އާސެނަލް އަތުން ވެސް ބަލިވެ ޔުނައިޓެޑަށް ހާސްކަން

މިއަދު އާސެނަލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އާސެނަލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑަށް އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއަދުގެ މެޗުގައި އާސެނަލްއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ނިކުތްއިރު، ޔުނައިޓެޑް ހަ ވަނައިގައި އޮތީ 54 ޕޮއިންޓާްއެކުއެވެ. ފަސް ވަނައިގައި އާސެނަލް އޮތީ 57 ޕޮއިންޓާއެކުއެވެ. އެހެންކަމުން މިރޭގެ މެޗުގައި އާސެނަލް ބަލިކޮށް ޕޮއިންޓުގެ ގޮތުން އެ ޓީމާ އެއްވަރުކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ ބަލިކޮށް، އެ ރޫހުގައި ނިކުމެ އާސެނަލުން މިއަދު ވަނީ 3-1 އިން ޔުނައިޓެޑް ބަލިކޮށް، ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފައެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓިމަށް ކާމިޔާބުކޮށްދިނީ ނޫނޯ ޓަވަރޭސްއެވެ. މި ލަނޑަަށް ފަހު ވެސް އާސެނަލުން އިތުރު ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން މެޗުގެ 30 ވަނަ މިނެޓުގައި ލަނޑެއް ޖެހިނަމަވެސް، ވީއޭއާރުން ނިންމާފައިވަނީ ގޯލު ބަލައިނުގަތުމަށެވެ.

އޭގެ ތިން މިނެޓު ފަހުން އާސެނަލްގެ ބުކަޔޯ ސަކާއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީގައި އާސެނަލްގެ ދެވަނަ ލަނޑު ޖަހައިދިނީ ސަކާއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެެވެ. މެޗުގެ 34 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާ ޕްރިމިއާ ލިގުގައި ޖެހި 100 ވަނަ ލަނޑެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 57 ވަނަ މިނެޓުގައި ޔުނައިޓެޑަށް ވަނީ ޕެނަލްޓިއެއް ލިބިފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ބްރޫނޯ ފެނާންޑޭސް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. ޕެނަލްޓީ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފައެވެ.

އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ނިންމާފައިވަނީ ގޯލު ބަލައިނުގަތުމަށެވެ. އާސެނަލްގެ ތިން ވަނަ ލަނޑޫ މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ ގްރޭނިޓް ޝަކާއެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލަށެވެ.

މިއަދުގެ މޮޅާއެކު އާސެނަލް ވަނީ 33 މެޗުން ޖުމުލަ 60 ޕޮއިންޓު ހޯދައިގެން ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފައެވެ. މެޗުން ބަލިވި ޔުނައިޓެޑް ހަ ވަނައިގައި އޮތްއިރު، މިއީ ގަދަ ހަތަރަކުން ޖާގަ ހޯދައި، ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ޔުނައިޓެޑުން ކުރާ މަސައްކަތަށް ކުރިމަތިވި އިތުރު ހުރަހެކެވެ.

comment ކޮމެންޓް