އިންޑިއާ އައުޓް ހަރަކާތް ވަރަށް ފޯރިގަދަ ވެއްޖެ، އެ ފޯރީގައި ސަރުކާރު ބަލި ކުރާނަން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމްއިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނުގެ ފޯރި އޮތީ ވަރަށް ބޯޑަށް ގަދަވެފައިކަމަށާއި އެ ފޯރީގައި މި ސަރުކާރު ބަލި ކުރާނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެ ކުރިއަރައިގެން ހިނގައްޖެ ކަމަށެވެ.

"އިންޑިއާ އައުޓް ހަރަކާތް މިދަނީ ވަރަށް ފޯރިގަދަ ހިސާބަކަށް. މި ފޯރީގައި އިރާދަކުރެއްވިއްޔާ މި ދާ ގޮތަށް ގޮސް އަޅުގަނޑުމެން މި ސަރުކާރު ބަލިކުރާނަން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ފެންނަމުންދަނީ މި ސަރުކާރު ބަދަލުވާން އުޅޭކަމުގެ ހެކިތަށް ކަމަށެވެ. ދެން މި ސަރުކާރަށް ވެރިކަން ކުރަން ލިބޭނީ 15 މަސް ދުވަސް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ މި ދައުރު ނިމުމާއެކު ދެން މި ޤައުމުން ފެންނާނީ ޕީޕީއެމްގެ ވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެއީ މިއަދު ހަމައެކަނި ޕީޕީއެމް ބޭނުންވާ ގޮތް ނޫން ކަމަށެވެ.

މިއަދު ހުރިހާ ރައްޔިތުން ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެދެމުންދާ ކަމަށާއި، އެއީ ހަމައެކަނި ބަނދަރުތައް ހަދައި ފެނާއި ނަރުދަމާ އަޅަން ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް މިއަދު ދިވެހި ރައްޔިތުން ބޭނުން ވަނީ ދިވެހި ޤައުމުގެ މިނިވަން ކަމާއި އިސްތިޤުލާލު ދަމަހައްޓަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ހަމައެކަނި ތަރައްޤީ ހޯދަކަށް ނޫން. ހަމައެކަނި ބަނދަރު ހަދާކަށް ވެސް ނޫން. ހަމައެކަނި ފެނާ ނަރުދަމާ އަޅާކަށް ވެސް ނޫން. ދިވެހި ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ރައްކާތެރިކޮށް ދަމަހައްޓަން،" އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ އައުޓްގެ ފޯރި މިވަނީ ވަރަށް ގަދަ ވެފައެވެ. އިއްޔެ ޕީޕީއެމްގެ އޮފީހުގައި އަދި ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައި ހުރި އިންޑިއާ އައުޓް ބެނާ ވަނީ ފުލުުހުން ނިކުމެ ނަގާފައެވެ.

އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ ޤަރާރެއްވެސް ނެރެފައެވެ. އެ ޤަރާރުގައި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައިވެއެވެ.

comment ކޮމެންޓް