އައްމަޓީ ދޫކޮށްލުން: ދިފާއުން ދެއްކީ ޕީޖީ ބަސްނާހާ ވާހަކަ

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި, ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އިން ކޯޓުތަކަށް ހުއްޓުމެއްނެތި ފާޑުކިޔަމުންދާކަމަށް ވިދާޅުވެ ޝަކުވާތައް ބަންޑުންކޮށްލައިފިއެވެ.

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ އައްމަޓީ ހައްޔަރުކުރި ފަހުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ތިން ފަހަރަށް އަމަރުކޮށްފައެވެ. އެންމެ ފަހުން ދޫކޮށްލުމަށް ނިންމީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ.

އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް, މައްސަލަ ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.

ހައި ކޯޓުން އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލާފައިވަނީ, އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ.

ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.

ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން ބުނީ, އައްމަޓީގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާނީ 48 ގަޑިއިރު ހަމަވުމުގެ ކުރިން ކަމަށެވެ. އެގޮތުން ދައުލަތުން 48 ގަޑިއިރު ގުނާފައިވަނީ ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލި ދުވަސް ނުލައެވެ. ގާނޫނުގައި ވެސް ބުނަނީ އެ މުއްދަތު ގުނާއިރު ކަން ހިނގި ދުވަހާއި ނިމޭ ދުވަސް ނުގުނާނެ ކަމަށެވެ.

އެހެންކަމުން ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލައިގަތުމުގެ އަމުރެއް ނެރެދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދިފާއުން ފުރަތަމަ ވެސް ފާހަގަކޮށްފައިވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާއަށެވެ. އެމާއްދާގައި ބުނެފައިވަނީ އަދުލް އިންސާފު ގާއިމް ކުރާ ބާރަށް ނުފޫޒު ފޯރުވުމަކީ ކުށެއް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވަނީ، ގާޒީންގެ މަސައްކަތަށް ފާޑުކިޔައި ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް ބުނެ މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ ބައެއް ނިންމުން, ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަވާފައެވެ.

އެގޮތުން އައްމަޓީ މައްސަލައިގައި ދައުލަތުން ކޯޓުތަކުގެ ގާޒީންނަށް ފާޑުވިދާޅުވެ ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ދިފާއުން ވަނީ ތުހުމަތުކޮށްފައެވެ.

"ބަންދު އަމުރާ ގުޅޭ ގޮތުން ގޮތެއް ނިންމާ ކޮންމެ ނިންމެވުމަކާ ގުޅިގެން ފަނޑިޔާރުންގެ ޒާތާ ބެހި އެ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ބަސްތައް ރައްދުކޮށް ޕީޖީ ބޭނުންވެލައްވާ ގޮތަކަށް ނޫން ގޮތަކަށް އަމުރެއް ނުވަތަ ނިންމެވުމެއް ނުނިންމޭނެ ފަދަ ގޮތަކަށް އަމަލުތައް ގެންދަވާފައި ހުރިކަން ފާހަގަކުރަން," ނިހާޔަތު ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލްތައް ކިޔައިދެއްވަމުން ނިހާޔަތު ވިދާޅުވީ, އައްމަޓީއާ ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ފަހުމީއާ ގާތް ގުޅުމެއް އޮންނަ ކަމަށް ދައުލަތުގެ ވަކީލް މީގެ ކުރިން ހައި ކޯޓު މަރުހަލާގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލަނީ އެ ގުޅުމުގެ ސަބަބުން ކަމަށް ދައުލަތުން ބުނެފައިވާ ކަން ނިހާޔަތު ފާހަގަކުރެއްވިއެވެ.

"މިއީ ޝަރީއަތުގެ މަޖިލީހެއްގައި ދެކިވެފައިހުރި ވާހަކަތައް. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ޒާތުގެ ކަންކަން," ނިހާޔަތު ވިދާޅުވިއެވެ.

އެފަދަ ވާހަކަތައް ހައިކޯޓުގެ ބެންޗުން ހުއްޓުވާފައިވާކަން ފާހަގަކޮށް ނިހާޔަތު ވިދާޅުވީ, ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނިސްބަތްކޮށް ދައުލަތުން މީގެ ކުރިން ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލުންގެ އިތުރުން ޕީޖީ ޙުސައިން ޝަމީމް ވެސް އައްމަޓީގެ މައްސަލައިގައި ގާޒީންގެ ނިންމެވުންތަކަށް ފާޑުވިދާޅުވެފައިވާ ކަމަށް ނިހާޔަތު ވިދާޅުވިއެވެ.

އެގޮތުން އެއް ފަހަރު ފިލި މީހަކު އަނެއް ފަހަރު ފިލާފާނެ ކަމުގެ ފުރުސަތު އޮންނާނެ ކަމަށް އިންޑިއާގެ ސްޓޭޓްތަކުގެ ހައި ކޯޓުގެ ފަނޑިޔާރުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި އެހާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެތީ އެ މީހާ ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް އެވެރިން ގަބޫލު ކުރައްވާ ކަމަށް ޕީޖީ ޓްވީޓް ކުރައްވާފައިވެއެެވެ.

"އެއް މޭރުމަކުން ދަންނަވާނަމަ އެއީ އިންޑިއާގެ ސްޓޭޓްތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާއިރު ވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އެވަރުވެސް އެނގިވަޑައިނުގަންނަވައޭ ބުނާ ކަހަލަ," ނިހާޔަތު ވިދާޅުވިއެވެ.

ޖާމިނުކޮށް ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ޕީޖީ ޓްވީޓް ކުރެއްވި ނަމަވެސް, ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވެސް ތާއިދުކޮށްފައިވާކަން ނިހާޔަތު ފާހަގަކުރެއްވިއެވެ.

އައްމަޓީއާ އެއްކޮޅަށް ކޯޓަކުން ކަމެއް ނިންމައިފި ނަމަ އެކަމަށް ފާޑުވިދާޅުވަމުންދާކަން ފާހަގަކޮށް ނިހާޔަތު ވިދާޅުވީ, އެ ނިންމުމެއް ނިންމާ ފަނޑިޔާރުންގެ ޒާތާ ބެހުމަކީ ޕީޖީ އާންމުކޮށް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.

"ކޮންމެހެން ގާނޫނުގައި މި ބަޔާންކުރާ މުއްދަތު ގުނުމާ ގުޅޭ އުސޫލާ ބެހޭގޮތުން އިލްމީ ބަހުސެއް ކުރައްވަނީއެއް ނޫން. މައްސަލައާ ގުޅުވައި މައްސަލަގައި އަޙްމަދު މޫސާ މުޙައްމަދުގެ ކޭސްއާ ގުޅުވައިގެން ބޮޑު ޑިސްކަޝަނެއް އަމިއްލަފުޅު ބްލޮގްގައި މިހިންގަވަނީ ޕީޖީގެ ހައިސިއްޔަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރައްވަމޭ ވިދާޅުވެފައި," ނިހާޔަތު ވިދާޅުވިއެވެ.

އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލި ހުކުމުގައި ބުނެފައިވަނީ, ކަން ހިނގި ދުވަހާއި ނިމޭ ދުވަސް ނުގުނި ނަމަވެސް ގަޑިއިރު ގުނުމުގައި އެފަދަ އުސޫލެއް ނެތް ކަމަށެވެ. އެހެންކަމުން އައްމަޓީގެ މައްސަލަ ބޭރުކޮށްލުމަށް ނިންމީ ކްރިމިނަލް ކޯޓުން އަމުރު ނެރުނުތާ 48 ގަޑިއިރު ވެފައިވާތީ ކަމަށެވެ.

comment ކޮމެންޓް