ގުރުއާނުގެ އަލް ޒުމަރު ސޫރަތުގެ ފަންސާސް ތިންވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ"قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ" އާޔަތުގެ މާނައަކީ ތިމަން އިލާހުގެ އަޅުތަކުން ކުރެން ފާފަކުރުމުން އެމީހުންގެ ނަފުސްތަކަށް އިސްރާފުކޮށްފައިވާ މީހުންނަށް ކަލޭގެފާނު ދަންނަވާށެވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އެކަލާނގެ ހުރިހާ ފާފައެއް ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެއެވެ."

***

ސިއާރާ ހާރިސްގެ ފޯނުގެ އިންތިޒާރުގައި ކެތްމަދުވެފައި ހުއްޓާ ގުޅާފައި ހުށަހެޅީ ސިއާރާ ވިސްނަން ޖެހުނުފަދަ ހައްލެކެވެ. ސިއާރާ ސަލާމަތްކޮށް ދެވެން އޮތީ އެންމެ ގޮތަކަށެވެ. ހާރިސްގެ އެކުވެރިއަކާއި ކައިވެނިކޮށްގެންނެވެ. ހާރިސް ބުނީ އޭނަ އެލިޔަސްއަށް އަމިއްލަ ނަފުސަށްވުރެ ބޮޑަށް އިތުބާރުކުރާކަމަށާއި ދީނަށް ލޯބިކުރާ މާތް ޒުވާނެއް ކަމުގައެވެ. ދީނަށްޓަކާ ފުރާނަވެސް ގުރުބާންކޮށްލާ ވަރުގެ ތަގުވާވެރި މީހެއް ކަމުގައެވެ.

***

"މަންމަ އެހެން ބުނަން ޖެހުނު ސަބަބެއް ނޭގޭ. އެކަމަކު ޑީއެންއޭ ޓެސްޓުން ސިއާރާއަކީ ބައްޕަގެ ދަރިއެއް ނޫންކަން ސާބިތުވެއްޖެ.." އަސްލަން އެ ކަރުދާސްގަނޑުގައި ބޮސްދިނެވެ. ފާޑުފާޑުގެ ތުހުމަތާއި ޝައްކުތައް އަދި ބޭކާރު އަނގަތެޅުންފަދަ ކަންތައް އަންހެންވެރިންގެ ތެރޭ އޮވޭ ނޫންހެއްޔެވެ؟ މިއީ އެފަދަ ކަމެއްކަމަށް ވެދާނެއެވެ. ސިއާރާގެ މަންމައާއި ބައްޕައަށް އެފަދަ ޝައްކެއް ކުރެވުނުނަމަ އެދެމީހުންވެގެން އަސްލަންއާއި ސިއާރާގެ ކައިވެނިކުރުވަން އުޅޭނެކަމަށް ގަބޫލުކުރެވުނުކަމީ މޮޔަކަމެކެވެ.

އަސްލަން އޭނަގެ މަންމައަށް ގުޅިއެވެ.

"މަންމާ. ކިހިނެއް މާމަމެންނާއެކު އާ ދިރިއުޅުން؟"

"މަންމަމެންނާއި ބައްދަލުކުރުމުގެ އުފަލެއް އަދި ނުލިބޭ. އެމީހުން ރާއްޖެއަކު ނެތް..ކޮއްކޮއަކާއިއެކު ގޮސް ސައުދީގައި ވީ. ދަރިފުޅާ. މަންމަ އެގެއަށް ދިޔައިން. އެގޭތެރެއިން ފެނުނީ އިސްލާމީ އުސޫލުތަކާއި ހުރިހާ ސިފަތައް. ގިނައީ ނިގާބުގައި ތިބި އަންހެންވެރިން. މަންމަމެން ގަބޫލުކުރާ އުސޫލުތަކާއި މުޅިން ތަފާތު. އެކަމަކު އެންމެން އުފަލާއި ހިތްހަމަޖެހުމާއެކު އުޅޭކަން ފާހަގަވި. މަންމަ ވަރަށް ބާކީވެއްޖެ. މިއަދު މަންމަ އެހާ އެކަނިވެރިވެސް ވެއްޖެ. މަންމަ ކުރިކަންތަކާއި ރިގްރެޓްކުރަން އެކަމަކު ލިބުނު ދަރިންނަކީ މަންމަގެ މި އެކަނިވެރި ހަޔާތުގެ ބައްތި ކަނިނުވެ ހުރި ހަމައެކަނި ސަބަބު...." ޒެފްރީނާ ރޯންފެށިއެވެ.

އަސްލަން ގަބޫލުކުރިގޮތުން މަންމަގެ ހިތާމައިގެ އަސްލު ފެށުނީ ނިރުބަވެރިންގެ ހިޔަނި އެޅުމެވެ. ހުރިހާ މުސްލިމުންނަކީ އޭނަ ދެކޭގޮތުގައި ހައްދު ފަހަނަޅާފައިވާ ނިރުބަވެރިންނެވެ. ރަގަޅު މީހުން ތިއްބަސް ދެއްކުންތެރިންނެވެ. ހުރިހާ ދީނަކަށްވުރެ އިސްލާމްދީނާއިމެދު ހިތުގައި އޮތް ނަފްރަތު ދުވަހެއް ދުވަހަކަށްވުރެ އިތުރުވާންފެށީ އަދި ސިއާރާގެ ސަބަބުންނެވެ. އެދެމީހުންގެ ކައިވެންޏަށް ދީން ހުރަސްއެޅީތީއެވެ.

***

ފިނި ހޫނުމިން ހުރީ ފަސްޑިގްރީ ސެލްސިއަސްގައެވެ. ސްނޯގަނޑުގެ ތެރެއިން ޓިއުލިޕްތައް ބޯދިއްކޮށްލާފައި ސިއްރުން ބަލާފަދައެވެ. ހުދާއި ފެހި ނިރުތަކުގެ ތެރެއިން އޮރެންޖާއި ރީދޫ އަދި ރަތްފަދަ ކުލަތައް ފެންނަމުންދަނީ ބަހާރު ފިނި މޫސުމްގެ މައްޗަށް ކުރި ހޯދާކަމުގެ ނިޝާނެއްގެ ގޮތުންނެވެ. ފަތްތައް ވެރިފައިވި ގަހެއްގެ ބާގަނޑަކުން މުގޮށި މީދަލެއްވެސް ބޯ ނެރެލައިގެން ލޯބޮޑުކޮށްގެން ވަށައިގެން ފެންނަ މަންޒަރުތަކަށް ބަލަން އޮތެވެ. ސިއާރާ ދޮރު ހުޅުވައިލިއިރު އޭނަ ހުރީ ފޯނެއްގައެވެ.ކަނދުރާގައި ސްކާފް އޮޅާލައިގެން ތޮތްޕަކުން އިސްތަށިގަނޑު ނިވާކޮށްފައި ވުމުން ފެންނަން ހުރީ ހަމައެކަނި ފިޔާތޮށިކުލަ އަރާފައިވާ އެ މޫނެވެ.

"މޯނިން..ކޮންތަނަކަށް؟" ޚައިރާވެސް ހޫނު ލާޓޭއެއް ބޮމުން ނުކުތެވެ. ޚައިރާ ލައިގެން ހުރި ކްރީމްކުލައިގެ ސްވެޓަރާއި ނޫ ޖިންސެކެވެ.

"ހިނގާލަން..."ސިއާރާ ފޯނު ބޭއްވިއެވެ.

"އަހަންނަށް އެކީ ނުދެވޭނެތަ؟"

ސިއާރާ ވަގުތުން ކިބިއްސެއް އެޅުމާއެކު ޚައިރާގެ ފިޔަވަޅުތައް ފަހަތަށް ޖެހުނީ ބޭއިޚުތިޔާރުގައެވެ. ސިއާރާގެ ކިނބިސް އޭނަ ހިނގާލަން ދިޔުމުގެ ޚިޔާލު ނައްތާލައިފިއެވެ." އޯ......އަހަރެން އެހެން ބުންޏަސް ނުދެވޭނެ. ފިހާރައަށް ދާ ގަޑިވެސް ޖެހެނީ. އެކަމަކު ސުވާލެއްކޮށްލަންތަ؟ ސިއާރާ މިގެއިން ނުކަނީ ކީއްވެ؟ އެ ކޭކު ފެނި ކުޅު ދިޔާވެއޭ ބުނެފައިވެސް ނުކެއީމެއްނު....."

"ޑައިޓެއްގައި ހެހެ..ކޮބާ ހާރިސްގެ ލެކްޗާސްތައް އެބަ ބަލަންތަ؟"

"ހޫމް..." ޚައިރާގެ މޫނުގެ ކުލަ ވަގުތުން ރަތްވިތަން ފެނުނެވެ. ހާރިސްގެ ނަން އިވުމުންވެސް ޚައިރާ ލަދުގަތީބާވައެވެ. ސިއާރާއަށް ފުރަތަމަ ފަހަރަށް ޚައިރާގެ ހިތުގެ ހާލަތު ދެނެގަނެވިއްޖެއެވެ. އޭނަގެ ބޭބެއާއިމެދު ޚައިރާގެ ހިތުގައި އޮތް އެއްޗެއްގެ ހިލަންވިއެވެ.

"އޭނަގެ ޣުރަބާ އެ ލަވަ އަށް މޮޔަވެވިއްޖެ. އެހެންވެ ރިންގްޓޯންއަކަށް ލައިގެން މިއުޅެނީ. އެލަވަ ވަރަށް ސްޕެޝަލްވެއްޖެ. ހާދަ ރީއްޗޭ. ގައިން ހީބިހި ނަގާ....."

"ހެހެ. ހާރިސްގެ ފޯނުގެވެސް ރިންގްޓޯންއަކީ އެއީ...." ސިއާރާ ދޫ ނެރެލިއެވެ.

"ވާއު.....އޯސަމް.." ޚައިރާއަށް މޭގައި އަތް އަޅައިލެވުނެވެ. ފަހަތަށް ބޯ އެއްލާލާފައި މަޖާގޮތަކަށް ހީގަނެފައި ބަލައިލިއިރު އަސްލަންވެސް ބޭރަށް ނިކުތީއެވެ. ސޫޓުގައި ހުރިއިރު މުޅި ހިސާބުގައި ސެންޓް ލެވިފައެވެ. އިސްތަށިގަނޑު މައްޗަށް އޮމާންކޮށްފައިވާއިރު މޫނުމަތީގެ ފިރިހެންވަންތަކަން އިތުރުވެ އަޅައިގަންނަ ގޮތެއް ހުއްޓެވެ.

"ސިއާރާ ހިނގާލަން ދަނީޔޯ. އެކަނި ދިޔުން އޯކޭ އެއްނުވާނެ. މަންމަމެން ދިޔައީ ހަށިފާރަވެރިކަން ދީފައެއްނު." ޚައިރާގެ ރާގުގައި ހުރީ ދިމާކުރުމުގެ ގޮތެވެ. އަސްލަންއާއި ސިއާރާގެ ގުޅުމާއިމެދު ޚައިރާވެސް ހިތްހަމަޖެހެއެވެ. ފަހަރީގެ ބޭބެ ރީތިވެގެނެއް ނޫނެވެ. ޚައިރާގެ ސިކުނޑީގެ ކަނަކުން އަޑުލިއެވެ.

ޚައިރާ އެތެރެއަށް ދެމިގަތީ އެދެމީހުންނަށް ފުރުސަތު ދީފައެވެ.

"މޯނިން ސިއާރާ ބޭބީ....."

އެ ޖުމްލައިގެ އަޑު އިވުމުން ސިއާރާގެ އަތަށް ލެވުނުހާ ބާރެއްލާފައި އަސްލަންގެ މޫނުމައްޗަށް ޚިޔާލީ އެތިފަހަރެއް ވީއްލައިލެވުނެވެ. ނަމަވެސް ވިސްނައިލުމުން އަސްލަންއަށް އޮޅުވާލައިގެން ހުރުން ރަގަޅުވާނެކަމުގައި ދެކުނެވެ. އޭނައާއި އެލިއަސްގެ ކައިވެނި ކުރެވެންދެން އޭނަ ޖެހޭނީ މި ނުލަފާ ފިރިހެނާ އަނދިރިގެ ތެރޭ ބަހައްޓާށެވެ. ނޫނީ ކޮންމެފަދަ އަނިޔާއެއްވެސްކޮށްފާނެއެވެ.

"މޯނިން....." ސިއާރާ ޓިއުލިޕް މާތަކަށް ފޯނު ދިއްކޮށްލިއެވެ. "ފަތިސް ނަމާދުކުރިންތަ؟"

"ވަޓް؟" އަސްލަންއަށް ރަގަޅަށް ސިއާރާ ކީ އެއްޗެއް ދޭހައެއްނުވިއެވެ.

"ޒިކުރުކުރިން ދޯ...."

"ޒިކުރު؟"

"ރިމެމްބްރެންސް އޮފް ﷲ. ކިތަމްމެ ބިޒީވިޔަސް ކޮންމެ މަސައްކަތެއްގައި ހުއްޓަސް އަބަދު ޒިކުރުކުރަން ޖެހޭނެ...."

"އޯ ޔެސް އައި ޑިޑް...." އަސްލަން އެއް ލޯ ކުޑަކޮށްލަމުން އަނގަޔަށް ގޮތެއް ހަދައިލިއެވެ.

"މުސްލިމެކޭ ބުނީމެއްނު...."

"ޝައްކުވަނީތަ؟" އަސްލަން ހީލިއެވެ.

"ހިތުގައިވާ އެއްޗެއް ދެނެވޮޑިގެންވަނީ އޯލްމައިޓީ... "

"ތިބުނީނު ރިމެމްބްރެންސް އޮފް...................ގޯޑްގެ ވާހަކަ..އެކަމަކު އަހަރެން ހަނދާންކުރީ ސިއާރާ މަތިން. އެއްފަހަރަކު ނޫން. ހަމަ ހިތުގައި ގެއެއް އަޅައިގެންނޭ ބުންޏަސް ހެޔޮ. ކޮންމެ ސިކުންތަކު ހަނދާންކުރަން......."

ސިއާރާ އެވާހަކަތައް އިވުނުކަމަށްވެސް ހަދާނުލިއެވެ.

"މި ފެންނަ ކޮންމެ މަންޒަރަކީ ކަލަކުވާކަމުގެ ހެއްކެއް. ކިހާ އަޖައިބުން ފުރިގެންވާ ކަމެއް މިވެސް މީ. މިއޮތް ގަދަ ފިނީގެ ތެރޭގައި ވެސް ދިރުން ލައްވާ މި ކުޑަ ކުޑަ ހިތްވަރުގަދަ ޓިއުލިޕްތައް މިތަނުގައި ގަދަކޮށްލަނީ....." ސިއާރާ އެ މާތަކުގައި ފިރުމައިލިއެވެ. އަސްލަންވެސް ސިއާރާގެ ގާތުގައި ހުރި ބެންޗުގައި އިށީދެ ސިއާރާގެ ބޮލުގައި އަޅާފައިވާ ތޮފީގައި ހިފާ މަޑުމަޑުން ދަމައިލުމާއެކު ފުންމައިގެން ތެދުވުނެވެ.

"ސިއާރާ ހާދަ ވަރެކޭ ތިވަނީ؟މިހާރު އެހުރިހާ ކަމެއް ހަނދާން ނެތުނީ؟"

"ކޮންކަމެއްތަ؟" ސިއާރާ މޫނު ހަދާފައިވެސް ރީތިކޮށްލައިފިއެވެ. ނަފުސް ހަމަޔަކަށް އަޅުވަން އޭނަގެ ޟަމީރު އެންގިއެވެ. ކެތްނުކޮށްފިއްޔާ އަސްލަންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކާއިމެދުވެސް ވިސްނަން ޖެހެއެވެ.

"އަހަރެންނާއެކު ސިއާރާ މިހާ ކައިރީގައި އުޅުނު ދުވަސްތައް....." އަސްލަން ހީފައި ކިޔައިލިއެވެ."އަދިވެސް ބޭނުން. ބުނެބަލަ. މަށާއި އިންނާނަންތަ؟"

ހާރިސް އެރިކް ގާތުގައި އެދިފައި އޮތީ ސިއާރާއަށް ހިމާޔަތް ދިނުމަށެވެ. ނަމަވެސް އެރިކް އޭނަގެ އެންމެ ގާތް އެކުވެރިޔާ މިވައްތަރަށް އުޅެފާނެކަމަށް ޝައްކެއް ނުކުރާނެއެވެ.

"ކޮބާ ބޭނުމަކީ؟ ކައިވެންޏަކީ ކުޅިވަރެއްނޫން. ދެމީހަކު ލޯބިވެ އެކީ މުޅި ދިރިއުޅުން ވޭތުކުރަން ނިންމައިގެން ގޮށް ޖަހައިލެވޭ މާތް ގުޅުމެއް. ތިގޮތަށް އަސްލަންގެ ނިޔަތް ރަގަޅުވިނަމަ އެފަދަ ހުވަފެނެއްނުފެނުނީސް. ތިއީ މަކަރުވެރިއެއް...." ސިއާރާގެ ހިތާހިތުން އތިވަރު ގޮވައިގަނެވުނެވެ. ނަމަވެސް ދުލުން ބުނެވުނީ އެހެން ލަފުޒުތަކެވެ." އެންމެ ރަގަޅު. މަންމަމެން އައީމަ................................."

" އަސްލު؟މަށަށް އެނގެނީ އެންމެ ކަމެއް. ސިއާރާއަށް އެހެން އެއްވެސް ފިރިހެނެއްގެ މިލްކަކަށް ނުވެވޭނެކަން."

"ހެހެ......" ސިއާރާ ގަދަކަމުން ހިނިގަނޑެއް ޖަހައިލިއެވެ. ސިކުނޑި އަސްލަންއާއި ދެކޮޅަށް ޖެއްސުންކުރަނީއެވެ." ބޮޑު އިގޯއަކާއިގެން އުޅެން ހަދައިގެން އެ ބޮޑުކަމުން އިނދަޖެހޭނެ. ބަރުކަމުން ނުއުފިލިގެން......."

"ސިއާރާ. އަހަރެން މިބުނަނީ ހަމަ ތެދެއް. އެހެން މީހަކާއި އިނިއްޔާ މަށަކަށް ކެތެއްނުވާނެ........."

"އަހަރެންދެކެ ލޯބިވަނީތަ؟" ސިއާރާ ލޯބޮޑުކޮށްލިއެވެ.

"ފުރޭތަ ލޯބި ނުވާނެކަން އެނގޭ. ތިމާގެ ނަފުސްދެކެ ލޯބިވާ ސެލްފިޝް ނުލަފާ މީހެއް..."ސިއާރާގެ ސިކުނޑިއަށް އެހެން އެއްޗެއް އަރަމުން ދިޔައެވެ.

"ލޯތްބާއި ފާޑުފާޑު ޖަޒުބާތަކީ މަ ދަންނަ އެއްޗެއް ނޫން. އަހަންނަށް އެނގެނީ ސިއާރާ އަކީ މަގޭ ހައްގެއްކަމާއި މަގޭ ގާތުކަން ހުންނަން ޖެހެނީ. ބޭނުންވާ އެއްޗެއް ހަގުރާމަކޮށްގެން ހޯދުމަކީ މަގޭ އުސޫލެއް. އަަހެރެން ސިއާރާއަށް ބޭނުންވާކަމާއިމެދު ފަޚުރުވެރިއެއް ނުވަންތަ؟ ސިއާރާގެ ލޯބިވާ ހެއްދެވި ފަރާތަށް ޝުކުރުވެރިވެބަލަ...." އަރްސަން ބުނެލިއެވެ.

"އެންމެ ރަގަޅު. މަންމަމެން އައީމަ ތި ކައިވެންޏެއްވެސް ކުރަން އިރާދައިގާ ހުރިއްޔާ ވާނެ. އެކަމަކު ދުރުގައި ހުރެ ވާހަކަދައްކައްޗޭ ޕްލީޒް" ސިއާރާ ބޭނުންވީ ވަގުތީގޮތުން އަސްލަންގެ ފަރާތުން ރެކުމެވެ.

"ޔަގީން؟ މަންމަމެން އައީމަ މެރީކުރާނަން؟" އަސްލަން ގެ ލޮލުގައި ހުރީ ޝައިތާނީ ވިދުވަރެއްކަމުގައި ސިއާރާއަށް ފެނުނެވެ. ހިތުގެ ވިންދު އަވަސްވެ ބިރުވެރިގޮތަކަށް ހިތް ތެޅިލިއެވެ.

"މްމމް....."

"ދެން ބަދަލުނުކުރާތި. ނޫނީ އޭގެ ހިތިކަން ފެނިދާނެ. މީހަކަށް ޔަގީންކަން ދީފައި ބޭވަފާތެރިވުމަކީ އަހަރެން ދުނިޔެއިން އެންމެ ނުރުހޭކަންތައް. އެކަމުގެ ބަދަލުގައި މަށަށް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ. އެއީ މަގޭ އުސޫލު.."

ސިއާރާ ތެދުވެގެން ދުރަށް ދާން ހިނގައިގަތެވެ. އޭރުވެސް ހިތުގެ ތެޅުން މަޑެއްނުވެއެވެ. އަސްލަން ފެނުމުން އޭނަ ބިރުގަންނަންވެސް ފަށައިފިއެވެ. އެލޮލަށް ބަލަންވެސް އުދަގޫވަނީއެވެ.

"ސިއާރާ އަދި ނުނިމެއޭ..." އަސްލަން ފައި އެއްލިގޮތުން އޭނަ ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ފާޑަކަށް ހަޅޭއްލަވައިގަނެވުނެވެ." އަހަރެން ފެނުނުގޮތަށް އަދިވެސް ހިތް ހަމަ ރޭސްޖަހަނީދޯ. ލެޓް މީ ޗެކް...."

އަސްލަންގެ އަމަލުން އައި ރުޅީގައި އަތަށް ލެވުނުހާ ބާރެއް ލާފައި އެ އަތްތިލައަށް ވީއްލައިލެވުނު ފޯނުގެ ބާރު އެތިފަހަރުން އަސްލަންވެސް ސިހިފައި އަތުގައި ފިރުމައިލިއެވެ. އަތް އޮތީ ދުޅަވެ ރަތްއަރާފައެވެ.

"ކްރޭޒީ. ބަލަ މަގޭ ހުރިހާ މަސައްކަތް ކުރާ އަތޭ މީ. ނާޒުކް ނާޒުކް ހިތްތައް މިއަތަށް ނަގައިގެން." އަސްލަންގެ މޫނަށް ވެރިވި ކުލަވަރު ބަދަލުކޮށް ކުއްލިއަށް ހީލަމުން ކޯތާފަތަށް އަޑިކޮޅުވެސް އަޅުވާލައިފިއެވެ." ސިއާރާގެ ހިތްވެސް އެހާ ރީތިވާނެ ކަމަށް އިމޭޖިން ކުރެވޭ. ރީތި ހިތެއް މަގޭ އަތުތެރޭގައި....."

އެވަގުތު އެރިކްވެސް ޑިއުޓީއަށް ދާން ތައްޔާރުވެލައިގެން ހުރެ ނުކުމެގެން އަންނަތަން ފެނިގެން ސިއާރާއަށް ލިބުނު އުފާވެރިކަން އޭނަ ދައްކުވައިދިނީ އެރިކް ގައިގާ ބައްދާލަމުންނެވެ. އެރިކް ފެނުމުން އެހާ އުފާވި ވަގުތެއް ނާދެއެވެ.

"ސިއާރާ ފޮޓޯނަގަން ވަރަށް މޮޅު. އަހަރެމެންގެ ފޮޓޯއެއްވެސް ނަގާދީބަލަ. މިއަދަކީ އުފާވެރި ރީތި ދުވަހެއް، ރީތި ހަނދާނަކަށް...." އަސްލަންގެ ގާތުގައި އިށީން އެރިކްގެ ކޮނޑުގައި ބޯ ޖައްސައިލަމުން އަސްލަން އެދުނެވެ.

ސިއާރާ ފޮޓޯ ނަގާދިނެވެ.

***

"ހާރިސް. އަސްލަންގެ އުދަގޫތައް ވަރަށް ބޮޑު. ބިރުންގޮސް ބުނެފިން މަންމަމެން އައީމަ މެރީކުރަނަމޭ ދުރުން އުޅޭށޭ. އެހެން ބުނަން ޖެހުނީ އޭނަގެ ފާޑު އެނގޭތީ. ޑެވިލްފަދަ ދެލޯ ފެނުނަސް ހިތް ރޫރޫ އަޅައިގަނޭ. އެ ރީތިކަމުގެ ނިވަލުގައި އީވިލް ބަޔެއް ހުންނަކަމަށް ހިތް ބުނަނީ. ޕްލީޒް ހެލްޕް މީ...ފާސްޓް.." ސިއާރާ މެސެޖްކޮށްލުމަށްފަހު ނަމާދު މުސައްލާ ނެގިއެވެ. އަދި ނަމާދުކޮށްގެން ދުޢާކުރަން ފެށިއެވެ. ދުޢާއަށްވުރެ ބާރުގަދަ ހަތިޔާރެއް ނުވެއެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެއެވެ.

"ﷲއަށް ޓްރަސްޓްކުރޭ. ވަރަށް އަވަހަށް އެލިޔަސްއާއި ސިއާރާގެ ކައިވެނި ކުރެވޭނެ.................."

ހާރިސްގެ ޖަވާބު ފެނުމުން ސިއާރާއަށް އުފާކުރަންވީ ކަމެއް ރޯންވީކަމެއް ނޭގުނެވެ. އެނަން އެގުނަސް އަދި އެލިޔަސްއަކީ ކިހިނެއް ހުންނަ ކާކުކަމެއް އެނގެނީއެއްވެސް ނޫނެވެ. ނަމަވެސް މުސްލިމަކަށްވެފައި މި ނުރައްކާތެރި ހާލިން އޭނަ ސަލާމަތްކޮށްދީ ހިމާޔަތްދޭނެ ފަރާތަކަށް އޭނަވަނީ އިންތިހާއަށް ބޭނުންވެފައެވެ. ހާރިސް ޚިޔާރުކުރި ކޮންމެ މީހަކާއި ކައިވެނިކުރަން އޭނަ ނިންމިއެވެ. އަސްލަންއަށް އޮޅުވާލާފައި އެހެން މީހަކާއި ކައިވެނިކުރިކަން އެނގުމުން އޭނަގެ ފަރާތުން ބަދަލުހިފަން އުޅެދާނެބާވައެވެ. އެހެނެއްނުވާނެއެވެ. އަސްލަންފަދަ މަތީ މަގާމެއްގައި ހުރި މީހަކު އެފަދަ ދަށު ދަރަޖައަކަށް ވެއްޓިއެއް ނުގަންނާނެއެވެ. އިންޒާރުތަކެއް ދިނަސް ބިރުގެންނެވިޔަސް އެއީ ހުސް ވާހަކަތަކެކެވެ. އޭނަ ކައިވެންޏަށްފަހު އެހެން ގައުމަކަށް ބަދަލުވެ އާ ދިރިއުޅުމެއް ފަށާނީއެވެ.

***

ރީދޫ އަދި ހުދުން ރޮގުދެމި ސްވެޓަރ ފާޑުހެދުމަކާއިއެކު ޖިންސެއްލައިގެން ހުރި ޚައިރާ ތަށި އެތައް ފަހަރު ދޮވެލުމަށްފަހު މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ. ސިއާރާވެސް ހޫނު ޗޮކްލެޓްތަށިން ކޯވަރެއް ދަމާލިއެވެ.

"ސިއާރާވެސް ހިތަށް އަރާނެ އަހަރެން މީ މޮޔައެކޭ...." ޚައިރާ ކުއްލިއަކަށް ބުނެލިއެވެ.

"ނޫން. އަހަރެންވެސް ތިބައި ކޮންމެވެސް ވަރަކަށް ހުރޭ. އޯސީޑީ މާބޮޑަށް ގޯސް ނުވަންޏާ އުޅެވިދާނެ....."

"އަހަރެން ސިއްރެއް ބުނަންތަ؟" ޚައިރާ ވަށައިގެން ހޯދާ ބަލައިލަމުން ހިންދިރުވައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު