ހިޔާ ފްލެޓްތަކުން ކުނި އުކާލުމަށް އަންނަ މަހުން ފެށިގެން ފައިސާ ނަގަނީ

ހިޔާ ފްލެޓް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުނި އުކާލުމުގެ ޚިދުމަތަށް އަންނަ މަހުން ފެށިގެން ފައިސާ ނަގަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ނިންމައިފިއެވެ.

ހިޔާ ފްލެޓްތަކުގެ ކުނި ނެގުމުގެ ޚިދުމަތަށް ބިލް ނުކުރަން އެ ކުންފުނިން ނިންމާފައި ވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ނަމަވެސް ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާ ގުޅިގެން، އެ ކޯޕަރޭޝަނުން ދުވަހު ކުނި އުކާލުމުގެ ޚިދުމަތްތައް އެސަރަހައްދަށް މެދުނުކެނޑި ފޯރުކޮށްދެމުން ދާކަމަށެވެ.

އެހެންކަމުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ވެމްކޯގެ ޚިދުމަތަށް ބިލް ކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓްތަކަށް އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތުގެ އަގަކީ މަހަކު 150 ރުފިޔާއެވެ.

ހިޔާ ފްލެޓްގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ޚިދުމަތެއްކަމަށް ވުމާއެކު، އެނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެކޯޕަރޭޝަންގެ 'ކޯލް އެންޑް ޕިކަޕް ސާވިސް (ކެޕްސް)' ޚިދުމަތް ހޯދުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

"ކެޕްސް ޚިދުމަތަށް ބުކިންއެއް ހައްދާލުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ވެމްކޯގެ ހޮޓްލައިން 1666އަށް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ގުޅުއްވުމަށް ދަންނަވަން،" ވެމްކޯގެ ބަޔާނުގައިވެއެވެ.

ހިޔާ ފެލްޓްތަކުގައި، ވަކި ގޮތެއް އަންގަންދެން ކުނި ބިލް ނުކުރާނެ ކަމަށް މި އަހަރުގެ ކުރީކޮޅު ވެމްކޯއިން އިޢުލާނު ކުރަމުން ބުނީ، އެގޮތަށް އެ ނިންމުން ނިންމާފައި ވަނީ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުންދާ މިންވަރަށް ބަލައި، އެފަދަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

comment ކޮމެންޓް