ޝާކިއްޓޭ: އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނަސް، ކޯޗެއްގެ ގޮތުގައި އެތައް ކާމިޔާބީތަކެއް!

އަހުމަދު ޝާކިރު (ޝާކިއްޓޭ) --

ރާއްޖޭގެ ފުޓުބޯޅަ ކޯޗުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާކިއްޓޭ)އަކީ މިހާރު ފާހަގަ ކޮށްލެވޭ ނަމެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދި ޝާކިއްޓޭ ކޯޗިން ކެރިއަރުގައި ވެސް އެތައް ކާމިޔާބީއެއް ވަނީ ހޯދައިފައެވެ.

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްތަކުގެ އެންމެ ކާމިޔާބު ކޯޗަކީ އޭނާއެވެ. 2018ވަަނަ އަހަރު އެތައް ގޮންޖެހުމަކާއެކު ދިވެހި ގައުމީ ޓީމު ސާފްޗެމްޕިއަންޝިޕްގެ ތަށި ހިއްލައިލުމުގައި ވެސް ޝާކިއްޓޭގެ ދައުރު ބޮޑެވެ.

ލިބުނު ހުރިހާ ފުރުސަތެއްގެ ބޭނުން ހިފައި ޝާކިއްޓޭ މިއަދު އެ ހުރީ ކޯޗިން ދާއިރާގެ އެންމެ އުހުގައެވެ. އެއީ އެތައް ކުޅުންތެރިންނެއްގެ ފޭވަރިޓެވެ.

ފުޓުބޯޅަ ނުކުޅޭ ހަނދާނެއް ނެތް!

އިންޓަވިއު ފަށަމުން ވެސް ޝާކިއްޓޭ ބުނީ ފުޓުބޯޅައަށް އޭނާ ޝައުގުވެރިކަން ނުހުންނަ އިރެއް ހަނދާން ނުހުންނަ ކަމަށެވެ. އެއީ އަބަދުވެސް އޭނާ އެންމެ ލޯބިވާ ކުޅިވަރެވެ.

"އެންމެ ކުޑައިރު ހަނދާން ހުންނަން ފެށިއިރު ވެސް ބޭބެމެން ކުޅޭނެ. އަބަދުވެސް ބޯޅަ ކުޅެން ތިބޭނެ އެއްކޮށް ތިން ބޭބެ. އެންމެ ޓޮޕް ލެވެލްގައި ބޯޅަ ނުކުޅުނަސް ކުޅެން ދާނެ. އެހެންވީމަ އެ މީހުން އަބަދުވެސް ކުޅުމުގައި އުޅޭތީ ކަންނޭނގެ އެންމެ ބޮޑަށް ޝައުގުވެރިކަން އުފެދުނީ،" ޝާކިއްޓޭ ކިޔައިދިނެވެ.

އޭރު ޝާކިއްޓޭމެން އުޅުނު ގެ އިންނަނީ ދަނޑާ ވަރަށް ކައިރީގައެވެ. މެޗެއް ކުޅެމުންދާއިރު ލަނޑެއް ޖެހިޔަސް އެނގޭނެއެވެ.

ދަނޑުގައި ފޯރި ނަގާ އަޑު އިވޭނެއެވެ. ކޮމެންޓްރީތައް ވެސް އެންމެ ކުޑައިރުއްސުރެ އަޑުއަހައި ހަދައެވެ. އެހެންކަމުން، އެންމެ ކުޑައިރުއްސުރެ ވެސް ޝާކިއްޓޭއަށް އުޅެވިފައި ހުރީ ފުޓުބޯޅައިގެ ތެރޭގައެވެ.

ޝާކިއްޓޭ ފުޓުބޯޅަ ނުކުޅޭ އިރެއް އޭނާ ހަނދާނެއް ނުހުރޭ --

ފުޓުބޯޅަ ދަނޑުން ޝާކިއްޓޭގެ ހުނަރު!

އެންމެ ފުރަތަމަ ޝާކިއްޓޭ ކުޅުނު މުބާރާތަކީ ނުވަ އަހަރުން ދަށުގެ އިންޓަ ސުކޫލު މުބާރާތެކެވެ. އޭރު މާ ގިނަ ސުކޫލުތަކެއް އިންޓަ ސުކޫލަކު ނޯވެއެވެ.

ހަމައެކަނި ބައިވެރިވަނީ އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލެވެ. ދެ މެެޗެއް، އެ ދެ ޓީމުގެ ދެމެދުގައި ކުޅެވޭނެއެވެ. ނުވަ އަހަރުން ދަށުގެ މުބާރާތް ކުޅޭނީ ދަނޑުގެ އެއްފަޅީގައެވެ. ޝާކިއްޓޭ އުޅުނީ އިސްކަންދަރު ސުކޫލުގައެވެ.

އިސްކަންދަރު ސުކޫލުގައި އުޅުމަށްފަހު، ދެން ޝާކިއްޓޭ ބަދަލުވީ މަޖީދިއްޔާ ސުކޫލަށެވެ. އެ ސުކޫލުގައި 16 އަހަރުން ދަށުގެ މުބާރާތްތައް އޭނާ ކުޅުނެވެ.

އެހެން ނަމަވެސް، ޝާކިއްޓޭ ވިދާލީ އިންޓަ ސުކޫލު މުބާރާތްތަކަކުން ނޫނެވެ.

ގަލޮޅު ދަނޑު ކައިރީގައި ދިރިއުޅެފައި، ފަހުން ޝާކިއްޓޭމެން ބަދަލުވީ މާފަންނަށެވެ. އީގަލްސް އޮންނަ ހިސާބުގަނޑަށެވެ.

އެއީ އޭނާގެ އުމުރުން 15 އަހަރުގައެވެ. އޭރު ދިރިއުޅުނު ގެޔާ ދިމާ އަތިރިމަތީގައި ކުދިން ތަކަކާއެކު އުޅެނިކޮށް، ކްލަބް އީގަލްސްގެ މީހުންނަށް ޝާކިއްޓޭގެ ކުޅުން ފެނި، ކަމުދިޔައީއެވެ.

"އެ މީހުން ބުނީ އަންނަންވީ ނޫންހޭ ކްލަބް ޕްރެކްޓިސްތަކަށް. އޭރު ވެސް ކްލަބަކަށް ކުޅެގެން ފުޓުބޯޅައިން ކެރިއަރެއް ބިލްޑު ކުރާކަށް ޝައުގުވެރިކަމެއް ނުހުރޭ. އެކަމަކު ފުޓުބޯޅަ ކުޅޭ ހިތްވޭ،" ޝާކިއްޓޭ ކިޔައިދިނެވެ.

ޝާކިއްޓޭއަކީ އިތުބާރު ފޯވާޑެއް --

އެ ހިސާބުން ޝާކިއްޓޭ އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށިއެވެ.

ޑިފެންޑަރަކުން ފޯވާޑަކަށް، ގޯލާ ރައްޓެހި!

އިންޓަ ސުކޫލު މުބާރާތްތަކުގައި ޝާކިއްޓޭ މުޅިން ވެސް ކުޅުނީ ފަހަތަށެވެ. އެކަމަކު، އީގަލްސްއާއެކު ފަރިތަކުރުންތަކަށް ފުރަތަމަ ދިޔަ ދުވަހު ވެސް އެ މީހުން ޝާކިއްޓޭ ބޭނުންކުރީ ފޯވާޑަކަށެވެ.

ފަރިތަކުރުންތަކުގައި ޝާކިއްޓޭގެ ކުޅުން އީގަލްސްގެ މެނޭޖްމަންޓަށް ކަމުދިޔައެވެ. އަދި ކޮންމެ ދުވަހަކު ވެސް ފަރިތަކުރުންތަކުގައި ބައިވެރިވާން އެދުނެވެ.

ޝާކިއްޓޭ ގަވާއިދުން ފަރިތަކުރުންތަކަށް ދެއެވެ. އެކަމަކު، އެއީ ކެރިއަރެއް ބިލްޑު ކުރުމުގެ މަގުސަދުގައެއް ނޫނެވެ.

"ހަމަ މަޖަލަށް ކުޅެންވެގެން ދިޔައީ،" ޝާކިއްޓޭ ކިޔައިދިނެވެ.

އެންމެ ފުރަތަމަ އީގަލްސްއާއެކު އޭނާ ކުޅުނު މުބާރާތަކީ 2006ވަނަ އަހަރުގެ އެފްއޭ ކަޕެވެ. އެ މުބާރާތުގައި އެންމެ މެޗެއް ކުޅެ ކަޓައިގެން ދާން ޖެހުނީއެވެ.

އެއަށްފަހު، އީގަލްސްއާއެކު ދެވަނަ ޑިވިޝަން މުބާރާތަށް ޝާކިއްޓޭ ނުކުތެވެ. އުމުރުން 16 އަހަރުގެ ޝާކިއްޓޭގެ ހިތުގައި ފުޓުބޯޅައިން ކެރިއަރެއް ބިނާކުރުމުގެ އަޒުމު އުފެދުނީ އެ ހިސާބުންނެވެ.

އީގަލްސް ފުރަތަމަ ޑިވިޝަނަށް!

އެ އަހަރުގެ ދެވަނަ ޑިވިޝަނުގެ މުބާރާތް ކާމިޔާބުކޮށްގެން އީގަލްސް އެރީ ފުރަތަމަ ޑިވިޝަނަށެވެ. އެ ކާމިޔާބީގައި ވެސް ޝާކިއްޓޭގެ ދައުރު ބޮޑެވެ. ފައިނަލު މެޗުގައި މޮޅުވީ ޝާކިއްޓޭ ޖެހި ގޯލަކުންނެވެ.

ފުރަތަމަ ޑިވިޝަނަށް އީގަލްސް އެރުމުން، ޝާކިއްޓޭ ކުޅެމުންދިޔައީ އެ ޓީމުގައެވެ. ފަސްވަރަކަށް އަހަރު ވަންދެން އީގަލްސް ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓައިލިއެވެ. އެއަށްފަހު އަނެއްކާ ވެސް ވެއްޓުނީ ދެވަނަ ޑިވިޝަނަށެވެ.

"ވެއްޓުނީމަ އެ ހިސާބުން އެރީ އަލަށް ސްޓެލްކޯ ރެކްރިއޭޝަން ކްލަބު. ސްޓެލްކޯއަށް ބަދަލުވީ އެ ހިސާބުން،" ޝާކިއްޓޭ ހަނދާންތައް އައުކުރިއެވެ.

ފުރަތަަމަ ޑިވިޝަނުގައި ޝާކިއްޓޭ އެކި ކުލަބުތަކުގައި ކުޅުނު --

އެއް އަހަރު ދުވަހު ޝާކިއްޓޭ ސްޓެލްކޯގައި ހޭދަކުރިއެވެ. އެއަށްފަހު ނިއުރޭޑިއަންޓަށް ބަދަލުވެ އެ ކްލަބުގައި ވެސް އަހަރަކު އުޅުމަށްފަހު ދެން ބަދަލުވީ ވެލެންސިއާއަށެވެ.

އަނިޔާގެ ސަބަބުން ޖެހުނީ ކުޅެން ހުއްޓާލަން!

ވެލެންސިއާގައި އުޅުނު ދުވަސްވަރު ޝާކިއްޓޭއަށް ވަރަށް ބޮޑު އަނިޔާއެއް ވިއެވެ. ފައިގެ ފަލަ މަސްގަނޑު ފަޅައިގެން ދިޔައީއެވެ. އެ ހިސާބުން ވެލެންސިއާގެ ފަރިތަކުރުންތަކަށް ދިއުން ވެސް އޭނާ ހުއްޓައިލީއެވެ.

ޑޮކްޓަރަށް ދެއްކުމުން ވެސް ދިނީ ނާއުންމީދީ ޖަވާބެކެވެ. ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށެވެ. އެކަމަކު، ސާޖަރީ ހެދިޔަސް ފަލަމަސްގަނޑު އޭގެ ފަހުން ވަރަށް "ވީކް" ވާނެ ކަމަށެވެ. އެހެންކަމުން، ކުރިން ކުޅުނު ލެވެލްގައި ޝާކިއްޓޭއަކަށް ނުކުޅެވޭނެ ކަމެވެ.

"ސާޖަރީ ނުހަދަން ވެގެން ރެސްޓުގައި ހުރީ. އެޔާ ޖެހުނު އަހަރު ޒޯން ޗެމްޕިއަންޝިޕް ލީގު މާލެއަށް އައިސްގެން. ނުކުޅެ ހުއްޓާ ކެލާ ޓީމުން ބުނެގެން ކެލާ ޓީމަށް ނުކުތީ. އެ ފަހަރު ޗެމްޕިއަންކަން ވެސް ލިބުނު،" ޝާކިއްޓޭ ކިޔައިދިނެވެ.

އޭގެ ފަހުން ވެސް ބައެއް ކްލަބުތަކަށް އޭނާ ކުޅުނެވެ. އެހެން ނަމަވެސް، ކުޅެލާއިރަށް މަސްގަނޑަށް ތަދުވާތީ މާ ރަނގަޅަކަށް ނުކުޅެވުނެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޝާކިއްޓޭއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 19 އަހަރުން ދަށުގެ އަދި 21 އަހަރުން ދަށުގެ ގައުމީޓީމު ތަމްސީލުކުރުމުގެ ފުރުސަތު ލިބުމެވެ.

ކުޅެން ހުއްޓާލަން ޖެހުނީ ޒުވާން އުމުރުގައި!

ގޯލާ ރައްޓެހި ފޯޥާޑް ޝާކިއްޓޭއަށް ކުޅުން ހުއްޓާލަން ޖެހުނީ ވަރަށް ޒުވާން އުމުރުގައެވެ. އެއީ އާއްމުކޮށް ފުޓުބޯޅަ ކުޅުންތެރިން އެންމެ ރަނގަޅަށް ކުޅޭ އުމުރެވެ.

އުމުރުން 27 އަހަރުގައި އަނިޔާގެ ސަބަބުން ކުޅެން ހުއްޓާލަން ޖެހުނު ނަަމަވެސް ޝާކިއްޓޭ ފުޓުބޯޅައާ ދުރެއް ނުވެއެވެ. ފުޓުބޯޅަ ދަނޑުގައި އޭނާ ކާމިޔާބީ ހާސިލުކުރަން ބޭނުންވިއެވެ.

އެކަމަކު، ކޯޗިންގެ ދާއިރާއަށް ނުކުންނާކަށް އޭނާގެ ހިޔާލަކު އޭރަކު ނެތެވެ. މާ ރަނގަޅަށް ނުކުޅެވުނު ނަމަވެސް، ދެވަަނަ ޑިވިޝަނުގައި އޭނާ ދިޔައީ ކުޅެމުންނެވެ.

"ޔޫތު މުބާރާތް އެފްއޭއެމުން އިންޓްރޮޑިއުސް ކުރީ. އެ ހިސާބުން ދެން އީގަލްސް މުފާ [މެނޭޖަރު] ބުނެފި ޔޫތު ޓީމުގެ ކޯޗަކަށް އަންނަންވީ ނޫންހޭ. އެއީ އަސްލުގައި ކޯޗިންއަށް ޝައުގުވެރިވެގެން ވަދެވުނީ،" ޝާކިއްޓޭ ކިޔައިދިނެވެ.

ޝާކިއްޓޭ އީގަލްސް އެކެޑަމީގެ ފަރިތަކުރުމެއްގައި --

އޭގެ ކުރިން އޭނާ ސީ ލައިސެންސް ކޯޗިން ކޯހެއް ހެދިއެވެ. އެކަމަކު އެއީ ވެސް ކޯޗަކަށްވުމުގެ އުންމީދުގައެއް ނޫނެވެ. ރައްޓެހިންނާއެކު އެ ކޯހުގައި ޝާކިއްޓޭ ވެސް ބައިވެރިވީއެވެ.

އީގަލްސް ސީނިއާ ޓީމުގެ އެސިސްޓެންޓަކަށް!

އީގަލްސްގެ ޔޫތު ޓީމަށް ކޯޗުކަން ކޮށްދޭން އާނބަސް ބުނުމަކީ ޝާކިއްޓޭގެ ކޯޗިން ކެރިއަރުގެ ފެށުމެވެ. އޭގެ ޖެހިގެން އައި އަހަރު، އީގަލްސްގެ ސީނިއާ ޓީމާ ހަވާލުވީ އިހުސާން އަބްދުލްޣަނީ (ސާންތީ)އެވެ.

ސާންތިއަށް އެހީތެރިވުމަށް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިިިިިި ނުކުމުތަށް ޝާކިއްޓޭއަށް ފުރުސަތު ލިބުނެވެ. އެއީ އޭނާގެ ޝައުގުވެރިކަން އެ ދާއިރާއަށް ދަމައިގަތް އަނެއް ސަބަބެވެ.

"ސާންތިއަކީ އޭރު ނެޝެނަލް ޓީމުގައި ވެސް ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފަ ހުރި މީހެއް. ދެން ސާންތީއާއެކު މަސައްކަތް ކުރަން ފެށީމަ ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދުނު،" ޝާކިއްޓޭ ކިޔައިދިނެވެ.

ޝާކިއްޓޭއާއި ސާންތީ ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހިފަހައްޓައިލައިގެން --

ގިނަ ޓީމުތަކުގައި އެސިސްޓެންޓު ކޯޗުންނަށް އޮންނަނީ ހެޑް ކޯޗު ބުނާ ކަމެއް ކުރުމެވެ. މާ ބޮޑަކަށް ޒިންމާތަކެއް ނޯވެއެވެ. އެހެން ނަމަވެސް، ސާންތިއާއެކު އީގަލްސްގައި މަސައްކަތްކުރި ދުވަސްވަރު ޝާކިއްޓޭއަށް އެތައް ކަމެއް ދަސްވިއެވެ. އޭނާއާ ވަރަށް ގިނަ ކަންކަން ސާންތީ ހަވާލުކޮށް ކުރުވައެވެ.

ޔޫތު މުބާރާތްތަކުގެ އެންމެ ކާމިޔާބު ކޯޗު!

އެފްއޭއެމްއިން ބާއްވާ ޔޫތު މުބާރާތްތަކުގެ އެންމެ ކާމިޔާބު ކޯޗަކީ ޝާކިއްޓޭއެވެ. އެންމެ ކާމިޔާބު ކުލަބަކީ އީގަލްސްއެވެ. އެ ކާމިޔާބީގެ އެންމެ ބޮޑު ރޯލެއް އަދާކުރާ މީހަކީ ވެސް އޭނާއެވެ.

އެންމެ ފުރަތަމަ ޔޫތު މުބާރާތެއްގެ ފައިނަލުގައި ޝާކިއްޓޭ އީގަލްސްއާއެކު ނުކުތީ 2012ވަނަ އަހަރު ވިކްޓްރީއާ ދެކޮޅަށެވެ. ދެ ގޯލުގެ ލީޑެއް ނަގައިފައިވަނިކޮށް އީގަލްސްއިން އެ މެޗު ކާމިޔާބު ކުރީ ފަހަތުން އަރައެވެ. އެއީ ޝާކިއްޓޭގެ ކޯޗިން ކެރިއަރުގައި އެންމެ ހިތްދަތި ދުވަހެވެ.

"އެ ހިސާބުން ވަރަށް ބޮޑަށް ތަށި ހޯދަން ބޭނުންވި. ވަރަށް ބޮޑު ޓާގެޓެއް އެ ހިސާބުން ޔޫތު މުބާރާތް ކާމިޔާބު ކުރުން،" ޝާކިއްޓޭ ކިޔައިދިނެވެ.

އެ އަޒުމާއެކު ޝާކިއްޓޭ މަސައްކަތް ފެށިއެވެ. އޭނާ އެކަން ކާމިޔާބު ކުރީ ރެކޯޑަކާއެކުއެވެ. އަދިވެސް އެ ރެކޯޑު އޮތީ އީގަލްސްގެ އަތުގައެވެ.

ޝާކިއްޓޭއަކީ ގިނަ ކުޅުންތެރިންތަކެއްގެ ލޯބި ލިބިފައިވާ ކޯޗެއް --

ވިކްޓްރީ އަތުން ފައިނަލުގައި ވީ ބައްޔާއެކު ކަށިން ހިތްވަރު ނެރެ އީގަލްސްއިން ކުރި ހިތްވަރުން 2014ވަނަ އަހަރު ފައިނަލުގައި ކުޅުނެވެ.ބައިކޮޅަށް ގޯލެއް ނުވަދެ 37 ގޯލު އެ މުބާރާތުގައި ޖަހައި، އީގަލްސްއިން ތަށި އުފުލައިލީ ރެކޯޑާއެކުގައެވެ.

ޖެހިގެން އައި އަހަރު ވެސް ޔޫތު މުބާރާތުގެ ތަށި އުފުލައިލީ އީގަލްސްއިންނެވެ. ޖެހިގެން އައި 2016ވަނަ އަހަރު އެ މުބާރާތެއް ނުބާއްވައެވެ. އެއަށްފަހު، 2017ވަނަ އަހަރު އަނެއްކާ ވެސް ތަށި އުފުލައިލާ އީގަލްސްއިން ތަށި މިލްކު ކުރިއެވެ.

ޝާކިއްޓޭއަކީ ޔޫތު މުބާރާތުގެ ތަށި މިހާތަނަށް މިލްކު ކުރި ހަމައެކަނި ކޯޗެވެ. އެންމެ ގިނަ ޔޫތު މުބާރާތްތައް ކާމިޔާބު ކޮށްފައިވަނީ ވެސް އޭނާއެވެ.

ޝާކިއްޓޭއަކީ ޔޫތު މުބާރާތްތަކުގެ އެންމެ ކާމިޔާބު ކޯޗު --

ޒުވާން ކުޅުންތެރިންގެ ފޭވަރިޓަކަށް ޝާކިއްޓޭ ވަނީ ވެސް އެ ސަބަބާ ހުރެއެވެ. އޭނާއަކީ ޒުވާން ކުޅުންތެރިން ކުރިއަރުވަން ބޭނުންވާ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ކޯޗެކެވެ.

ކޯހަކަށް ޖަރުމަނަށް، ތަފާތު ތަޖުރިބާއެއް!

އެންމެ ފުރަތަމަ ޝާކިއްޓޭ ގައުމީ ޓީމަކަށް ކޯޗު ކޮށްދިނީ 2013ވަަނަ އަހަރުއެވެ. އެއީ ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމަށް އެސިސްޓެންޓު ކޯޗަކަށެވެ. އޭރު ހެޑު ކޯޗަކަށް ހުރީ މުހައްމަދު އާތިފް (އާތި)އެވެ. އެ އަހަރު ޖޯޑަންގައި އޮތް މުބާރާތަކީ އޭނާގެ ފުރަތަަމަ މުބާރާތެވެ.

އެއަށްފަހު 2014ވަނަ އަހަރު އޭނާ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާއެކު ޝާކިއްޓޭއަށް 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗުކަމުގެ ފުރުސަތު ލިބުނެވެ. އޭރު ހެޑު ކޯޗަކަށް ހުރީ މުހައްމަދު ޝާޒްލީ (ޝާޒް)އެވެ.

"ޓީމާއެއްކޮށް އިންޑޮނޭޝިއާގައި ހުއްޓާ އޮލިމްޕިކް ކޮމިޓީ މަރޭ ގުޅާފަ ބުނީ، ވަރަށް ރަނގަޅު ކޯހެއް އެބައޮތޭ ޝާކިއްޓޭ ދާންވީ ނޫންހޭ. އަހަރެން ހުރިހާ ކަމެއް ހަމަޖައްސައިދޭނަމޭ،" ޝާކިއްޓޭ ކިޔައިދިނެވެ.

ޖަރުމަނުގައި އޮންނަ މި ކޯހުގެ ތަފްސީލު ވެސް މަރޭ އެ ދުވަހު ޝާކިއްޓޭއަށް ފޮނުވިއެވެ. އެކަމަކު، އޭރު ވެސް ޝާކިއްޓޭ ހުރީ މާ ބޮޑަށް އެކަމާ ގަޔާވެފައެއް ނޫނެވެ.

"އެހާ ގިނަ ދުވަހު [ހަ މަސް] ރަށުން ބޭރުގައި ހުންނަން ވެސް ޖެހޭނެތީ އޭރަކު މާ ބޮޑު ޝައުގުވެރިކަމެއް ނެތް. އެކަމަކު އަނެއްކާ މާލެ އަންނައިރަށް މަރޭ ގުޅާފަ ބުނެފި އަދިވެސް ޑޮކިއުމަންޓުތަކާ އެއްޗެހި ނުފޮނުވަމެއް ނޫންހޭ،" ޝާކިއްޓޭ ކިޔައިދިނެވެ.

އެ ހިސާބުން ޝާކިއްޓޭ އޭނާގެ އާއިލާއާ އެކަމާ މަޝްވަރާ ކޮށްލިއެވެ. އާއިލާގެ އޭނާގެ ބޮޑަށް ތިބި ބޭބެމެން ވެސް ނަސޭހަތްތެރިވީ އެ ފުރުސަތު ދޫނުކޮށްލުމަށެވެ. އެންމެން ވެސް ބާރު އެޅީ އެ ކޯހަށް ދިއުމަށެެވެ.

އޭރު ހަގީގަތުގައި ޝާކިއްޓޭ ކޯހަށް ދާން މާ ބޮޑު ޝައުގުވެރިކަމެއް ނެތީ، އެއީ އޭނާގެ އަލަތު ދަރިފުޅު ލިބުނު ދުވަސްކޮޅު ކަމަށްވާތީއެވެ.

"ފެމިލީ އެންމެން ވެސް އަންހެނުން ވެސް ބުނެފި ދާށޭ. މިކޮޅު މެނޭޖު ކުރެވޭނެއޭ ދާށޭ. ދެން އާއިލާ އެންމެން ވެސް އެހެން ބުނީމަ ދާން ނިންމީ. ދެން ދެހާސްސާދަ ވަނަ އަހަރުގެ މާޗު މަހު ޖަރުމަނަށް ދިޔައީ،" ޝާކިއްޓޭ ކިޔައިދިނެވެ.

ޖަރުމަނުގެ ޔުނިވާސިޓީއޮފް ލެޕްޒިގްއިން ޑިޕްލޮމާ އިން ފުޓްބޯލް އޭނާ ހާސިލުކުރިއެވެ. އަދި ޑީއެފްބީ އޭލެވެލް ކޯޗިންގް ސެޓްފިކެޓް ވެސް ހާސިލުކުރިއެވެ.

ޝާކިއްޓޭ ޖަރުމަނުގައި ކުރީ ތަފާތު ތަޖުރިބާއެއް --

ޖަރުމަނުގައި އޭނާއަށް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. އުޅެން ޖެހުނީ އެކަނި ކައްކައި ކައިގެންނެވެ. އެކަނި އެއްޗެހި ދޮވެ އިސްތިރި ކޮށްގެންނެވެ. އޭގެ ކުރިން ދުވަހަކު ވެސް އުޅެފައިވާ ގޮތަކަށް ނުވާތީ، އެކަން ވީ ޝާކިއްޓޭއަށް ތަފާތު ތަޖުރިބާއަކަށެވެ.

"އެ ދިޔަ ދުވަސްކޮޅު އެއީ ވިންޓާ. އެކަން ވެސް ދެން ފުރަތަމަކޮޅު ވަރަށް އުނދަގޫވި. އެކަމަކު ފަހުން ހޭނިއްޖެ،" ޝާކިއްޓޭ ކިޔައިދިނެވެ.

ޖަރުމަނުގައި އުޅެންޖެހުނީ ތަފާތު 13 ގައުމެއްގެ މީހުންނާއެކުގައެވެ. އެ މީހުންގެ ސަގާފަތާއި އާދަކާދައިގެ ތެރެއިން ވެސް ކަންކަން ޝާކިއްޓޭއަށް އެ ދުވަސްކޮޅު ދަސްވިއެވެ.

ކޯޗެއްގެ ގޮތުގައި ނަސީބުގަދަ!

ކުޅުންތެރިއެއްގެ ގޮތުގައި ޝާކިއްޓޭއަށް ކުރެވުނީ ހިތި ތަޖުރިބާއެކެވެ. އެތަކެއް ކާމިޔާބީތަކެއް ހޯދި ޝާކިއްޓޭއަށް އޭނާގެ ރަަން ދުވަސްވަރު ކުޅުން ހުއްޓާލަން ޖެހުނީއެވެ. ޒުވާން އުމުރުގައި ފުޓުބޯޅަ ދަނޑުން ފައިބަން ޖެހުނީއެވެ.

އެހެން ނަމަަވެސް، ކޯޗިން ކެރިއަރުގައި ޝާކިއްޓޭ ގަބޫލުކުރަނީ އޭނާއަކީ ވަރަށް ނަސީބުގަދަ މީހެއް ކަމަށެވެ. އީގަލްސްގެ ޔޫތު ޓީމުގައި ހުރެފައި، ސީނިއާ ޓީމަށް ދިއުމުން އޭނާއަށް ގިނަ ފުރުސަތުތަކެއް ތަނަވަސްވިއެވެ.

"އޭރު ބޮޑު ޓީމަށް އެސިސްޓު ކޮށްފަ މި ތައްޔާރުވަނީ ޔޫތު މުބާރާތަށް. ދެން ބޮޑު ޓީމުގައި ދަސްކުރާ އެއްޗެހި ޔޫތު މުބާރާތުގައި އެޕްލައިކޮށްގެން. ނަސީބުގަދައޭ މި ބުނަނީ ދަސްކޮށްފަ އެޕްލައިކުރަން ވެސް ފުރުސަތު ލިބުނު އީގަލްސްއަށް،" ޝާކިއްޓޭ ކިޔައިދިނެވެ.

އޭގެ އިތުރުން ވެސް، ކޯޗިންގެ ދާއިރާއަށް ނުކުމެ މާ ގިނަ ދުވަސްތަކެއްނުވެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކޯޗުކަން ކޮށްދޭން ލިބުނެވެ.

"ގޮންޖެހުންތަކެއް އަސްލުގައި އެހާ ބޮޑަކަށް ދިމައެއް ނުވޭ،" ޝާކިއްޓޭ ކިޔައިދިނެވެ.

ސީނިއާ ގައުމީ ޓީމާއެކު ތައްޓެއް!

މިއީ ރާއްޖޭގެ ކޮންމެ ކޮންމެ ކޯޗަކަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ. ޔޫތު މުބާރާތުގެ ތަށި މިލްކު ކުރުމަށްފަހު، ޝާކިއްޓޭ ވަޒީފާއަށް ދިޔައީ އެފްއޭއެމްއަށެވެ.

އެފްއޭއެމްގައި އުޅެމުން 2018ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗުކަން އޭނާއަށް ލިބުނެވެ.

"ސީނިއާ ގައުމީ ޓީމަށް ދިޔައިރު ޕީޓަރ ސެގަޓް ހުރީ. އޭނާއަކީ ވެސް އެސިސްޓެންޓު ކޯޗުންނަށް ވަރަށް ކަންކަން ހަވާލުކޮށްގެން ކުރުވާ މީހެއްވީމަ ބައެއް ފަހަރަށް ހަމައެކަނި ޓެކްޓިކްސްބައި ކޯޗު ނަގައިދޭނީ. އެހެން ހުރިހާ ކަމެއް ހަވާލުކޮށްފައި އޮންނަނީ،" ޝާކިއްޓޭ ކިޔައިދިނެވެ.

2018ވަަނަ އަހަރު ގައުމީ ޓީމުގެ ކޯޗުންނާއި މެނޭޖްމަންޓު --

އެ އަހަރުގެ މުބާރާތްވީ ރާއްޖެ ޓީމަށް ފަސޭހަ މުބާރާތަކަށް ނޫނެވެ. ރާއްޖޭގެ އެންމެ އިތުބާރު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ސްކޮޑުގައި ހިމަނައިފައި ނެތުމުން އާންމުން ވެސް ތިބީ ރުޅިގަދަވެފައެވެ. ކޯޗާމެދު ވެސް ހިތްހަމަ ނުޖެހިފައެވެ.

ފުރަތަމަ ޓީމު ފުރައިގެން ދިޔައީ ގަތަރުގައި އޮތް ކޭމްޕަކަށެވެ. މަހެއްހާ ދުވަހު ކޭމްޕުގައި ތިބެފައި މުބާރާތަށް ދިޔައީ ބަންގްލަދޭޝްއަށެވެ.

"މުޅިއަކު ދެ މަހާ ގާތްކުރާ ދުވަހަކަށް ރާއްޖޭން ބޭރުގައި. އުޅެން ޖެހުނީމަ ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް ހޯމްސިކްވެފައި. އަދި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ވެސް ޓީމު ތެރޭގައި އުޅުނު އޭރު،" ޝާކިއްޓޭ ކިޔައިދިނެވެ.

އެހާ ގިނަ ދުވަހު ރާއްޖޭން ބޭރުގައި ކޭމްޕުކުރި އިރު ވެސް ރަނގަޅު މެޗުތަކެއް ޓީމަކަށް ނުލިބުނެވެ. ޕާކިސްތާނާއެކު ކުޅެން އޮތް މެޗު ވެސް ކެންސަލްވީއެވެ.

އެހެންވެ، ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ޑީ މޯޓިވޭޓްވެފައެވެ. ފުރަތަމަ މެޗުގައި ވެސް ނަތީޖާ ރަނގަޅެއް ނޫނެވެ. ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީއެވެ.

"ގޯހުން ގޯހަށް ދިޔަ ކަހަލަ ގޮތަކަށް ދިޔައީ. އެކަމަކު ގުރުއަތުލައިގެން ސެމީއަށް ދިޔައީމަ ޓީމު އަނެއްކާ ވެސް ވަރަށް ބޮޑަށް އެކަތިގަނޑަކަށްވެއްޖެ. ޓީމު އެންމެން ވެސް ބުނި މި ފުރުސަތެއް ދެން ނުލިބޭނެއޭ. ވަރަށް ބޮޑަށް މޯޓިވޭޓް ވެފައޭ ތިބީ،" ޝާކިއްޓޭ ބުންޏެވެ.

އޭރު ޓީމުގެ ބަދަހިކަން އޮތް މިންވަރަކީ ކޮންމެ ޓީމެއް އަޔަސް ބަލިކުރާނެކަމުގެ ޔަގީންކަން އޮތުމެވެ. ފައިނަލަށް ޓީމު ދިޔައީ އެ އަހަރުގެ މުބާރާތުގެ ފޭވަރިޓުންކަމަށްވާ ނޭޕާލް ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ. ފައިނަލުގައި އިންޑިއާ ވެސް ބަލިކުރީ ފަސޭހަކަމާއެކުގައެވެ.

ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ޝާކިއްޓޭ ފާހަގަކުރަނީ ސާފްޗެމްޕިއަންޝިޕްގެ ތަށި ލިބުން --

"މިހާތަނަށް ފުޓުބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެއީ،" ޝާކިއްޓޭ ބުނެލިއެވެ.

ޔޫތު ޓީމާއެކު ތަށި ހޯދުން، ބޮޑު ހުވަފެނެއް!

ޝާކިއްޓޭ މިހާރު ހުރީ ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެއެވެ. އެ ޓީމާއެކު، ތަށްޓެއް ހޯދުމަކީ މިހާރު ޝާކިއްޓޭ ދެކޭ ހުވަފެނެވެ.

މިހާތަނަށް 19 އަހަރުން ދަށުގެ ޓީމު އެންމެ ބޮޑު ކާމިޔާބީއަކަށް ހޯދީ 2019ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގެ ލޯ މެޑައްޔެވެ.

ޖުލައި ފަހުކޮޅުގައި 19 އަހަރުން ދަށުގެ ސާފްޗެމްޕިއަންޝިޕް އޮންނައިރު، ޝާކިއްޓޭ އުންމީދުކުރަނީ ތަށި އުފުލައިލެވޭނެ ކަމަށެވެ.

ޝާކިއްޓޭ ޔޫތު ޓީމެއްގެ ފަރިތަކުރުމުގައި --

"ޓީމާ ދޭތެރޭ ވަރަށް ބޮޑު އުންމީދެއް އެބައޮތް،" ޝާކިއްޓޭ ބުންޏެވެ.

އެތައް ބައެެއްގެ އެހީތެރިކަން!

ޝާކިއްޓޭއަކީ މިއަދު ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗެވެ. އޭނާއަކީ ގިނަ ކުޅުންތެރިންތަކެއްގެ ފޭވަރިޓެކެވެ. އެ ހިސާބަށް އޭނާއަށް ދެވުނީ ބުރަ މަސައްކަތުންނެވެ. އަދި އެތައް ބައެއްގެ އެހީތެރިކަމާއެކުގައެވެ.

މަންމައާއި ބައްޕަ އަދި މުޅި އާއިލާގެ އެއްބާރުލުން އަބަދުވެސް އޭނާއަށް ލިބެއެވެ. ހާއްސަކޮށް، ޝާކިއްޓޭގެ އަންހެނުންނަކީ އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރެވެ. އެއީ އަބަދުވެސް ޝާކިއްޓޭގެ އެންމެ ބޮޑު ފޭންއެވެ. އެންމެ ބޮޑު ސަޕޯޓަރެވެ.

"ފުޓުބޯޅައިގެ އެކި ކަންކަމުގައި ރާއްޖޭން ބޭރުގައި މަސް ދެމަސް ވެސް ވޭ. ބޭރުގައި އުޅޭއިރު ދެ ކުދިންގެ ހުރިހާ ކަމެއް ބަލަހައްޓާ، ސުކޫލަށް ގެންގޮސް ހުރިހާ ކަމެއް ކުރަނީ އަންހެނުން. އަންހެނުންގެ ސަޕޯޓާ ނުލައި މިކަމެއް ނުވާނެ،" ޝާކިއްޓޭ ބުނެލިއެވެ.

ޝާކިއްޓޭ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު --

މިއަދު އޭނާއަށް ކުރިއަށް ދިއުމަށް އެންމެ ގިނަ ފުުރުސަތުތަކެއް ފަހިކޮށްދެއްވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ކްލަބް އީގަލްސްގެ މެނޭޖްމަންޓް، ހާއްސަކޮށް އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ)އަކީ އޭނާގެ ކޯޗިން ކެރިއަރުގައި ގިނަ ފުރުސަތުތަކެއް ފަހިކޮށްދިން މީހެކެވެ. އީގަލްސްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ސާންތިގެ ފަރާތުން ވެސް ލިބުނީ ހުއްޓުމެއް ނެތް އެހީތެރިކަމެވެ.

"ފުޓްބޯޅައިގެ ކަންކަމުގައި އީގަލްސްގައި ހޭދަކުރި ދުވަސްތަކުގައިވެސް، އަދި މިހާރު ވެސް ކޯޗިންގެ ކަންކަމުގައި އެންމެ ބޮޑަށް މަޝްވަރާދީ އެހިތެރިވެނީ ސާންތި،" ޝާކިއްޓޭ ބުންޏެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގައި މަސައްކަތް ކުރި ދުވަސްވަރު އާތިގެ ފަރާތުން އަދި 2018ވަނަ އަހަރު ސީނިއާ ގައުމީ ޓީމާ ހަވާލުވެހުރި ޕީޓަރ ސެގަޓްގެ ފަރާތުން ވެސް ގިނަ އެހީތަކެއް ލިބުނެވެ. އެތަކެއް ފުރުސަތެއް ފަހިވިއެވެ.

"މިދިޔަ އަހަރު ސާފްޗެމްޕިއަންޝިޕްގައި ސުޒައިންއާއި އިންމައާއެކު މަސައްކަތްކުރަން ލިބުނު. އެއީ ވެސް ކޯޗިން ކެރިއަރުގައި ވަރަށް އެހީތެރިވި ބައެއް،" ޝާކިއްޓޭ ބުންޏެވެ.

"މޯހަން، ޝާޒްލީ، ނިޝްތާރު، ސުޒައިން، ނިމާ، ނިޒާމްގެ އަދި ގޯލް ކީޕަރު ކޯޗު އަސްލަމްއަކީ ވެސް ފުޓުބޯޅައިގެ ކަންކަމުގައި ވަރަށް ގިނައިން ހިޔާލު ބަދަލުކޮށް އެހީތެރިވާ ބައެއް،"

ޔޫތު ޗެމްޕިއަންޝިޕް ޝާކިއްޓޭ މިލްކުކުރި އިރު އޭނާއާއެކު ކޯޗިން ޓީމުގައި ތިބީ އޭނާއަށް ވަރަށް ހާއްސަ ބައެކެވެ. އެއީ އޭނާއަށް ކެރިއަރުގައި ވަރަށް އެހީތެރިވި ބައެކެވެ.

ޝާކިއްޓޭ އީގަލްސްގެ ބައެއް ކޯޗުންނާއެކު --

"ނިޝްތާރު، ކަކާ، ނިމާ، މޫސާ ސައީދު، ޒެއްރަ، އަދި އަފޫއަކީ ވަރަށް ހާއްސަ ބައެއް،" ޝާކިއްޓޭ ބުންޏެވެ.

ޖަރުމަނުގައި ކިޔެވުމުގެ ފުރުސަތު ލިބުމަކީ ޝާކިއްޓޭ މިއަދު އެ ހިސާބުގައި ހުރި އެއް ސަބަބެވެ. އެ ފުުރުސަތު ހޯދައިދިނީތީ އަބަދުވެސް މަރޭއަށް އޭނާ ޝުކުރުވެރި ވާނެއެވެ.

"އެފްއޭއެމްގެ ރައީސް ބައްސާމް، ޖެނެރަލް ސެކްރެޓަރީ ޖަވާޒް، ޑެޕިއުޓީ ޖީއެސް ޝިބާ، ޓެކްނިކަލް ޑައިރެކްޓަރ ޑުންގާ އަދި މުޅި ސީނިއާ މެނޭޖްމަންޓުން ވެސް އަހަރެންގެ ކޯޗިން ކެރިއަރުގައި ކުރިއަށް ދިއުމަށް ވަރަށް ގިނަ ފުރުސަތުތައް ފަހިކޮށްދޭ،" ޝާކިއްޓޭ ބުންޏެވެ.

މިއަދު ޝާކިއްޓޭ އެ ހިސާބުގައި އެ ހުރީ ކުޅުންތެރިން އޭނާއަށް ކުރި އިތުބާރުގެ ސަބަބުންނެވެ. ދިން ލޯތްބާއި އިހުތިރާމްގެ ސަބަބުންނެވެ. އެއީ ދުވަހަކު ވެސް ޝާކިއްޓޭ ހަނދާން ނައްތާލާނެ ކަމެއް ނޫނެވެ.

ޒުވާން އުމުރުގައި ޝާކިއްޓޭއަށް އަނިޔާގެ ސަބަބުން ދަނޑުން ފައިބާ ފުޓުބޯޅަ ދޫކޮށްލަން ޖެހުނެވެ. އެކަމަކު، ފުޓުބޯޅަ އޭނާ ދޫކޮށެއް ނުދެއެވެ. އެއީ އޭނާގެ ދިރިއުޅުމުގެ އެއްބައެވެ.

ޝާކިއްޓޭ ގައުމީ ޓީމުގެ ފަރިތަކުރުމެއްގައި --

ޝާކިއްޓޭ އުންމީދު ކަނޑައެއް ނުލައެވެ. ހިތްވަރު އެލުވައެއް ނުލައެވެ. ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރިއެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެ ކުޅުންތެރިންގެ އިހުތިރާމާއި ލޯބި ހޯދިއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ނުހޯދުނު ކާމިޔާބީ މިއަދު ޝާކިއްޓޭ އެ ހޯދަނީ ކޯޗެއްގެ ގޮތުގައެވެ.

comment ކޮމެންޓް