އަންނަ އަހަރުގެ ނިޔަލަށް 20،000 ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމްގެ ފުރުސަތު ދޭނަން: ރައީސް

އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާޙް ކުރުން: ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ކ) އާއި ރައީސް ޞާލިޙް (ވ) އަދި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު (ވ) -- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭން ބޭރުގައި ދިވެހި ރައްޔިތުންނަށް ކޮންސިއުލާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ރާއްޖޭގެ އިޤްތިސާދީ އަދި ޘަޤާފީ މަސްލަހަތުތައް ކުރިއެރުވުމާއި އެ ޤައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްސް ތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

އަދި ފެންވަރު ރަނގަޅު ތަޢުލީމަކީ، ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ، އެމީހުންގެ މުސްތަޤްބަލަށް ދެކޭ ހުވަފެންތައް ހަޤީގަތަކަށް ހެދުމަށް ޓަކައި ކޮންމެހެން ވެސް ބޭނުންވާކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ މި ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑާގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމާއި އަދި މިހާރު 2000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން މަތީ ތައުލީމުގެ ސްކޮލާޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް ތައާރަފް ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައި ވަނީ މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސް، ވެވަޑައިގެންފައިވާ ވައުދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާޙީމް ޙަސަން އާއި ފޮރިން ސާވިސްގެ އިސް އޮފިޝަލުންގެ އިތުރުން ވާޗުއަލްކޮށް އޮނަރަރީ ކޮންސުލްސް ތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލަރޝިޕް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ފުރުސަތުތަކަކީ ޖުމްލަ ހަތް އޮނަރަރީ ކޮންސުލްސް އެއްގެ އެހީތެރިކަމާއެކު ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.

comment ކޮމެންޓް