"މިވަގުތުކޮޅަށް އަޅުގަނޑު ވަނީ ތަމްރީނުވެފައި!"

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ދެއްކި "ހުތުރު ފިލްމު"ގެ ތެރެއަށް ވަދެ ވަޑައިގެން ހޯބޯލެވުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް ހިނިފުޅުވަޑައި އިންނަވައިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަރު އަޑުފުޅުން ރިޔާސީ ބަޔާން ދެއްވެވުމުގެ ކުޑައިރުކޮޅެއް ކުރިން އެމަނިކުފާނުގެ އަމިއްލަފުޅު ޓުއިޓާ އެކައުންޓްގައި މިހެން ލިޔުއްވަ އެވެ: "އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް އަޅުގަނޑު ހުރީ މިވަގުތުކޮޅަށް ތަމްރީންވެފަ އެވެ. ގާނޫނު އަސާސީ އަޅުގަނޑު ދަމަހައްޓާނަމެވެ،"

އެހެން ނަމަވެސް ވަރަށް ގިނަ މީހުން ރައީސް ވަހީދު ޓެގް ކުރަނީ "ސިޔާސީ ފިނޑިއެއް"ގެ ގޮތުގަ އެވެ. ސިޔާސީ މައިދާނުގައި ވެސް އަދި ބައެއް އާންމުން ވެސް ކުރިން ސިފަ ކުރަނީ އެގޮތަށެވެ. ނަމަވެސް ފެބުރުއަރީ 7 ވަނަ ދުވަހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މިހާތަނަށް އެއް މަހާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް ވަހީދުގެ ކިބައިން މުޅިން ވެސް ފެނިފައި ވަނީ "ގަޓް" ހުރި ކަމުގެ ނިޝާންތަކެވެ. ހިތްވަރުފުޅު ގަދަ ކެތްތެރި، ބޭފުޅެއް ކަމުގެ ސިފަތަކެވެ. ތޭވީސް ޑިސެމްބަރުގެ އިއްތިހާދުން ބޭއްވި ބޮޑު މަހާސިންތާއަށް ވަޑައިގެން ޖޯޝުގައި އަޑު ހަރު ތަގުރީރެއް ދެއްވެވި އެވެ. އައްޑުއަށް ވަޑައިގަ ނުގަތުމަށް ކުރީގެ ރައީސާއި އެމްޑީޕީން އިންޒާރު ކުރައްވަނިކޮށް އަދި ބަޔަކު ހަމަނުޖެހުންތައް ވެސް ހިންގަމުން ދަނިކޮށް އައްޑުއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް ހުޅުވަން މާޗް ހަތް ވަނަ ދުވަހު ބޭއްވި ޖަލްސާއަށް ވަޑައިގެން އެތަނުގައި ކުރިމަތިވެ ވަޑައިގެންނެވި އެތަކެއް ހަދިސާތަކުގެ ތެރޭގައި ކެތްތެރިކަމާއެކު 10 ގަޑިއިރެއްހާއިރު އިންނެވި އެވެ. މިހާތަނަށް ދެއްކެވި ވާހަކަފުޅުތަކުގައި ހުރިހާ ފަހަރެއްގައި ވެސް ވަނީ ފާޑު ކިޔާ ފަރާތްތަކަށް ގޮން ޖައްސަވާފަ އެވެ. އަދި ފިއްލެވި ކަމަށް ދެކެވުނު ވާހަކަތަކަށާއި "ފިލިވަހީދު" އޭ ކިޔާ ކިޔުމަށް ވެސް ވަނީ ސާފު ޖަވާބެއް ދެއްވާފަ އެވެ.

އިއްޔެއަކީ ރާއްޖޭގެ ތާރީހުގައި އަދި ޕާލަމެންޓްރީ ހަޔާތުގައި ހޯބޯ ލެވުމާއި އަވަގުރާނަ ގޮވުމާ ކުޅު ޖެހުމާއި ހުތުރު ބަހުން ދެފޫޓެއްހާ ކައިރީގައި ތިބެގެން މެންބަރުން ވަނަމުގެ ޓެގްތަކުން މެދުނުކެނޑި ގޮވަމުން ދަނިކޮށް ރާއްޖޭގެ ރައީސަކު މަޖިލީހަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވެވި ފުރަތަމަ ފަހަރެވެ.

"ވަހީދު މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ހަތަރު ފަހަރު ވަދެ ވަޑައިގެންނެވި އިރު ވެސް ހުންނެވި ހިނިތުންވެ ވަޑައިގެން. ހަޅޭއްކު އަޑު ގަދަވެ ހަރުކަށިކަން އިތުރު ކުރުމުން މަޖިލީހުގެ ރައީސް ޖަލްސާ މެދު ކަނޑުއްވާލައްވާފައި ވަޑައިގަންނަވަން ތެދުވެ ވަޑައިގަންވާއިރު ވެސް ރައީސް ވަހީދު އިންނެވި، ހަމަ އެ ހިނިތުންވުމުގައި،" މަޖިލީހުގެ ގެލެރީ ތެރޭގައި އިން ނޫސްވެރިޔަކު ބުންޏެވެ. "އަދި ހަޅޭއްލެވި މެންބަރުން ވެސް ހަވާސާގައި އަމިއްލަފުޅަށް ވިދާޅުވަމުން ގެންދެވި ހިތްވަރުގަދައޭ!"

ރައީސް ވަހީދު އިއްޔެ މަޖިލީހުގައި ބަޔާން ދެއްވި ވަގުތުގެ ފޮޓޯތައް އެފްބީގައި ދައުރުވާއިރު އެމަނިކުފާނަށް އެއްޗެހި ގޮވާ މީހުން "ބާޣީ" ޓެގް ކުރަމުން ދިޔައަސް ވަރަށް ގިނަ މީހުން "ކޫލް ޕްރެސިޑެންޓް!" ގެ ގޮތުގައި ވެސް ލިޔެފައިވެ އެވެ.

ހޯބޯލަވަމުން ދިޔައި އިރު އެއް ފަހަރަކު ރައީސް ވަހީދު އެމްޑީޕީ މެންބަރުންނަށް އަމާޒުވާ ގޮތަށް ކޮންމެވެސް އެއްޗެއް ވިދާޅުވެ އެވެ. އަޑު ކަނޑާލާފައި ހުރުމުން ވިދާޅުވި އެއްޗެއް ނީވެ އެވެ. ނަމަވެސް ލަފާވާ ގޮތުން ވިދާޅުވަނީ "ތެންކިޔޫ" އޭ އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމުގައި ރައީސް ވަހީދުގެ ކިބައިން އިއްޔެ ފެނިގެން ގޮސްފައި ވަނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ ހިތްވަރު ކަމަށެވެ.
" ހިތްވަރު ގަދަކަމާ ކެތްތެރި ކަމުގެ ނަމޫނާ މިސާލެއް [ރައީސް ވަހީދު] އެ ދެއްކެވީ. ރައްޔިތުންތެ ކުރިމަތީގައި ހުރިހާ ކަމެއް ފެނިގެން އެދިޔައީ،" އާޒިމާ ވިދާޅުވި އެވެ. އާޒިމާގެ އިތުރުން އަދާލަތު ޕާޓީ އާއި ޕީޕީއެމުން ވެސް ވަނީ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ވަހީދު ދެއްކެވި ހިތްވަރުފުޅު ފާހަގަކޮށް، އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލުތަކުން ރައީސް ވަހީދުގެ ހިތްވަރަށް ސާބަސް ދެއްވާފައިވާއިރު އެމަނިކުފާނާ ދެކޮޅު ފަރާތްތަކާއި އާންމުން ވެސް އިއްޔެ ބުނަމުން ދިޔައީ "ވަހީދު ގަދައޭ" އެވެ.

"ހަގީގަތުގައި ވެސް ރައީސް ވަހީދުގެ ކިބައިން މިހާތަނަށް އަދި ފެނުނީ ހިތްވަރުގަދަ ކެތްތެރި އަދި ސާބިތުކަމުގެ ނިޝާންތައް. އެހުރިހާ ކަމެއް ކުރަމުން ދިޔައިއިރު ވެސް ނުރުހުންވެ ވަޑައި ނުގަންނަވާ، މުޅިން ވެސް ދެއްކެވީ ހިނިތުންވުން، އަދި ކެރިވަޑައިގަތުން،" މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަން އޮތް ފުރަތަމަ ދުވަހު، ރަސްމީ އިއްޒަތުގެ ރަތް ދޫލަ މަތީގައި ރައީސް ޑރ. ވަހީދު މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް އިއްޔެ ރައީސް ވަހީދު މަޖިލީހަށް ވަޑައިގެންނެވީ އެއްވެސް ރަސްމީ އިހުތިފާލެއް ނެތި އެވެ.

ޓީވީއެމްގައި ކުރިން ހަބަރުވެސް ވިދަޅުވި ރައީސް ވަހީދު މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް އެމްޑީޕީގެ ޕާމާލަމަންޓްރީ ގްރޫޕްގެ ގިނަ މެންބަރުންތަކެއް ގެންދިޔައީ އެމަނިކުފާނު މަޖިލީހަށް ވަޑައިގެންނަވަން އޮތް ދޮރުކޮޅުގެ ކުރިމަތީގައި "ބާޣީ" ޖަހައިފައި ހުރި ގަނޑުތަކެއް ހިއްޕަވައިގެން ތިބެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވަމުންވެސް އެއް ޖަވާބު ދެއްވީ ހިނިތުންވުމުންނެވެ. އަދި ބައެއް މެންބަރުން ރައީސް ވަހީދުގެ ގައިކޮޅަށް އަތްޕުޅު ލައްވަން މަސައްކަތްކުރެއްވުމުން ވެސް ހިނިތުންވެ ހުންނަވައިގެން ކުރިޔަށް ވަޑައިގަތީ އެވެ.

"އެއިން އެއްވެސް ފަހަރަކު ތިޔަ ތިއްބެވީ ވިޔާނުދާ އަމަލެއް ކުރެއްވިފައޭ ވިދާޅުވެފައެއް ނުވޭ. ހަމަ އެންމެ ލަފުޒެއް ވެސް ވިދާޅެއް ނުވޭ،" އެމަނިކުފާނުގެ އެޑްމިނިސްޓްރޭޝަންގެ ތެރޭގައި ގާތްކޮށް އުޅުއްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"އަލިފާން ރޯވެފައި" އޮތް މަޖިލީހުގެ ތެރޭގައި 10 ގަޑިއިރަށްވުރެ ގިނައިރު ވަންދެން ރައީސް ވަހީދު މާޗް 1 ގައި ހޭދަ ކުރެއްވެވި އެވެ. އަބަދުވެސް ވިދާޅުވަމުން ގެންދެވީ މަޖިލިސް "އޯކޭ" ނަމަ ތިމަން މަނިކުފާނު "ރެޑީ" ކަމަށެވެ.

ދެވަނަ ފަހަރަށް ބޭއްވި ޖަލްސާއަށް ވެސް ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވިޔަ ނުދެއްވުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި އެވެ. އަދި މަޖިލީހަށް ރައީސް ވަހީދަށް ވަދެވަޑައިނުގެންނެވޭ ގޮތަށް އެމަނިކުފާނަށް ހުރަސް އެޅުމަށް ގޮވާލާ މުޒާހަރާ ވެސް ކުރި އެވެ. ގާނޫނީ ގޮތުން ރައީސް ވަހީދު އަދާކުރައްވަން ޖެހޭ ވާޖިބަށް ހުރަސްއެޅުމަށް ކެނޑިނޭޅި އެމްޑީޕީން މަސައްކަތް ކުރަމުން ގެންދަނިކޮށް ވެސް ރައީސް ވަހީދު މަޖިލީހަށް ވަޑައިގެން އެމަނިކުފާނުގެ ޒިންމާ އަދާ ކުރެއްވެވީ ރާއްޖޭގެ ހާޔަތުގައި ދެން ދުވަހަކު ވެސް އައުން ނާދިރު ނުރައްކާތެރި ހިނދިކޮޅެއްގެ ތެރޭގައި އިންނަވައިގެންނެވެ. އެހުރިހާ ކަމަކާބެހޭ ގޮތުން އެމަނިކުފާނު ހަމައެކަނި ޓްވިޓާ ވިދާޅުވެފައި ވަނީ "އަޅުގަނޑު މަޖިލީހަށް ވަނުމުން އެމްޑީޕީގެ މެންބަރުން ހުރަސްއަޅުއްވަމުން ގެންދެވި،" ކަމަށެވެ. އެހެން ކަމުން ރައީސް ވަހީދު ވިދާޅުވެފައިވާ ގޮތަށް އެމަނިކުފާނު ވަނީ ހަޔާތުގެ އެވަގުތުކޮޅަށް ތަމްރީނުވެވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ކިބައިން ހިތްވަރުގެ ނިޝާންތައް ފެންނައިރު ފިނޑިއެއްގެ ޓެގް ދޭން ޖެހޭ ސަބަބެއް މިހާރަކު ނުފެނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް