ޤާނޫނީ ޒިންމާ އަދާ ކުރެވޭނެ ކަނބަލަކު ވިލިމާލޭ ގޮނޑިއަށް ގެންނަންޖެހޭ: ނާޒިމް

އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް -- ސަން ފައިލް ފޮޓޯ

ޤާނޫނުން މަތިކޮށްފައިވާ ކަންކަން ކޮށްދެވޭނެ ކަނބަލަކު، ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ގެންނާންޖެހޭ ކަމުގައި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް ކުރިމަތިލާ ކެންޑިޑޭޓް، އައިމިނަތު ޝީޒާގެ ވިލިމާލޭ ކެންޕެއިން ޖަގަހަ ހުޅުވުމަށް ރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ޑަބްލިއުޑީސީގެ މެންބަރަކު ކުރުމަށް ޤާނޫނުގައި ވަކި ކަންތައްތަކެއް ލިޔެފައި އެބަ އޮތް ކަމަށާއި އެހެންކަމުން އެމްއެންޕީގެ ފަރާތުން ނެރެނީ އެކަންކަން ކުރެވޭ ވަރުގެ ޤާބިލު ކަމާއި އަދި އެހާމެ ތަޖުރިބާ ހުރި، ކަނބަލެއް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ އެ އިންތިޚާބުގައި ވިލިމާލޭ ދާއިރާގެ މެންބަރެއްގެ ގޮތުގައި އަންހެން ކަނބަލަކު ހޮވާފައި މިހާރު ވެސް އެބަހުރި ކަމަށާއި އެހެނަސް ކައުންސިލްގައި އަންހެނުންގެ އަޑު އުފުލާ މަންޒަރު އަދިވެސް ނުފެންނަ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އަދިވެސް ނުފެނޭ ވިލިމާލޭ ދާއިރާއަށް ހޮވާފައިހުރި އެ އަންހެން މެންބަރަށް އެކަށީގެންވާ ގޮތެއްގައި ވަކާލާތު ކުރެއްވޭ ތަނެއް. އެހެންވީމަ ޤާނޫނީ ގޮތުން މަތިކޮށްފައި ހުރި ކަންކަން ކުރެވޭ ވަރުގެ ކަނބަލެއް މި ދާއިރާއަށް އެބަ ބޭނުންވޭ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝީޒާއަކީ ކައުންސިލަށް ބޭނުންވާ ލަފާ ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަންހެނުންގެ އަޑު ކައުންސިލަށް އިއްވާނެ، ވަރަށް ކެރޭ އަދި އެހާމެ ހިތްވަރު ގަދަ ކެންޑިޑޭޓެއް ކަމަށެވެ.

"ޝީޒާއަކީ މިކަން ކުރެވޭނެ ކަނބަލެއް. ޝީޒާއަކީ ތިޔަ ހުރިހާ ލޮބުވެތި އަންހެން ކަނބަލުންގެ އަޑު ބާރަށް އުފުލާ، އެ އަޑު އިއްވާ އެކަން ކުރުމަށް ޓަކައި ފަސްޖެހުމެއް ނެތި މަސައްކަތް ކުރާނެ ކަނބަލެއް ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން،" ނާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ވިދާޅުވީ ޤާނޫނީ ގޮތުން ޑަބްލިއުޑީސީގެ މެންބަރުންނަށް ވަރަށް ބޮޑެތި މަސްއޫލިއްޔަތު ތަކަކާއި ބާރުތަކެއް ދީފައި އެބައޮތް ކަމަށެވެ.

އެގޮތުގެ މަތިން ކައުންސިލުން ކުރާ ތަރައްޤީގެ ކަންކަމާއި މުނިސިޕަލް ކަންކަމުގައި ކައުންސިލަށް ލަފާ ދިނުމަކީ ޑަބްލިއުޑީސީން ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ މާލޭ ސިޓީ ކައުންސިލަށް ލަފާ ދިނުމުގައި ވެސް މާލެ ސިޓީގައި މި އޮތް ޑަބްލިއުޑީސީ އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ވެސް ކުރެވިފައި ހުރިހެނެއް. އަދި ޒިންމާ އަދާކުރަމުން އަންނަ ތަނެއް ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ،" އުޝާމް ވިދާޅުވިއެވެ.

ޑަބްލިއުޑީސީގެ މެންބަރުން އަދާ ކުރަންޖެހޭ ޒިންމާތަކުގެ ގޮތުގައި އުޝާމް ވިދާޅުވީ ރަށެއްގެ ނުވަތަ ސިޓީއެއްގެ އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމާއި އެ ސިޓީއެއްގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ބާރުވެރިވުން އިތުރު ކުރުންކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މަތީ ތަޢުލީމު ހާސިލު ކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމާއި އަދި އަންހެނުންނާއި ކުޑަ ކުދިންގެ ސިއްޙީ ހާލަތު ރަނގަޅު ކުރުމާއި އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަކީ ވެސް ޤާނޫނުން ޑަބްލިއުޑީސީގެ މައްޗަށް ލާޒިމު ކޮށްފައި އޮތް ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށް ކަން އުޝާމް ވިދާޅުވިއެވެ.

"ޤާނޫނުގައި މިދެންނެވި ސަބަބުތައް ކަނޑައަޅާފައި އޮތީމަ މި ކަންކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ޑަބްލިއުޑީސީއަށް ހޮވަށް އަޅުގަނޑުމެންނަށް މި ޖެހެނީ. މި ސަބަބަށް ޓަކައި އަޅުގަނޑުމެން ޝީޒާ ފަދަ ބޭފުޅުން ޑަބްލިއުޑީސީއަށް ހޮވަން މިޖެހެނީ،" އުޝާމް ވިދާޅުވިއެވެ.

"ޤާނޫނޫގައި އެ ބުނާ މެންޑޭޓް ފުރިހަމައަށް އަދާ ކުރުމުގެ ތަޖުރިބާ އާއި ޤާބިލުކަން ހުރި ބޭފުޅެއް ޝީޒާއަކީ"

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާލި ފުރުސަތުގެ ވަގުތު ހަމަވިއިރު ކުރިމަތިލީ ޕީޕީއެމްއާއި، އެމްއެންޕީންނެވެ.

ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ފާތިމަތު ނާޒިމާ ވާދަ ކުރާއިރު، އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް މޭ މަހުގެ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފަށައިގެން ހަވީރު 4:00އަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެ މަޤާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.

comment ކޮމެންޓް