ކީރިތި ގުރުއާނުގެ ކޮޕީތަކެއް އެންދުމާ ގުޅިގެން ސްވެޑްންގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި

މުސްހަފު އެންދުމުން ސްވެޑްންގައި ހަމަނުޖެހުން ހިނގަނީ

ސްޓޮކްހޮމް (19 އެޕްރީލް 2022) : އުތުރު ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްވެޑްންގައި މުސްލިމުންނަށް ޖެއްސުން ކުރުމަށާއި އިސްލާމްދީނަށް އިހާނާތް ކުރުމަށްޓަކައި ކީރިތި ގުރުއާނުގެ ކޮޕީތައް (މުސްހަފު) އެންދުމާ ގުޅިގެން ބޮޑު ހަމަނުޖުމެއް ހިނގައިފިއެވެ.

އައްލައްކައަށްވުރެ ގިނަ މުސްލިމުން ދިރިއުޅޭ ގައުމެއްކަމަށްވާ ސްވިޑްންގައި މުސްހަފު އެންދުމުގެ ޖަރީމާ ހިންގާފައިވަނީ މުސްހަފު އެންދުމަށް ނަން މަޝްހޫރު ހައްދު ފަހަނަޅާފައިވާ ސީޔާސީ މީހެއްކަމަށްވާ ރަސްމުސް ޕަލޫދަންއެވެ. އޭނާއަކީ ކުރިންވެސް މުސްހަފު އެންދުމުގެ އެތައް ޖަރީމާއެއް ހިންގާފައިވާ ނުރައްކާތެރި މީހެކެވެ.

ރަސްމުސް ޕަލޫދަން، މިފަހަރު މުސްހަފު އަންދާފައިވަނީ ސްވެޑްންގެ ދެ ސިޓީއެއްގައި އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. ޕަލޫދަން އަށް މިޖަރީމާގައި އެހީތެރިވެފައިވަނީ އޭނާގެ ހަރުކަށި ޖަމާއަތްކަމަށްވާ "ސްޓްރަމް ކުރުސް" ގެ މެންބަރުންނެވެ.

މިޖަރީމާއާ ދެކޮޅަށް ސްވެޑްންގެ މުސްލިމުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރަން ފެށުމުން "ސްޓްރަމް ކުރުސް" ޖަމާއަތުގެ ހަރުކަށި މީހުންތައްވަނީ މުސްލިމުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގާފައެވެ. މިހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން މަސައްކަތް ކުރިނަމަވެސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި މުސްލިމުންގެ އެތައްބަޔަކާ ފުލުހުންނާ އަދި "ސްޓްރަމް ކުރުސް" ޖަމާއަތުގެ ހަރުކަށި ބައެއް މީހުން ވެސް ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން މުޒާހަރާ ހިނގި ސަރަހައްދުގެ ބައެއް އިމާރާތްތަކުގައާއި ވެހިކަލްތަކުގައި ހުޅުވެސް ޖަހާފަވެއެވެ.

ކީރިތި ގުރުއާނުގެ ކޮޕީތައް އެންދުމުގެ ޖަރީމާތައް ހިންގުމަށް ނަން މަޝްހޫރު ސްވެޑްންގެ ހައްދު ފަހަނަޅާފައިވާ މީހެއްކަމަށްވާ ރަސްމުސް ޕަލޫދަން

މީގެކުރިންވެސް ރަސްމުސް ޕަލޫދަން އިސްކޮށް ހުރެގެން އޭނާގެ ހަރުކަށި ޖަމާއަތުގެ މެންބަރުންގެ އެހީއާއެކު މުސްހަފް އެންދުމުގެ ޖަރީމާތަކެއް ސްވެޑްންގައި ވަނީ ހިންގާފައެވެ.

ޕަލޫދަން އިސްކޮށް ހުރެގެން ސްވެޑްންގެ ދެސިޓީއެއްގައި ހިންގި މިޖަރީމާއާ ދެކޮޅަށް އިސްލާމީ ގައުމުތަކާ އަދި އިސްލާމީ ޖަމްއިއްޔާ ޖަމާއަތްތައްވަނީ އަޑުއުފުލައި މިފަދަ ޖަރީމާތައް ހުއްޓުވުމަށް ސްވިޑްންގެ ސަރުކާރަށް ގޮވާލާފައެވެ. މުސްހަފް އެންދުމުގެ ޖަރީމާ ކުށްވެރިކޮށް ބަޔާންތައް ނެރުނު ގައުމުތަކުގެ ތެރޭގައި އުރުދުން، އިރާގު، ތުރުކީ، އީރާން، ޕާކިސްތާން، އިންޑޮނީޝިއާ، ސައޫދީ އަރަބިއާ، މިސްރު، ގަތަރު، ސޫދާން، އަފްޣާނިސްތާން، މޮރޮކޯ، ލީބިޔާ އަދި އަލްޖަޒާއިރު ހިމެނެއެވެ.

އީރާނުން ވަނީ މި މައްސަލާއާ ގުޅިގެން ރަސްމީގޮތުން ނުރުހުން ފާޅުކުރުމަށްޓަކައި ތެހެރާންގައި ހުންނަވާ ސްވެޑްގެ ސަފީރު އެގައުމުގެ ޚާރިޖީ ވުޒާރާއަށް ވެސް ހާޒިރުކޮށްފައެވެ. މީގެއިތުރުން އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ، އޯއައިސީ އާއި ސައޫދީ ގެ އިސްލާމީ ޖަމްއިއްޔާ އެއްކަމަށްވާ "ރާބިތަތުލް އާލަމުލް އިސްލާމީ" އާއި ސައޫދީ ދަންނަބޭކަލުންގެ ޖަމްއިއްޔާއިން ވެސް ވަނީ މިޖަރީމާ ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ.

ދިހަ ވަރަކަށް މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ޔޫރަޕްގެ ކުޑަ ގައުމެއްކަމަށްވާ ސްވެޑްން އަކީ އިސްލާމްދީނަށާއި މުސްލިމުންނަށް ޖެއްސުން ކޮށް ފުރައްސާކޮށް އަދި ނަފްރަތު އުފައްދާ ހަރުކަށި މީހުން ގިނަ ގައުމެވެ. މިކަމާ ދެކޮޅަށް ފިޔަވަޅު ނާޅާކަމުގެ ތުހުމަތު ސްވިޑްންގެ ސަރުކާރުގެ މައްޗަށް ކުރެވެއެވެ.

ޔޫރަޕްގައި އިސްލާމް ދީން ފެތުރެމުންދާތީއާއި ޔޫރަޕްގެ މުސްލިމުން އިސްލާމީ އުސޫލުތައް ދޫނުކޮށް އެއަށް އަމަލުކުރާތީ ޔޫރަޕްގެ ހުރިހާ ސިޔާސީ ލީޑަރުންވެސް ކަންބޮޑުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މުސްލިމުންނާ އަދި އިސްލާމްދީނާ އިސްލާމީ ޝިއާރުތަކާ ދެކޮޅަށް މިފަދަ ހަރުކަށި ޖަރީމާތައް ހިންގަން ކެރެނީ ޔޫރަޕްގެ މަދު ލީޑަރަކަށެވެ.

ފަރުދީ މިނިވަންކަމާއި އިންސާނީ ހައްގުތަކާ އަދި ދީނީ މިނިވަންކަމަށް ޔޫރަޕުން ގޮވާލި ނަމަވެސް ޔޫރަޕްގެ އެތައް ގައުމެއްގައި މުސްލިމް އަންހެނުން ބުރުގާ އެޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ދަތިތަކެއް ކުރިމަތިކޮށްފައެވެ. އަދި މޫނު ބުރުގާ އަޅައިގެން މަގުމަތީގައި އުޅުންވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގައިވަނީ މަނާކޮށްފައެވެ. އާދައިގެ ބުރުގާ އެޅުން މަނާކުރުމަށްވެސް ޔޫރަޕްގެ އެތައް ގައުމެއްގެ ސިޔާސީ ލީޑަރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ފަރަންސޭސިވިލާތް ފަދަ ފަރުދީ މިނިވަންކަމަށް އިހުތިރާމު ކުރާކަމަށް ނަން މަޝްހޫރު ބައެއް ގައުމުތަކުގައި ވެސް ބުރުގާ އަޅައިގެން މުސްލިމް އަންހެން ކުދިން ސްކޫލްތަކަށް ދިޔުމާއި ޔުނިވާސިޓީތަކަށް ދިޔުމާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން ފަދަ ކަންކަންކުރުންވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ކީރިތި ރަސޫލާއަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުގެ އަމަލުތައްވެސް ޔޫރަޕްގައި ދަނީ ގިނަވަމުންނެވެ. އަދި މުސްލިމުން ޔޫރަޕުން ބޭރުކުރުމަށާއި މުސްލިމުންނާ ޓެރަރިޒަމާ ގުޅުވައި އިސްލާމް ފޯބިއާ އުފެއްދުމަށް ޔޫރަޕްގެ އެތައް ފަރާތަކުން ފާޅުގައި މަސައްކަތް ކުރެއެވެ. އަދި މިސްކިތްތަކަށް ގޯނާކުރުމަކީ ވެސް ޔޫރަޕްގައި ވަރަށް ބޮޑަށް ހިންގާ ޖަރީމާއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް