ރަޝިޔާގެ ބޯޓުތަކަށް ރާއްޖޭން ޚިދުމަތް ދޭނެ ކަމުގެ ޔަގީންކަމަށް އެ ގައުމުން އެދެފި

ރަޝިޔާގެ ގައުމީ އެއާލައިން އޭރޯފްލޮޓުގެ ފްލައިޓެއް ---

ރާއްޖެއަށް އަންނަ ރަޝިޔާގެ ބޯޓުތަކަށް ޚިދުމަތްތައް ދޭނެކަމުގެ ޔަގީންކަން އެގައުމަށް ދިނުމަށް ރަޝިޔާއިން އެދިއްޖެއެވެ.

ރަޝިޔާގެ ފެޑެރަލް އެއާ ޓްރާންސްޕޯޓް އޭޖެންސީގެ ވެރިޔާ އެލެގްޒެންޑާ ނެރަޑްކޯ ސޮއި ކުރައްވައި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ފޮނުވި ސިޓީއެއްގައި ވަނީ، ރަޝިޔާގެ ބޯޓުތަކުން ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މިވަގުތު މަނާކޮށްފައިވާ ކަމަށެވެ.

ޔޫކްރޭން ހަނގުރާމައާ ގުޅިގެން އަޅާފައިވާ އެ ފިޔަވަޅަކީ ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއި އެއާ ޓްރެފިކާ ބެހޭ ގޮތުން ގައުމުތަކުން ހަދާފައިވާ އެއްބަސްވުމާ ވެސް ޚިލާފު ފިޔަވަޅެއް ކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެހެންކަމުން، އެގައުމުތަކާ ޚިލާފަށް ރާއްޖޭގެ އެއާޕޯޓުތަކުން ރަޝިޔާގެ ގައުމީ އެއަލައިން އޭރޯފްލޮޓުގެ ބޯޓުތަކަށް ތެޔޮ އަޅައިދީ، ޚިދުމަތް ދޭނެކަމުގެ ޔަގީންކަން އެގައުމުގެ ފެޑެރަލް އެއާ ޓްރާންސްޕޯޓު އޭޖެންސީއަށް ދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.

ހަމައެއާއެކު، ރަޝިޔާގެ ބޯޓުތަކުގެ ސަލަމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ރާއްޖެއަށް ފުރިހަމަ ޔަގީންކަންދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ ސިޓީއާ ބެހޭ ގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބަހެއް އަދި ލިބިފައި ނުވެއެވެ.

އޭރޯފްލޮޓުގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ފުރުސަތު އެބައޮތް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ މަޝްރަހު ހޫނުވެ، އެ ގައުމުން ރާއްޖެއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް ހުއްޓާލީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.

އެއާއެކު، ރާއްޖެއަށް ރަޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ޔޫކްރޭން ހަނގުރާމައިގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން ކަމަށްވީ ނަމަވެސް މިހާރު އެގައުމުގެ މާކެޓު ވަނީ ދެވަނައަށް ވެއްޓިފައެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް