އެމްއެޗްއެން ގަރާޖުގައި ރޯވި އަލިފާނާއެކު ފޫނުބެއްދޭވަރުގެ ގެއްލުން!

ރަށްދެބައި މަގުގައި ހުންނަ އެމްއެޗްއެން ގަރާޖު ކުރިމަތީ ސައިކަލުތަކުގައި ރޯވެފައި -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

މަޖީދީ މަގުން ދުއްވައިފައި ދަނިކޮށް، ރަށްދެބައި މަގުގެ ދެކުނު ކޮޅުން ފެނުނީ ބޮޑު ހުޅުގަނޑެކެވެ. ވަގުތުން އެ ދިމާއަށް ސައިކަލުގައި އަޅުގަނޑު ވެސް ނައްޓައިލީއެވެ.

އެ ސަރަހައްދަށް ދިޔައިރު މީހުންގަނޑު އޮތީ އެއްވެފައެވެ. މާ ރަނގަޅަކަށް ވާނުވާއެއް ނޭނގުނެވެ. މަންޒަރު ބަލަން އެތަނުގައި ހުއްޓައި ކައިރީގައި ހުރި އަންހެނަކު ގިސްލާ ރޯން ފެށިއެވެ.

އެއީ އެ މީހުން ދިރިއުޅުނު ގެ އަނދާ އަޅިއަށްވާތަން ބަލަން ކެތް ނުވެގެންނެވެ. އެ ހާލަތުގައި ކޮންމެ މީހަކަށް ވެސް ވާނީ އެހެންނެވެ.

ވާނުވާ ރަނގަޅަށް ބެލިއިރު އަލިފާން ރޯވީ ގ. ނިއުކޮލަމްބިއާ ގެޔާ އިންވެގެން ހުންނަ އެމްއެޗްއެން ގަރާޖުގައެވެ.

ނިއުކޮލަމްބިއާ ގޭގެ ވެރިޔާ، މުހައްމަދު އަނިލް "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާއަށް ފުރަތަމަ ފެނުނީ ގަރާޖު ތެރޭގައި ހުރި ސައިކަލެއްގައި ރޯވި މަންޒަރެވެ.

"އެ ސައިކަލުގައި ރޯވެފައި ދެން އިވުނީ އެއްޗެހިތަކެއް ގޮވި އަޑު. އެ ހިސާބުން ފެތުރިގަތީ،" އަނިލް ކިޔައިދިނެވެ.

އަލިފާން ރޯވީ ނިއުކޮލަމްބިއާއާ އިންވެގެން ހުންނަ ގަރާޖުގައި --

ނަސީބު ރަނގަޅެވެ. ﷲގެ ރަހުމަތްފުޅާއެކު އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އެހެން ނަމަވެސް، އެ ސަރަަހައްދުގައި ތިބި ބައެއް މީހުންނަށް ދުމުގެ އަސަރު ކުރުމުގެ ސަބަބުން ރެޑްކްރެސެންޓުގެ ބޭފުޅުން ދިޔައީ ފަރުވާ ދެމުންނެވެ.

އަނިލް ކިޔައިދިން ގޮތުގައި ދެ ބުރިއަށް ހަދައިފައި ހުރި ނިއުކޮލަމްބިއާ ގޭގެ ބިތްތަކަކީ ވެސް ފްލައިވުޑް ފިލައިން ހަދައިފައިވާ ބިތްތަކެކެވެ. އެ ތަނުގައި އަލިފާން އެހާ ފަސޭހައިން ރޯވީ އެހެންވެކަމަށް ބެލެވެއެވެ.

ގަރާޖު އަނދާ އަޅިއަށް، ލައްކައިން ގެއްލުން!

އެ ސަރަހައްދުގައި ތިބި އެމްއެޗްއެން ގަރާޖުގެ މުވައްޒަފުންގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. އަނދާ އަޅިއަށްވަމުން ދިޔަ ގަރާޖާ ދިމާއަށް ބަލަހައްޓައިގެން ތިބީ ގޮތްހުސްވެފައިވާ ހާލުގައެވެ.

އެ ސަރަހައްދަށް ގަރާޖުގެ ފަރާތުން ގޮސް ހުރި މީހާ ބުނީ ރޯވީ ގަރާޖު ތެރޭގައި ހުރި ސައިކަލެއްގައި ކަމަށެވެ.

އެއީ ހޮންޑާ ވިނާރ ބްރޭންޑުގެ ސައިކަލެކެވެ. ސައިކަލުގެ މަސައްކަތް ކުރި އިރުގައި ވެސް ހުރީ ޕެޓްރޯލު އަޅައިފައެެވެ. ސައިކަލުގައި ރޯވާން މެދުވެރިވީ ދެ ވަޔަރެއް ޖެއްސި ވަގުތު ސޯޓެއް ވެގެންނެވެ.

"ފަސް ވަރަކަށް ލައްކަ ރުފިޔާގެ ގެއްލުން ތީ. ގަރާޖުގެ ބިއްދޮށަށް ތި ހުރީ އަހަރެމެންގެ އޭސީ މަސައްކަތް ކުރާ ބައި،" އޭނާ ކިޔައިދިނެވެ.

އަލިފާން ރޯވި އެމްއެޗްއެން ގަރާޖު މުޅިން އަނދައި ހުލިވެފައި -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

އެމްއެޗްއެން ހޯމް ސޮލިއުޝަންގެ އޭސީ މަސައްކަތް ކުރާ ބައި ވެސް ހުރީ އެ ގަރާޖުގެ ބިއްދޮށުގައެވެ. އެ ތަނުގެ ހާލަތެއް ވެސް އެ ވަގުތަކު ނޭނގެއެވެ. ގަރާޖުން ދިޔައީ ދުން އަރަމުންނެވެ.

އެ ސައިކަލުގެ ވެރި ފަރާތުން ކިޔައިދިން ގޮތުގައި އެއީ އޭނާ 2017ވަނަ އަހަރު ގަތް ސައިކަލެކެވެ. އެ ސައިކަލު މޮޑިފައި ކުރުމަށް ޓަކައި ލައްކައެއްހާ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ސައިކަލުގައި ރޯވުމުން ދަމާ ބޭރަށް ނެރެން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވިއެވެ. ސައިކަލު ވަނީ އެއްކޮށް އަނދާ އަޅިއަށް ވެފައެވެ.

ރޯވި ސައިކަލު އެނދުމުގެ ކުރިންނާއި އަނދާ ހުލިވި ފަހުން --

އެތެރެއަށް ވަނުމުގެ ހުއްދަ އަދި ދީފައި ނުވިޔަސް، ގަރާޖު އަނދާ ހުލިވެފައިވާތަން ބޭރަށް ފެނެއެވެ. ގަރާޖު ހުޅުވިތާ ވީ އަހަރެއްހާ ދުވަހެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނދާ ހުލިވެގެން އެ ދިޔައި އެތައް ލައްކަ ރުފިޔާއެކެވެ.

comment ކޮމެންޓް