"ރޯދަމަހާއެކު ޝައްވާލްމަހުގެ ހަ ރޯދަ ހިފުމުން، މުޅި އަހަރު ރޯދަ ހިފިފަދަ"

ހުކުރު ނަމާދަށް ބަޔަކު އިސްލާމީ މަރުކަޒަށް އަރަނީ -- ސަން ފައިލް ފޮޓޯ

ރަމަޟާންމަހުގެ ރޯދައާ ވިދިގެން، ޝައްވާލްމަހުގެ ސުންނަތް ހަ ރޯދަ ހިފި މީހާ، މުޅި އަހަރު ރޯދަ ފިހި ފަދަކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، 'ރަމަޟާން މަހުގެ ރޯދައާއި ފިތުޔު ޒަކާތް' މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ.

ރަމަޟާންމަހުގެ ރޯދަ ނިމުމުކަމަށްވީ ނަމަވެސް ރޯދަ ހިފުން ހުއްޓާ ނުލުމަށް ޚުޠުބާގައި ގޮވާލިއެވެ. އަދި ޝައްވާލް މަހުގެ ހަ ރޯދަ ހިފާއިރު، ވިދިވިދިގެން ހިފި ނަމަވެސް ނުވަތަ ވަކިވަކިން ހަ ރޯދަ ހިފި ނަމަވެސް އެންމެ ރަނގަޅުވާނެ ކަމަށާއި، ޝައްވާލް މަސް ނިމުމުގެ ކުރިން ހަ ރޯދަ ހިފައިފިނަމަ މުޅި އަހަރު ރޯދަ ހިފުމުގެ ޘަވާބު ޙާސިލުވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، ރަމަޟާން މަހު ހިފި ރޯދަ ފުރިހަމަ ކޮށްދެއްވުމަށްޓަކައި، ފިޠުރު ޒަކާތް ޝަރްޢު ކުރައްވާފައި ވާކަމަށެވެ. އެއީ ރަމަޟާމަހު ހިފި ރޯދައިގައިވާ އުނިކަންތައް ފިލުއްވައިދިނުމަށްޓަކައި ކަމަށެވެ.

"މާތް ﷲ މުސްލިމުންގެ މައްޗަށް ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ މަތިވެރި މާތް މަޤްޞަދަކަށްޓަކައި. އޭގެތެރޭގައި ފަޤީރުން ޢީދު ދުވަހު ފުދުންތެރި ބަޔަކަށް ހެދުމާއި، އެމީހުންގެ އެދުވަހުގެ މުހުތާދުތައް ފުއްދައިދިނުމާއި ޢީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުންވޭ،" ޚުޠުބާގައި ބުންޏެވެ.

ޒަކާތުގެ ސަބަބުން މުސްލިމުންގެ މެދުގައި ކުލުނާއި ލޯތްބާއި އެކުވެރިކަން ޤާއިމުވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން، ފިޠުރު ޒަކާތަކީ، އަތްމަތި ދަތި ޙާލުގައިވެސް ހޭދަކުރުމަށް މުސްލިމުންނަށް ދެވޭ ތަމްރީނެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

މުސްލިމުންގެ އަތްތައް އަބަދުވެސް ވާން ޖެހޭނީ ހޭދަކުރާ އަތްތަކަކަށް ކަމަށާއި މި ޒަކާތުގެ ސަބަބުން، އަހަރުތެރޭގެ އެންމެ ދުވަހަކު ނަމަވެސް ހޭދަކުރި މީހަކަށް ވުމުގެ އުފާ ޙާސިލުވެގެން ދާނެ ކަމަށް ޙުޠުބާގައި ބުންޏެވެ.

comment ކޮމެންޓް