ކާށި ތެލަކީ ޒަމާނުއްސުރެ ދިވެހިން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. މިގޮތުން ކެއުމުގެ އިތުރުން އިސްތަށިގަނޑާއި، ހަންގަޑުގައި ކާށި ތެޔޮ ބޭނުންކުރެއެވެ. ކާށި ތެލަކީ އޭގެ ބޭނުން އެކިގޮތްގޮތަށް ކުރެވޭ އެއްޗަކަށް ވާއިރު، ކާށި ތެލުން ލިބޭ ފައިދާތައް ވެސް އެހާމެ ގިނައެވެ.
އިރުން ލިއްބައިދޭ އަލްޓްރާވައިލެޓް ރޭސް އަކީ ހަންގަނޑަށް ނުރައްކާތެރި އެއްޗެކެވެ. އަލްޓްރާވައިލެޓް ރޭސްތަކުގެ ސަބަބުން ހަންގަނޑުގެ ކެންސަރާއި ހަންގަނޑު ހަލާކުވުން ފަދަ ކަންކަން މެދުވެރިވެއެވެ. ކާށި ތެލަކީ އަލްޓްރާވައިލެޓް ރޭސްތަކުން އިންސާނާގެ ހަންގަނޑު ރައްކާތެރިކޮށްދޭ އެއްޗެކެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި ކާށި ތެލަކީ ނުރައްކާތެރި އަލްޓްރާވައިލެޓް ރޭސްތަކުގެ 20 ޕަސެންޓް ބްލޮކް ކޮށްދޭ އެއްޗެކެވެ.
އިންސާނާގެ އިސްތަށިގަނޑަކީ ގުދުރަތީ ގޮތުން ކެރަޓިން ނަމަކަށް ކިޔާ ޕްރޮޓީންއަކުން އުފެދިފައިވާ އެއްޗެކެވެ. އިސްތަށިގަނޑުގައި ކުލަޖައްސާ، އިސްތަށިގަނޑު ބްލީޗްކުރުމަކީ އިސްތަށިގަނޑުގައިވާ މި ޕްރޮޓީންއަށް ގެއްލުން ލިބޭ ކަމެކެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ސައިންސުވެރިން ވަނީ، ޕްލާންޓް ބޭސްޑް އޮއިލްގެ ސަބަބުން އިންސާނުންގެ އިސްތަށިގަނޑަށް ކުރާ އަސަރުތައް ޓެސްޓްކޮށްފައިވާ ގިނަ ދިރާސާތަކެއް ރިވިއުކޮށްފައެވެ. އެ ދެ ސައިންސުވެރިން ފާހަގަކޮށްފައި ވަނީ ކާށި ތެލަކީ ގުދުރަތީ "ހެއާ ޕްރޮޓީން"ތަކާ އެއްގޮތް އެއްޗެއް ކަމަށާއި އިސްތަށިގަނޑަށް ފައިދާހުރި އެއްޗެއް ކަމުގައެވެ.
ކާށި ތެޔޮ ބޭނުންކުރުމުގެ ސަބަބުން ބޮލުގައި ހަންފޮޅުން ހުއްޓުވައިދޭކަމުގެ ހެކި ގިނަ ދިރާސާތަކުން ފެންނަން އެބަހުއްޓެވެ. އެގޮތުން، މިދިޔަ އަހަރު އިންޑިއާގައި 140 މީހުން ހިމެނޭހެން ހަދާފައިވާ ދިރާސާއެއްގައި، ކާށި ތެޔޮބޭނުންކުރުމުގެ ސަބަބުން ބޮލުގައި ހަންފޮޅުން ހުއްޓުވައިދޭކަން ވަނީ ސާބިތުވެފައެވެ.
ކާށި ތެލަކީ އެކި ވައްތަރުތަކުގެ އިސްތަށިގަނޑަށް ފައިދާހުރި ތެލަކަށްވާއިރު، ކާށި ތެޔޮ ބޭނުން ކުރަން އެންމެ ރަނގަޅީ ތެޔޮ ހޫނު ކުރުމަށްފަހުއެވެ.