުވި ސަބަބަކަށް ވުން ގާތެވެ. އާންމު މެމްބަރުންގެ ތެރޭގައި މަގުބޫލީ ކޮން ބޭފުޅެއްކަން ކުރިއަށް އޮތް އެ ޕާޓީގެ އިންތިހާބުން އެނގިގެންދާނެއެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވާ ގޮތުގައި ނަޝީދު ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުންނަވައިގެން މިހާރު އެ އުޅުއްވަނީ ކުރިއަށް އޮތް އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގައި އާންމު މެމްބަރުންގެ ފިކުރު ވަކި ގޮތަކަށް ބަދަލު ކުރުމަށެވެ.

"މި ވަގުތަށް ސަރުކާރު ޑެމޭޖް ކޮށްފައި ސިޔާސީ ގޮތުން ކާމިޔާބު ކުރަން އެ އުޅުއްވަނީ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރައީސް ނަޝީދު މި ސަރުކާރާ ދޭތެރޭ ހިތްހަމަ ޖެހޭ،" ޝިފާއު ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާގޮތުގައި 2023ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ނަޝީދަށް ލިބިވަޑައި ނުގަތަސް ރައީސް ޞާލިހާއެކު އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރުމަށް ނަޝީދު މަސައްކަތް ކުރައްވާނެއެވެ.

"މި އިންތިހާބަށް ފަހު، މާދަމާ ނުކުމެ ސަރުކާރުގެ ދިފާއުގައި ނަޝީދު މަސައްކަތް ކުރައްވާނެ. ދެން އަންނަ އިންތިހާބުތަކުގައި ގުޅިގެން. މަސައްކަތް ކުރައްވާނެ،" ޝިފާއު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ރާޝިދު ވިދާޅުވިގޮތުގައި ނަޝީދު އެ އަމަލު ކުރައްވަމުން ގެންދަވަނީ ރަނގަޅަށް ނޫނެވެ. ފާޑު ކިޔަސް އަދި ދެކޮޅު ވިޔަސް ވަކި ލެވަލްއެއް އޮންނަން ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އަދި ނަޝީދުގެ އެ އަމަލުތައް އޭނާ ސިފަ ކުރަނީ ސިޔާސީ އުކުޅެއްގެ ގޮތުގައެވެ.

"އެއީ އެ މަނިކުފާން ސިޔާސީ ގޮތުން ކުރިއަށް ދާން ކުރާ ކަމެއްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ކޮންމެ ބޭފުޅަކު ވެސް ސިޔާސީ ގޮތުން ކުރިއަށް ދާންތާ ކަންކަން މި ކުރައްވަނީ،" ރާޝިދު ވިދާޅުވިއެވެ.

ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންގެ ޓީމުން ދައްކާ ވާހަކަތަކަކީ ދައްކަން ނުޖެހޭ ވާހަކަތަކެއް ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.

ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ކުރިއަށް އޮތް އެ ޕާޓީގެ އެތެރޭގެ އިންތިހާބު ރައީސް ޞާލިޙްގެ ފެކްޝަނުން ކާމިޔާބު ކޮށްފިނަމަ ނަޝީދު އެ ޕާޓީން އެކަހެރި ކުރާނެއެވެ.

މި ސަރުކާރަށް ތާއީދު ކުރައްވާ ޝިފާއު ވިދާޅުވިގޮތުގައި އެމްޑީޕީއަކަށް ނަޝީދު ރިޕްލޭސްއެއް ނުކުރެވޭނެއެވެ. ނަޝީދުގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ދަށްވާނަމަ އެއީ އެމްޑީޕީއާއި ގައުމަށް ވެސް ލިބޭ ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާބޮޑު ދިރާސާއެއް ކުރާކަށް ނުޖެހެއެވެ. އެމްޑީޕީގެ މާޒީއާއި މި ފަހުން ކަން ހިނގާފައިވާ ގޮތްތަކަށް ބަލާލުމުން މަންޒަރު ވަރަށް ސާފުކޮށް އެބަފެނެއެވެ. ޒަމާނުންސުރެ ނަޝީދު ބޭނުންފުޅު ގޮތަކަށް ހިންގަމުން އައި އެމްޑީޕީގެ ތެރޭގައި އެ މަނިކުފާންގެ ބާރު ދަށްވާން ފަށައިފިއެވެ. ފައްޔާޒު ވަކި ނުކުރެވުމުން ވެސް އެކަން ސާފުވެއެވެ. ބަރުލަމާނީ ނިޒާމެއް ނުގެނެވުނެވެ. ބޮޑުވަޒީރަކަށް ނުވެވުނެވެ. މަޖިލީހުގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތެވެ. އަދި ދެން އޮތް ރިޔާސީ އިންތިހާބެއްގައި ވެސް އެމްޑީޕީގެ ޓިކެޓް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. ނަޝީދުގެ ހަގީގީ މައްސަލައަކީ މިއީ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް