އާސެނަލުން ޗެލްސީ އަތް ދަށުލައިފި

އާސެނަލާއި ޗެލްސީ މިރޭ ބައްދަލު ކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޗެލްސީ ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވަނީ 4-2ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެޑީ ކެޓިއާއެވެ.

އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ 17 ވަަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރުބެން ލޮފްޓަސް ޗީކްގެ އެހީތެރިކަމާއެކު ޗެލްސީއަށް މި ލަނޑު ޖަހައިދީފައިވަނީ ޓީމޯ ވާނާއެވެ.

ލަނޑަށްފަހު ޗެލްސީން އިތުރު ލަނޑެއް ޖަހައި ލީޑު ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އާސެނަލުން ވަނީ އިތުރު ލަނޑެއް ޖަަހައި ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހާފައިވަނީ އެމީލް ސްމިތް ރޯއެވެ.

އޭގެ ފަސް މިނެޓު ފަހުން އަނެއްކާ ވެސް ޗެލްސީން ނަތީޖާ ހަމަހަމަ ކުރީ ސެސާ އަޒްޕިލިކުއެޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މޭސަން މައުންޓުގެ އެހީތެރިކަމާއެކުއެވެ.

އާސެނަލުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 57 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ކެޓިއާއެވެ.

އާސެނަލްގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާއެވެ.

ރޭގެ މެޗުން މޮޅުވެ އާސެނަލް ފަސް ވަނައިގައި އޮތީ 57 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ޗެލްސީ އޮތީ 62 ޕޮއިންޓާއެކު ތިން ވަނައިގައެވެ.

comment ކޮމެންޓް