ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އަޅަން ބިޑަށް ހުޅުވާލައިފި

ކޮމަންޑޫ--- ފޮޓޯ: ފޭސްބުކް

ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕްލޭނިން މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ ބިޑު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށްގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން މެއި މަހުގެ 19 ވަނަ ދުވަހަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ  މެދުވެރިކޮށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މިނިސްޓްރީއަށް އީމެއިލް ކުރުމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 150،000 ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ކޮމަންޑޫގެ ލޭންޑް ޔޫސް ޕްލޭން ނިމުމާއެކު، އެ ރަށުން މިހާރު ހިއްކާފައި އޮތް ސަރަހައްދުން ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮމަންޑޫގައި ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުގެ ހައުސިން ޕްލޭންގައި ހިމަނާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި، އެމްޑީޕީގެ މެންބަރު ޙުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ފަހެއްގައި ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދުއެވެ.

comment ކޮމެންޓް