ޔާމީން އަވަހާރަކޮށްލުމަށް ބަޔަކު ރާވައިފައިވާ ކަމަށް ތުހުމަތުކުރެވޭ ގޮތަކަށް ރައީސް ވާހަކަފުޅު ދައްކަވައިފި

14:30


އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލެ ނުގެނެސް، ސިފައިން ހިމާޔަތް ދީގެން އާރަށުގައި އޭނާ ގެންގުޅުއްވަނީ ޔާމީން އަވަހާރަކޮށްލުމަށް ބަޔަކު ރާވައިފައިވާތީ ކަމަށް ތުހުމަތުކުރެވޭ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައިފި އެވެ.


ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިމާޔަތްދިނުމަށް ކަމަށް ބުނެ ސިފައިން ނުރުހުމުގައި ޔާމީން އާރަށަށް ގެންދެވި ފަހުން ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މީޑިއާއާ ކުރިމަތިލައްވާ ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ޔާމީނުގެ ހިމާޔަތުގެ މައްސަލައަށް ވަނީ އާ ބޮޅެއް އިތުރުވެ، އެތަކެއް އިތުރު ސުވާލުތަކެއް އުފެދިފަ އެވެ.


ޔާމީނުގެ ހިމާޔަތުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު އެންމެން ވެސް އަޑުއަހަން ބޭނުންވާ ސުވާލު ކަމުގައިވާ ޔާމީން ދޫކުރައްވާނެތޯ ނުވަތަ ނޫންތޯ، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަންއެފްއެމުން ވަނީ ރައީސަށް ދަންނަވައިފަ އެވެ. އެހެން ނަމަވެސް ޖަވާބުގައި ރައީސް ނަޝީދުގެ ވިދާޅުވީ، އެކިއެކި ޒަމާނުގައި އެކިއެކި ސިޔާސީ ފަރާތްތަކުން ގޮތްގޮތަށް ވަކާލާތުކޮށްގެން އެކިއެކި ބޭފުޅުން މާލެ އަރުވައި، އެ ބޭފުޅުން އަވަދިވެފައި އެބަހުރި ކަމަށެވެ. އަދި އެ ބޭފުޅުންގެ ޒިޔާރަތްތައް ހުރީ މާލެއިން ބޭރުގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ އެއްވެސް ބޭފުޅެއްގެ ސަލާމަތާ ގުޅޭ ގޮތުން ރިސްކެއް ނަންގަވަން ކެރިވަޑައިނުގަންނަވާނެ ކަމަށާއި އެމަނިކުފާނުގެ ޒައާމަތުގައި އެފަދަ ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ރައީސް ނަޝީދު ދެއްވި މި ޖަވާބަށް ބަލާއިރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލެ ނުގެނެސް، ސިފައިން ހިމާޔަތް ދީގެން އާރަށުގައި އޭނާ ގެންގުޅުއްވަނީ ޔާމީން އަވަހާރަކޮށްލުމަށް ބަޔަކު ރާވައިފައިވާތީ ކަމަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް ޔާމީންގެ ހަށިކޮޅަށް ގެއްލުމެއް ބަޔަކު ދޭން އުޅޭ ކަމަކަށް ރައީސް ނަޝީދު ސީދާ ވިދާޅެއްނުވެ އެވެ. ހަމަ އެއާއެކު ޔާމީނަށް ހިމާޔަތް ދެނީ "ކޮން އެއްޗެއް ނުވަތަ ކޮން ބަޔެއްގެ" ފަރާތުން ކަމެއް އަދި ސިފައިން ވެސް ހާމަކޮށްފައެއްނުވެ އެވެ.


ނަމަވެސް، ސިފައިން ޔާމީނަށް ހިމާޔަތްދޭން ޖެހުނު ސަބަބުތަކެއް ބަޔާންކޮށް ނެރުނު ނޫސް ބަޔާނަކުން މި މައްސަލައަށް އިތުރު އަލިއަޅުވާލާދެ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ޔާމީން ދިރިއުޅުއްވާ ގޭ ދޮށުގައި އޭނާގެ ސަޕޯޓަރުންނާއި އިދިކޮޅު މީހުންނާ ދެމެދު ތަޅާފޮޅުން އުފެދުމާއި އަދި މީގެ އިތުރުން ސިޔާސީ މަސްރަހަށް އައި ހަލަބޮލިކަން ދިރާސާކުރި ކުރުމުގައި ލިބުނު "ސިއްރު މައުލޫމާތަކާ" ގުޅިގެން ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.


މިއީ ސިއްރު މައުލޫމާތެއްކަމުން އެކަމުގެ ތަފްސީލު ސިފައިން ދެއްވުމަކީ ނާދިރު ކަމެކެވެ. އެހެންނަމަވެސް، ވަރަށް މުއުތަބަރު ފަރާތަކުން ސަންއެފްއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ "ސިއްރު މައުލޫމާތަކީ" ރައީސް ނަޝީދު ވެސް ޕްރެސް ކޮންފަރެންސުގައި އިޝާރާތްކުރެއްވި ކަންތަކެވެ. އެއީ ޔާމީން އަވަހާރަކޮށްލުމަށް ބަޔަކު ރާވާފައިވާކަމެވެ.


ނަމަވެސް ދެން އުފެދޭ ސުވާލަކީ ޔާމީން އަވަހާރަކޮށްލުމަށް ބޭނުންވަނީ ކޮން ބަޔަކު އަދި ކޮން މަގްސަދެއްގައިތޯ؟


މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޔާމީން ހައްޔަރުކުރުމަށާއި ބަންދުކުރުމަށް ތަކުރާރުކޮށް ގޮވާލަމުންދަނީ އެމްޑީޕީގެ ސަޕޯޓަރުންނެވެ. އެމީހުންގެ ހިތްތަކުގައި ޔާމީނާ ދޭތެރޭ އޮތް ދެކޮޅުވެރިކަމާ ނަފްރަތު ހަމަނުޖެހުން ހިންގި ރޭވެސް ވަނީ ފެނިފަ އެވެ. އަދި އެމްޑީޕީން ހުޅުވައިގެން އުޅޭ ރައްޔިތުންގެ ކޯޓުތަކުގެ ތެރެއިންވެސް އެ ނަފްރަތުގެ ކުލަވަރުތައް ފެންނަމުން. އެހެންނަމަވެސް، ޔާމީން އަވާހަރާކޮށްލުމާ ގުޅޭ ފަދަ ވާހަކައެއް އެމްޑީޕީ ސަޕޯޓަރުންނެއްވެސް ފާޅުގައި ދައްކާފައެއް ނުވާކަން ފާހަގަކޮށްލެވެ އެވެ.


ޔާމީނު އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދިޔަ ކަމަށް ބުނާ މައްސަލާގައި ސަންއެފްއެމުން ޔާމީނަށް މިއަދު ސުވާލު ދެންނެވުމުން ވިދާޅުވީ، ސިފައިންގެ ހިމާޔަތުގެ ދަށަށް ގެންދިޔަ ރޭ ޔާމީނުގެ ޖިސްމާއި ފުރާނަށް ނުރައްކަލެއް އޮތް ވާހަކަ ސިފައިންގެ ވިދާޅުނުވާ ކަމަށެވެ. އަދި ރައީސް ނަޝީދުވެސް އިއްޔެ އެ ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް އިޚްލާސްތެރިކަމެއް ނެތް، ދޮގު ވާހަކަފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.


ނަމަވެސް، މިއަދު ޔާމީނަށް ނުރައްކަލެއް އޮތީ ސަރުކާރު ހިންގާ އެމްޑީޕީ ޕާޓީގެ ފަރާތުން ކަމަށް އޭނާ ސިފަކުރައްވަ އެވެ. އެގޮތުން އެމްޑީޕީގެ ސަޕޯޓަރުންތަކެއް އޭނާގެ ގެ، ގ. ދޫވެހި ކައިރިއަށް ގޮސް، ގާއުކައި، އަރައިގަނެ، ހަމަނުޖެހުން ހިންގިއިރު ސަލާމަތީ ބާރުތަކުން އެމީހުން ކޮންޓްރޮލްކޮށްފައިނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި އެފަދަ ވިޔާނުދާ އަމަލުކުރާ މީހުންނާމެދު ފިޔަވަޅު ނާޅާ، ހައްޔަރުނުކޮށް، މިއަދު ޔާމީން މާލެ އަނބުރާ ގެންނަވައިފިނަމަ އެމްޑީޕީ ސަޕޯޓަރުން ބަނދަރުމަތިންނާއި އެހެން ތަންތަނުންވެސް އަރައިގަންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ޔާމީނުގެ ސަޕޯޓަރުންނާ އެމްޑީޕީ ސަޕޯޓަރުންނާ ދެމެދު ތަޅާފޮޅުންވެސް ހިނގާނެ ކަމަށް އާރަށުގައި ހުންނަވައި ދެއްވި ޓެލެފޯން އިންޓަވިއުއެއްގައި ޔާމީން މިއަދު ވިދާޅުވި އެވެ.


ޔާމީނަށް އަމިއްލަ ގޭގައި ހިމާޔަތްދެވޭނެ ގޮތް ސަލާމަތީ ބާރުތަކަށް ހަމަޖައްސާނުދެވޭނީތޯ ދެންނެވުމުން ރައީސް ވިދާޅުވެފައި ވަނީ، މިވަގުތު ޔާމީން އާރަށުގައި އެ ހުންނަވާ ހުންނެވުމަކީ އެމަނިކުފާނު އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ގޮތް ކަމަށާއި އަސި ޔާމީނާއި މުޅި ގައުމަށްވެސް އެންމެ ރަގަޅު ގޮތް ކަމަށެވެ. އަދި ޔާމީން މާލެ ގެންނަވައިފިނަ ކަންތައް ހިނގާނީ ކިހިނެތްބާއޭ އެމަނިކުފާނުގެ ހިތްޕުޅަށް އަރާވަޑައިގަންނަވާއޭ ވިދާޅުވެ، ރައީސް ވަނީ ކުރީ ޒަމާނުގައި ސިޔާސީ ވެރިން އަވަހާރަކޮށްލާފައިވާ ވަހަކަ ތަކުރާރުކުރައްވައިފަ އެވެ. އެހެންވެ، އެމަނިކުފާނު ކަންތައް ކުރައްވަނީ ދިވެހިންގެ މުއްސަނދި ތާރީޚުން އިބްރަތްހޯއްދަވައިގެން ކަމަށެވެ.


ޔާމީން ސިފައިންގެ ބެލުމުގެ ދަށުން މިނިވަންކުރަންދެން ދިވެހިންގެ ގިނަ  ލޯތައް ހުއްޓިފައި ވާނީ ސިފައިންގެ ބެލުމުގެ ދަށުގައި ޔާމީން ހުންނެވި މައްސަލައަށެވެ. ޔާމީން މިނިވަންކުރާނެކަން ރައީސް ނަޝީދު ކަނޑައެޅިގެން ވިދާޅުވެފައެއްނުވެ އެވެ. ޔާމީން މިނިވަންކުރުމަށް ކޯޓުތަކުގައި ކުރަމުންދާ މަސައްކަތްވެސް ވަނީ ކޯޓުގެ އަމުރަށް ސިފައިންގެ ޝަރީއަތެއް ހާޒިރުވެފައި ނުވާތީ، މައްސަލަ ކުރިއަށް ނުގެންދެވި މަޑުޖެހިފަ އެވެ. އެހެންކަމުން ޔަމީންގެ 'ނުރުހުމުގައި' ދިން މި ހިމާޔަތް' ނިމުމަކަށް އަންނާނެ ދުވަހެއް ނުވަތަ ވަގުތެއް އަދި ހަމަ އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ. އަދި މި ސުވާލަށް ޖަވާބެއް ނުލިބި ލަސްވަމުންމިދާ ދިއުމުގައި ގައުމުގައި ފެންމަތިވަމުންދާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުން ފަދަ މައްސަލަތަކުގެ ސަބަބުން މުޅި ގައުމު އަދިވެސް އޮތީ ނޭވާހޮޅިއަށް އެޅިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު