ޕާލަމެންޓްގައި ދޮގު ހެެއްދެވިކަން އިނގިރޭސި ބޮޑުވަޒީރުގެ މައްޗަށް ސާބިތުވަނީ

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

ލަންޑަން (އެޕްރީލް 23): އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގައުމުގެ ޕާލަމެންޓް ކަމަށްވާ ހައުސް އޮފް ކޮމަންސްގައި އިތުރުފުޅު ހެއްދެވި މައްސަލައެއް ފެންމަތިވެ އެމައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ޖޯންސަން އިތުރުފުޅު ހެއްދެވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގައި ގައިދުރުކަން ބެހެއްޓުމާއި މީހުން ބޭރަށް ނުކުތުމާ އަދި އެއްތަނަކަށް އެއްވެއުޅުން މަނާކޮށްފައިވަނިކޮށް އެކަން ބޮލާލައި ޖެހުމަށްފަހު ގިނަ ބަޔަކު އެއްތަނަކަށް އެއްކޮށްގެން ޖޯންސަން ޕާޓީކުރައްވައި މަޖާކުރެއްވި މައްސަލަ ފަޅައިއެރުމުން އެކަމުން ރެކިވަޑައިގަތުމަށް ކުރެއްވި މަސައްކަތުގެ ތެރޭގައި އެކިފަހަރު އެކިގޮތަށް ޕާލަމެންޓްގައި ވާހަކަ ދައްކަވައިގެންނެވެ.

ގަވައިދާ ޚިލާފު މިއަމަލުން ސަލާމަތްވެ ވަޑައިގަތުމަށް ޖޯންސަންވަނީ ހައުސް އޮފް ކޮމަންސްގެ ތަޅުމުގައި އެކިފަހަރު އެކިގޮތަށް ވާހަކަދައްކަވާފައެވެ. ގަވައިދާ ޚިލާފަށް ކުރެއްވިކަމުން ސަލާމަތްވުމަށް އެކިފަހަރު އެކިގޮތަށް ވާހަކަ ދެއްކެވުމުން ޖޯންސަންގެ ގިނަ ވާހަކަތަކުގައިވަނީ ދޮގުކަން ތަޅުމުގެ ވާހަކަތަކުގެ ރެކޯޑިންތަކުން ވަނީ ހާމަވެފައެވެ.

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން އެގައުމުގެ ޕާލަމެންޓް ކަމަށްވާ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަނީ

ހައުސް އޮފް ކޮމަންސް ގެ ކޮމިޓީއަކުން މިމައްސަލަ ތަހުގީގު ކުރަމުން ގެންދާއިރު ޖޯންސަން އިތުރުފުޅު ހެއްދެވިކަން ސާބިތުކުރެވޭ ވަރުގެ ހެކި ޕާލަމެންޓްގެ ޖަލްސާތަކުގެ ރެކޯޑިންގް ތަކުގައި ހުރިކަމަށް އިނގިރޭސި ނޫސްތައް ބުނެއެވެ.

ކޮވިޑް-19 އާ ދެކޮޅަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ޖޯންސަންއާއި އޭނާގެ އަނބިކަނބަލުން ކެރީއާއި އޭނާގެ ސަރުކާރުގެ ބައެއް އިސްވެރިން ޚިލާފުވެ ވަޑައިގަތް މައްސަލަ ތަހުގީގު ކުރުމުން އެކަންވަނީ ސާބިތުވެފައެވެ. ސާބިތުވުމާ ގުޅިގެން މީގެ ދިހަވަރަކަށް ދުވަސްކުރިން އިނގިރޭސި ފުލުހުންވަނީ ޖޯންސަންއާއި އޭނާގެ އަނބިކަނބަލުން ކެރީ އަދި ޖޯންސަންގެ ސަރުކާރުގެ މާލީ ވަޒީރު (ޗާންސެލާ އޮފް އެކްސް ޗެކާ) ރިޝީ ސުނާކު ރަސްމީކޮށް ޖޫރިމަނާކޮށްފައެވެ.

މަގާމުގައި ދެމިހުންނެވޭނީ ޖޫރިމަނާގެ ފައިސާ ދައްކައިގެން ކަމަށްވާތީ ޖޯންސަންވަނީ އެފައިސާ ދައްކަވާފައެވެ. ނަމަވެސް މިއާއެކު ޖޯންސަންއަށްވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގައި ހުންނަވައި އެގައުމުގެ ގާނޫނާއި ގަވައިދާ ޚިލާފަށް އަމަލުކުރެއްވިކަން ސާބިތުވި އިނގިރޭސި ފުރަތަމަ ބޮޑުވަޒީރު ކަމުގެ ހުތުރު ނަން ލިބިވަޑައިގެންފައެވެ.

މިމައްސަލާގައި މަގާމުން އިސްތިއުފާ ދިނުމަށް ޖޯންސަންއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވިނަމަވެސް އިސްތިއުފާ ދެއްވަން ޖޯންސަންވަނީ ދެކޮޅު ހައްދަވާފައެވެ. މީގެކުރިން ޖޯންސަންގެ މައްޗަށްވަނީ އިނގިރޭސި ރާނީ އެލިޒަބަތުއަށްވެސް އޮޅުވާލެއްވި ކަން ސާބިތުވެފައެވެ. އެފަހަރު އެކަމުން ޖޯންސަން އަށް ސަލާމަތްވެވުނީ އެކަމަށް އިއުތިރާފުވެ ރާނީގެ އަރިހުން މައާފަށް އެދިވަޑައިގަނެގެންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ޚިލާފުވި މައްސަލާގައި އިނގިރޭސި ޕާލަމެންޓްގައި ޖޯންސަން ދޮގު ހެއްދެވިކަން ކަމާބެހޭ ކޮމިޓީގެ ތަހުގީގުތަކުން ސާބިތުވެއްޖެނަމަ ކުރީގެ ދެމައްސަލައާ ގުޅިގެން ކުރިމަތިނުވާފަދަ ސިޔާސީ ބޮޑެތި ފިއްތުންތަކެއް ޖޯންސަން އާ ކުރިމަތިވެ ވަޑައިގަންނަވާނެއެވެ. އޭގެތެރޭގައި އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުންފަދަ ފިއްތުންތައްވެސް ހިމެނިދާނެކަމަށް އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫސްތައް ބުނެއެވެ.

comment ކޮމެންޓް