މިތިބީ ކަރުން ހަންދާ ވަރަށް ސަޕޯޓުކުރަން ތައްޔާރަށް: މަހުލޫފް

އެސްއޭޖޭސީޓީޓީސީ 2022ގެ ލޯގޯ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް -- ފޮޓޯ/ ރައީސް އޮފީސް

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ފަށާ ސައުތު އޭޝިއަން ކެޑޭޓް އެންޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ހުރިހާ ރައްޔިތުން ވެސް ތިބީ ކަރުން ހަންދާ ވަރަށް ރާއްޖޭގެ ޓީމަށް ސަޕޯޓުކުރަން ތައްޔާރަށް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އެހެން ވިދާޅުވީ އެ މުބާރާތުގެ ލޯގޯ އިފްތިތާހުކުރުމަށް ރޭ ހުޅުމާލޭ ޓީޓީ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ހުޅުމާލޭ ޓީޓީ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި އެ މުބާރާތުގެ ލޯގޯ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ މި މުބާރާތުގައި ރާއްޖޭގެ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާމުން މި މުބާރާތުގައި އަޅުނގަނޑުމެންގެ ކުޅުންތެރިންނަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް. އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި އިންޑިއާ ތަންތަނުން ފޮނުވަނީ އެންމެ ވަރުގަދަ ޓީމު. ކިތަންމެ ވަރުގަދަޔަސް އަޅުގަނޑު އުންމީދުކުރާނީ އަދި އަޅުގަނޑުމެން ސަޕޯޓު ކުރަމުން ދާނީ ވެސް އިންޑިއާ ވެސް ބަލިކޮށްފަ އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ހޯދުމަށް،" މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

އެސްއޭޖޭސީޓީޓީސީ 2022ގެ ލޯގޯ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން މިނިސްޓަރު ވިދާޅުވެފައިވަނީ ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ ރަނގަޅު އެސޯސިއޭޝަނަކަށް ހޮވުނީ ޓީޓީ އެސޯސިއޭޝަން ކަމަށާއި، އެ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދާއި އެކްސްކޯ މެމްބަރުން ޓީޓީ ކުރިއެރުވުމަށް ބުރަ މަސައްކަތް ކުރާކަމަށެވެ. އަދި އެކަމަށްޓަކައި މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު ވެސް އަދާ ކުރައްވާފައެވެ.

މަހުލޫފް ވިދާޅުވީ ގައުމީ ފުޓުބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕް ކުޅޭއިރު ދިވެހިންގެ ފަރާތުން ފެންނަ ޖޯޝާއި ފޯރި، މި މުބާރާތުގައި ވާދަކުރާ ޓީޓީ ގައުމީ ޓީމަށް ވެސް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެސްއޭޖޭސީޓީޓީސީ 2022ގެ ލޯގޯ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން މިނިސްޓަރު ވަނީ ޓީޓީ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ބެލެނިވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެ އެމީހުންނަށް ވެސް ޝުކުރު އާދަ ކުރައްވާފައެވެ.

"ކުޅުންތެރިންނަށް ބުނެލަން އޮތީ ތި ހުރިހާ ކުދިންނަށް ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައްޗޭ، އަޅުގަނޑުމެން އެންމެން ކަރުން ހަމަ ހަން ދަންދެން ސަޕޯޓުކުރަން ތައްޔާރަށޭ މިތިބީ،" މަހުލޫފް ބުންޏެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު މި މުބާރާތް ރާއްޖޭގައި ފަށާއިރު، މިއީ މި މުބާރާތް ރައްޖޭގައި ބާއްވާ ދެ ވަނަ ފަހަރެވެ.

comment ކޮމެންޓް