ގަދަ ހަތަރެއް ގެއްލިއްޖެ: ރަންގްނިކް

ޔުނައިޓެޑްގެ ކޯޗު ރަންގްނިކް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުންވީ ބައްޔާއެކު، ލީގުގެ ގަދަ ހަތަރެއް މެންޗެސްޓާ ޔުނައިޓެޑަށް ގެއްލިއްޖެކަމަށް އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

އާސެނަލް އަތުން 3-1އިން ބަލިވެ ޔުނަައިޓެޑް އޮތީ 54 ޕޮއިންޓާއެކު ލީގުގެ ހަ ވަނަ މަގާމުގައެވެ. ހަަތަރު ވަނައިގައި އޮތް އާސެނަލްއާއި ޔުނައިޓެޑާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ފަސް ވަނައިގައި ޓޮޓެންހަމާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.

މެޗަށް ފަހު ލީގުގެ ގަދަ ހަތަރަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރަންގްނިކް ބުނެފައިވަނީ، ޔުނައިޓެޑަށް މިހާރު އެ ފުރުސަތު ގެއްލިއްޖެކަމަށެވެ. އަދި އޭނާއަށް މިހާރު އެކަން ޔަގީންވެއްޖެކަމަށެވެ.

"މެޗުގެ ކުރިން އަހަރެންނަށް ވެސް ނޭންގެ ވާނެ ގޮތެއް. އެކަމަކު، މިއަދުގެ ނަތީޖާއާއެކު ޔަގީނުން ވެސް އެ ފުރުސަތު ގެއްލިއްޖެ،" ރަންގްނިކް ބުންޏެވެ.

މީގެ އިތުރުން ރަންގްނިކް ބުނެފައިވަނީ ކުރީ މެޗުތަކާ އަޅާ ބަލާއިރު، ޓީމުގެ ކުޅުން ރަނގަޅު ކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް، އަދި ވެސް ޓީމުގެ ޑިފެންސް ލައިނުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ރަންގްނިކް ވަނީ މެޗުގައި ވީއޭއާރުގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

"އަހަރެންނަށް އާސެނަލުން ޖެހި ތިން ވަނަ ލަނޑު ސާފުކޮށް އޮފްސައިޑް. އަދި ރޮނާލްޑޯ ޖެހި ދެ ވަނަ ލަނޑު އޮފްސައިޑެއް ނޫން. އަހަރަމެން މިތިބީ ވީއޭއާރުގެ ނިންމުމާމެދު އެހާ އުފަލުންނެއް ނޫން،" އިތުރަށް ވާހަކަ ދައްކަމުން ރަންގްނިކް ބުންޏެވެ.

އިއްޔެގެ ބައްޔާއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ޔުނައިޓެޑުން ކުރަމުން އައި މަސައްކަތަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެއެވެ.

comment ކޮމެންޓް