ރޮނާލްޑޯގެ ފިރިހެން ދަރިފުޅު މަރުވެއްޖެ

ރޮނާލްޑޯ އޭނާގެ އަންހެނުން ޖޯޖިނާ ޓުވިސް އަށް ބަލިވެ އިންކަން ހާމަކޮށް، ހިއްސާ ކޮށްފައިވާ ފޮޓޯ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖޯޖިނާ ރޮޑްރިގޭޒަށް ލިބުނު ޓުވިންސް ކުދިންގެ ތެރެއިން ފިރިހެން ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވެއްޖެއެވެ.

ޓްވީޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ރޮނާލްޑޯ ބުނީ އޭނާގެ އެންމެ ކުޑަ ފިރިހެން ދަރިފުޅު މަރުވެފައިވާކަން ހިތާމައާއެކު ހާމަކުރާކަމަށެވެ. ނަމަވެސް އަންހެން ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި، އެކަމުން ކޮންމެ ވެސް ވަރެއްގެ އުފާވެރިކަމެއް ލިބޭ ކަމަށް ރޮނާލްޑޯ ބުންޏެވެ.. އަދި މިއީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު އެންމެ ހިތާމަކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

"އަހަރެމެންގެ ފިރިހެން ދަރިފުޅު މަރުވެފައިވާކަން މި ހާމަކުރަނީ ވަރަށް ބޮޑު ހިތާމައަކާއެކު. މިއީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު އެެއް ހިތާމަ. މި ވަގުތު ކޮންމެ ވެސް ވަރެއްގެ އުފަލެއް އަދި ހިއްވަރެއް ލިބެނީ އަންހެން ދަރިފުޅު އުފަންވެފައިވާތީ،" ރޯނާލްޑޯ ނެރުނު ބަޔާނުގައިވެއެވެ.

އޭނާގެ އަންހެނުންނަށް ވިހެއުމުގައި ޑޮކްޓަރުންނާއި ނަރުހުން ދިން އަޅާނުން ފާހަގަކޮށް ރޮނާލްޑޯ ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

"މިއީ ވަރަށް އުނދަގޫ ވަގުތެއް. މި ހިތްދަތި ވަގުތުގައި ޕްރައިވެސީ ބޭނުން،" އޭނާ ބުންޏެވެ.

ރޮނާލްޑޯ އާއި އޭނާގެ އަންހެނުން ޖޯޖިނާއަށް ވަނީ ޖުމުލަ ތިން ކުދިން ލިބިފައެވެ. އެއީ އެލާނާ މާޓިނާ އަދި މިއަދު އުފަންވި ޓުވިންސް ކުދިންނެވެ. މީގެ ތެރެއިން ފިރިހެން ކުއްޖާ ވަނީ މަރުވެފައެވެ.

ރޮނާލްޑޯގެ ދަރިންގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯޯ ޖޫނިއާ، އީވާ މާރިއާ އަދި މަޓިއޯ ރޮނާލްޑޯއަކީ ސަރަގޭޓު ކޮށްފައިވާ ކުދިންނެވެ.

comment ކޮމެންޓް