ރައީސްގެ ގަރާރަށް ފާޑުކީ މައްސަލައިގައި ޝެއިޚް ޒަމްޒަމް ސަސްޕެންޑުކޮށްފި

ޝެއިޚް ޒަމްޒަމް ފާރިޝް ---

"އިންޑިއާ އައުޓް" މައްސަލައިގައި ރައީސް މިއަދު ނެރުއްވި ގަރާރަށް ފާޑުކިޔައި ޓްވީޓުކުރި މައްސަލައިގައި ޢަރަބިއްޔާ ސްކޫލުގެ މުދައްރިއްސެއްގެ ވަޒީފާގައި ހުންނެވި ޝެއިޚް ޒަމްޒަމް ފާރިޝް ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ސޮއި ކުރައްވައި މިއަދު ޒަމްޒަމަށް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ، އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ޚިލާފުކަމެއް ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެވިފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

އެ މައްސަލައިގައި ޒަމްޒަމް ސަސްޕެންޑުކޮށްފައިވަނީ 30 ދުވަހަށެވެ. އޭނާ ޢަރަބިއްޔާ ސްކޫލުގައި އަދާކުރައްވަނީ ޙަދީޘް މުދައްރިސެއްގެ ވަޒީފާއެވެ.

ރައީސްގެ ގަރާރަށް ފާޑުކިޔާ ޒަމްޒަމް މިއަދުކުރި ޓްވީޓުގައި ބުނެފައިވަނީ، އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ލިޔުމުން ވެސް ގައުމީ ސަލާމަތަށް ނުވި ނުރައްކަލެއް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ދަމާ ބެނާ އަކުން ވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

ޒަމްޒަމްގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނީ ރައީސް މިއަދު ނެރުއްވި ގަރާރަށް ފާޑުކިޔަމުންނެވެ. އެގޮތުން، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވެސް ވަނީ ރައީސްގެ ގަރާރަކުން ޚިޔާލުފާލުކުރުމުގެ މިނިވަންކަން ހަނި ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

"އިންޑިއާ އައުޓް" މައްސަލަ ހޫނުވެފައި މިވަނީ މާލޭގެ ބައެއް އިމާރާތް ތަކުގައި އެ ޝިއާރު ހިމެނޭ ބެނާތަކެއް ދެމުމުންނެވެ. އެގޮތުން ޕީޕީއެމް އޮފީސް ހުންނަ ހ. ހުރަފާ އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަމިއްލަ ގެ، ހ.ދޫވެހީގެ އިތުރުން ވެސް ބައެއް އިމާރާތްތަކުގައި އެފަދަ ބެނާތައް ވަނީ ދަމާފައެވެ.

ފުލުހުން މިއަދު ވަނީ ކޯޓު އަމުރާއެކު ގޮސް އެެ ބެނާތައް ނަގާފައެވެ. އަދި، ރައީސް މިއަދު ނެރުއްވި ގަރާރަކުން ވަނީ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ނިންމަވާފައެވެ. މިއީ ފެހި ގާނޫނުއަސާސީ ވުޖޫދުވީ ފަހުން، ރައީސްގެ ގަރާރަކުން މިފަދަ ކަމެއް މަނާކުރި ފުރަތަމަ ފަހަރެވެ.

އިިދިކޮޅު ކޯލިޝަނުން ވަނީ ރައީސްގެ ގަރާރަކީ ގާނޫނުއަސާސީއާ ޚިލާފު ގަރާރެއް ކަމަށާއި، އެ ގަރާރު ބާތިލުކުރުމަށް ކޯޓަށް ދާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް