ފުވައްމުލަކަށް އެންމެ މުހިއްމު މަޝްރޫއުތަކާ ގުޅޭގޮތުން ނައިބު ރައީސްއާއެކު މަޝްވަރާ ކޮށްފި

ނައިބު ރައީސް ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ފުވައްމުލައް ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫއު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ނައިބު ރައީސްއާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު މެންދުރު ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާއިރު ރައްޔިތުންނަށް އެންމެ ފައިދާކުރަނިވިގޮތަށް، މިހާރަށް އެންމެ ބޭނުންހިފޭނެ ސަރަހައްދުތަކަށް އިސްކަންދިނުން ހިމެނެއެވެ.

އޭގެ އިތުރުން ފުވައްމުލައް ސިޓީގައި އިތުރު ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އިތުރުން ސުކޫލާއި ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުމާމެދު މަޝަވަރާކުރެވުނެވެ. އަދި މަޑުޖެހިފައިހުރި ޕީއެސްއައިޕީ މަޝްރޫއުތައް އަވަސް ފުރުސަތެއްގައި އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް އިތުރުކުރެވިގެންދާ ވަޒީފާގެ ފުރުސަތުތަކަށް ކުދިން ހޮވުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުމަށާއި އެފަދަ ފުރުސަތުތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށާއި އާންމު މިންގަޑަށްވުރެ ދިރިއުޅުމުގެ ހާލަތު ދަށް އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް އިސްކަންދެވެން އޮތްނަމަ އެކަން ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަަދު ޒާހިރު އާއި ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފްގެ އިތުރުން މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު މިހާދު ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް