"ތިބާގެ ގެއަކީ ﷲ އަށް ޒިކުރު ކުރާ އަދި އެގެއެއްގައި ގުރުއާން ގިނައިން ކިޔެވޭ ގެއެއް ކަމުގައި ހަދާށެވެ."

***

ކުއްލިއަކަށް ކަޅުކުލައިގެ އެސްވީޔޫއެއް ކުރިމައްޗަށް މަޑުކޮށްލައިފިއެވެ. ބިއްލޫރި ތިރިކޮށްލުމާއެކު ފެނުނު މޫނަކީ ކުރީ ދުވަހު ފޮތް ފިހާރައިން ކުޑަ އެކްސިޑެންޓެއް ހިނގި އަންހެންކުއްޖާއެވެ. އެކުއްޖާގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވިއެވެ. ފުރޮޅުލީ ގޮނޑީގައި އިން ކުއްޖާ ފެނުމުން ސަދަފްގެ މޫނުމަތިން ހިނިތުންވުން ފިލާ ދިޔައެވެ.

"އަވަހަށް އަރާ..." ސަދަފް ނަވޫދުގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ނަވޫދުއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ނަމްރާ އަވަހަށް ދެކޮޅު ހެދުމުގެ ގޮތުން ބޯ ހޫރާލައިފިއެވެ. އޭރު ވާރޭ ބޯކަމާއެކު ނަމްރާގެ އެޕޮއިންޓްމެންޓް ކެންސަލްވާކަށް ނަވޫދުވެސް ނޭދެއެވެ. ނަމްރާ އަލުން ގެއިން ބޭރަށްދާނެކަމުގެ ޔަގީންކަމެއްވެސް ނަވޫދުއަށް އޮތީއެއް ނޫނެވެ. ސަދަފް ކާރުން ފުންމައިލިގޮތަށް ހުއްޓުނީ އެދެބެންގެ ކުރިމަތީގައެވެ. މަގުމަތީގައި އެވަގުތު ތިބި އެންމެންގެ ތެރެއިންވެސް އޭނަ އަށް ސަމާލުކަން ހުއްޓޭވަރުގެ ހިތްގައިމު ހެދުމަކާއި ބޮޑުު އަވިއައިނެއް އަދި ރަތްކުލައިގެ ލިޕްސްޓިކުން ޒީނަތްތެރިވެގެން ހުރުމުން ކިތަންމެހާވެސް ލޮލުގައި އަޅައިގަނެއެވެ.

"އަހަރެންގެ މަތިން ހަނދާނެއް ނެތްތަ؟ ބުކްސްޓޯގައި ހިނގި އެކްސިޑެންޓް؟"

"އާނ.ހަނދާން އެބަހުރި. އެކަމާ ވަރަށް ބޮޑަށް މާފަށް އެެދެން.." ކުށެއް ނެތަސް އަނެއްކާވެސް ނަވޫދު މާފަށް އެދުނެވެ.

"އަހަރެންގެ ޓީމުން އެކަމާއި ވާހަކަ ދައްކައިލަން ބޭނުންވޭ. ބަޔާނެއްވެސް ދޭން ޖެހޭ..ނަވޫދު. ރަގަޅުތަ؟ މިބުނީ ނަން..." ސަދަފްގެ ވާހަކަ ހުރީ ފޮނިގޮތަކަށެވެ. ނަވޫދު އޮޅުން އަރާފައިވާ ގޮތަކަށް ބުމަ އަރުވައިލިއެވެ. އޭނަ ސަދަފްގެ "ޓީމް" އާއި ބައްދަލުކުރަން ވީ ކީއްވެހެއްޔެވެ؟ އަދި މި ކުއްޖާއަށް އޭނަގެ ނަން އެނގުނީ ކިހިނެއްހެއްޔެވެ؟

"އެކަމަކު ހީވާގޮތުން ތިދަނީ ކޮންމެވެސް ތަނަކަށް. މިއީ ކޮންކުއްޖެއްތަ؟" ފުރޮޅުލީ ގޮނޑީގައި އިން ނަމްރާއަށް ނަޒަރު ހުއްޓައިލަމުން ސަދަފް ސުވާލުކުރިއެވެ." ޔޯ ސިސްޓަރ؟"

ނަވޫދު ޖަވާބެއް ދިނުމުގެ ކުރިން ސަދަފް އެހިއެވެ.

"އާނ މަގޭ ކޮއްކޮ. އަދި މިދަނީ ހޮސްޕިޓަލަށް.. އެހެންވީމަ ތިޔަބުނާ ޓީމްއާއި ބައްދަލުކުރުން ލަސްކޮށްލެވިދާނެތަ؟"

"ކޮންފަދަ އިއްތިފާގެއް. އަހަރެންވެސް މިދަނީ ހޮސްޕިޓަލަށް. އަވަހަށް އަރާ..." ސަދަފް ކާރާއި ދިމާލަށް އިޝާރަތްކޮށްލިއެވެ. ޑްރައިވަރުވެސް ސަދަފްއަށް ބަލައިލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އޭނަގެ ތާވަލްގައި ހޮސްޕިޓަލަށް ޒިޔާރަތްކުރުމެއް މިއަދަކު ނެތެވެ. ނަވޫދު ގުދުވެފައި މަޑުމަޑުން ނަމްރާއާއި ވާހަކަތަކެއް ދެއްކިއެވެ. ކާރަށް އަރަން އެކުއްޖާ އެއްބަސްވީ ތޮއްޖެހިފައިވާ ބަހަށް އެރުމުން ސަލާމަތްވުމަށެވެ.

***

"ކޯނޗެއް ތިބަލަނީ؟" މެހެކް އަލްވާގެ މޫނުމަތީގައި އަތްތިލަ ހޫރައިލިއެވެ. އަލްވާ ބުމަ ކައިރިކޮށްލިއެވެ." އެ ފުރޮޅުލީ ގޮނޑީގައި އެއިން ނިކަމެތި ކުއްޖާ ނުފެނޭތަ؟ ހީވާގޮތުން އެކުއްޖާ އެހީބޭނުން ވޭ..."

އަލްވާ ފިކުރުބޮޑުވެފައިވާ ނަޒަރަކުން އެދިމާލަށް ބަލައިލިއެވެ. މެހެކް ލޮލުތެރޭ ކަޅި އަނބުރާލާފައި އަލްވާ އެތަނަށް މަޑުކޮށްލި ބަހާއި ދިމާލަށް މަޑުމަޑުން ކޮށްޕައިލިއެވެ.

"ބުނަމެއްނު ފެންނަހާ ކަމަކަށް ބޯ ނުބާނާށޭ. ނުބުނަންތަ؟" ބަހަށް އަރަމުން މެހެކް އެހިއެވެ. ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭ ފުރޮޅުލީ ގޮނޑީގައިއިން އަންހެންކުއްޖާ ސިކުނޑީގެ ދުރުމީއިން ކައްސާލާ އެހެން މީހަކު ފެންނަން ފެށިއެވެ. ބަހުގެ ކުޑަދޮރުން ބޭރަށް ބަލަން އިންއިރު އޭނަގެ ޚިޔާލަށް އައީ އޭނައާއި ސުފިޔާންގެ ބައްދަލުވުމެވެ. އޭނަ މިއޮތް އަވިދޭ ދުވަހު ވާރޭ ވެހޭނެކަމަށް ލަފާކޮށްލިގޮތެވެ. އޭނަ އެބުނީ ކޮންފަދަ ތެދެއްހެއްޔެވެ؟ ބޯކޮށް ވާރޭ ވެހެމުން ފަޒާ އެއްކޮށް ފުސްކޮށްލައިފިއެވެ. އުދަރެހުން ފެނުނުހާ ނޫކަމެއް އަޅިކަމަށް ބަދަލުކޮށްލައިފިއެވެ. އާއްމުކޮށް އުދުހެމުންދާ ދޫނިތައް ގެއްލިއްޖެއެވެ.

އެކުދިން މާކެންއަށް ފޯރުމާއެކު ނާކިއާއާއި އަލްވާ މިސްރާބުޖެހީ ހޮޓަލްއަށެވެ. ނާކިއާ ގަތް ހުރިހާ އެއްޗެއްސަކީ ހޮޓެލްއަށް ހަދިޔާކުރި ތަކެތިކަން އެނގުމުން އަލްވާއަށް ޝޮކެއް ލިބުނެވެ. ނާކިއާ ބުނިގޮތުން އޭނަގެ އުފަން ބިންކަމަށްވާ ޔަމަނުގައި އުޅުނުއިރު އޭނަވަނީ އިންޓީރިއާ ޑިޒައިން އިން ކްލާހެއް ނަގާފައެވެ.

ހަފްތާ ބަންދުގައި ނާކިއާ އަލްވާއާއި އޭނަގެ މައިންބަފައިންނާއެކު ހޮޓަލުގެ ފާރުގައިވާ ވޯލްޕޭޕަރު ބަދަލުކޮށް އާ ބޮކިތައް ހަރުކޮށް ޒީނަތްތެރިކޮށް ނިމުނުއިރު އެތަން ފެނުނީ މުޅިން އާ ތަނެއްގެ ގޮތުގައެވެ. އަދި އެތަނުގެ ނަން ބޯޑު މުޅިން ފޭދިފައިވަނިކޮށް އެވެސް ފުދޭވަރަކަށް ލޮލުގައި އަޅައިގަންނަ އަދި މީހުން އެތަނަށް އަންނަން ދައުވަތުދޭފަދަ ގޮތަކަށް ބަދަލުކޮށްލައިފިއެވެ. އެ ބޯޑުގައި އަލަށް ޕެއިންޓްކޮށްފައި ހުރި އޮރެންޖްކުލަ ވިދާއިރު ރޭގަނޑު އެތާ ހުރި ބޮކިތައް އެތަން ދިއްލާއަޅައެވެ. އަމިއްލަ ބޭނުންތަކަށް ޚަރަދުކުރާވަރަށްވުރެ ގިނައިން ފައިސާހުރި ނާކިއާއަށް ހުރިހާ ޝުކުރެއްވެސް ހައްގެވެ.

ހަފްތާތައް ހަލުވިކަމާއެކު ވޭތުވަމުންގޮސް ބަރަކާތްތެރި ރަމަޟާންމަސް ވެސް އެމީހުންނާއި ބައްދަލުކުރިއެވެ. އަލްވާ ދުވާލުގެ ވަގުތުތައް ހޭދަކުރަން ޖެހޭގޮތް ރާވައިލިއެވެ. ހެދުނުގެ ވަގުތުތަކުގައި ނާކިއާ ގާތުން އަރަބި ދަސްކުރަމުން މެންދުރުފަހުން ފޮތް ފިހާރައިގާ މަސައްކަތްކުރިއެވެ. އަދި ރޭގަނޑު މަންމައާއި ނާކިއާއާއެކު ފަރުޟު ނަމާދުތަކާއި ތަރާވީހުގައި ބައިވެރިވިއެވެ. މެހެކްވެސް ބައެއް ރޭގައި ބައިވެރިވިޔަސް ގިނައިރު ކޮޅަށް ހުންނަން ޖެހުމުން ފައިގާ ރިއްސާކަމުގެ ބަހަނާ ދައްކާފައި ބައެއް ރޭ ނާދެއެވެ. ނާކިއާ ހީކުރިވަރަށްވުރެވެސް އަލްވާގެ ވިސްނުން ރަގަޅެވެ. އަލްވާ އަރަބިބަސް ދަސްކުރަމުން ދިޔައީ ފުދޭވަރަކަށް އަވަހަށެވެ.

ރަމަޟާން މަސް ވޭތުވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ޚާއްސަކޮށް އަލްވާ އެންމެ ފޯރިހިފިއިރުގައެވެ. އަލަށް ތަހައްޖުދު ނަމާދުކުރަން ފެށުމުން އެތައް ޒަމާނަކަށްފަހު ބުނަން ނޭގޭފަދަ ހަމަޖެހުމެއް ހިތަށް ލިބުނެވެ. ނާކިއާ ގުރުއާން ހިތު ދަސްވެފައި ނިކަން ރީތި ރާގަކަށް ގުރުއާން ކިޔަވާތީ އޭނަގެ ފަހަތުގައި ނަމާދުކުރުން އުފަލަކަށްވިއެވެ. އަލްވާ އަމިއްލައަށްވެސް އެއްބަސްވާން ޖެހުނު ހަގީގަތަކީ އޭނަ ކޮންމެވެސް ވަރަކަށް ނާކިއާއާއި ހަސަދަވެރިވީކަމެވެ. އޭނަވެސް ގުރުއާން ހިތުދަސްކުރަން ބޭނުންވީއެވެ. ކުރީގެ އަހަރުތަކުގައި އޭނަ ރަމަޟާންއަށް އިންތިޒާރުކުރީ ތަފާތު ބާވަތް ބާވަތުގެ ކާ އެއްޗެހި ތައްޔާރުކުރުމަށާއި ކެއުމުގެ ފޯރީގައެވެ. މިފަހަރު ނާކިއާއާއެކު ހުރިހާކަމެއް ބަދަލުވެއްޖެއެވެ. ނާކިއާ އަލްވާއާއި މައިންބަފައިންނަށް އިސްލާމް ދީން މާ ބޮޑަށް އުގަންނާދީފިއެވެ. ނާކިއާ އަޅުވެރިވެފައި ބުއްދިވެރިކަމުން އެކުޑަ ކުޑަ މާކެންގެ މުސްލިމް ޖަމާއަތުގެ އެންމެން އޭނަގެ އުގަންނަދިނުމަށް ހިތުގެ އަޑިން ޝުކުރުވެރިވިއެވެ.

***

ރޯޒްކްލިފްގައި ރަަމަޟާން މަހުގައި ވަކި ޚާއްސަކަމެއް ނެތެވެ. އެމީހުން ބޭނުންވާ ދުވަހެއްވެއްޖެއްޔާ ރޯދަ ހިފާފާނެއެވެ. ރޭގަނޑުގެ ނަމާދުތަކަކީ އެމީހުން ދަންނަ އެއްޗެއްވެސް ނޫނެވެ. ޝަހްނާޒު މުސްލިމަކަށްވާއިރު އޭނަގެ ފިރިމީހާއަކީ އަލަށް އެދީނަށް ވަން މީހެކެވެ. ހުޅަގުގެ ބެކްގްރައުންޑްގެ ސަބަބުން އެމީހުންނަށް ދީނާއި ބެހޭ އިލްމެއްނެތެވެ. އެމީހުންގެ ދީނީ އިލްމެއް ނެތުމުން އެކަމުގެ އަނދިރި ހިޔަނި ދަރިންގެ މައްޗަށް އެޅިފައިވިއެވެ. ޝަހްނާޒް ސްޕިނެޗް އަދި ކިއުކަމްބާ ޖޫސްތަށްޓެއް އެއް ނޭވާއިން ބޯލިއެވެ.

"މަންމަ މިއަދު ރޯދަ ނުހިފަންތަ؟" ސަދަފް ނިކުމެގެން ދަމުން އެހިއެވެ.

"މިއަދު ރެސްޓޯރެންޓްގައި ވަރަށް ބިޒީވާނެ. ދުނިޔޭގެ މަޝްހޫރު ޝެފުންތަކެއް މިއަދު ޚާއްސަ އިވެންޓެއް އެތާ އެބަ ބާއްވާ. އެހާ ބޮޑު އިވެންޓަކަށް ދާއިރު ހުރިހާ ހަކަތަކޮޅު ހުސްކޮށްލާފައެއް ނުދެވޭނެ ދޯ...."

"ގުޑް ލަކް މަންމާ..."

"މިހާ ހެނދުނު ކޮންތަނަކަށް ތިދަނީ ސަދަފް؟އަދި މަސައްކަތް ފެށެން ދެގަޑިއިރު އެބައޮތް......" ޝަހްނާޒް ވާހަކަަދައްކާ ނިމިގެން ބަލައިލިއިރު ސަދަފް ފެންނާކަށް ނެތެވެ.

***

ސަދަފް އަތުތެރޭގައި އެ ކަރުދާސްގަނޑު އޮޅައިލާފައި ހިނިތުންވެލިއެވެ. އެންމެ ފަހުން ނަވޫދު ފެނުނުފަހުން ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އޭނަ ނަވޫދުއާއި ކޮއްކޮ ހޮސްޕިޓަލަށް ގެންގޮސްދީފައި އޭނައަށް ގުޅަން އެދުނެވެ. އެކަމަކު ނަވޫދު ފަހަރެއްގައިވެސް ގުޅާނުލިއެވެ. އެތައް ދުވަހެއް ވާންދެން ކެތްތެރިކަމެއްނެތި އޭނަ އެ ފޯނު ކޯލަށް އިންތިޒާރުކުރިއެވެ. ސަދަފްގެ ކާރު އެ ވަޑާންގެއާއި ކައިރިވަމުން ދިޔައިރު އޭނަ ބޯ އުފުލާލާފައި އެތަން ސްކޭންކޮށްލިއެވެ. ކުޑަދޮރުތަކުގެ ބިއްލޫރިތައް ނުސާފުވުމުން އެތެރެ ފެންނަވަރެއްނުވިއެވެ. ނަވޫދު އެތާތެރޭ އެބައުޅޭހެއްޔެވެ؟ އެންމެފަހުން ކެތްނުކުރެވިގެން ސަދަފް އޭނަގެ ބޮޑު އަވިއައިނު ލޮލުގައި އެޅުމަށްފަހު އިސްތަށިގަނޑު ފޮރުވައިގެން އެ ދިމާލަށް މިސްރާބުޖެހިއެވެ. ހިކި ހޯލިކޮޅެއްހެން ހުރި އަންހެންކުއްޖަކާއި މުޑިއަރާފައި ސަދަފް އަރި އަޅާނުލީ ކިރިޔާއެވެ. އޭނަ ކަރުބުޑުން އަޑެއްލަވަން އުޅެފައިވެސް ވިސްނުނީ އޭނައަކީ މަޝްހޫރު މޫނެއްކަމާއި އޭނަގެ ޝަޚުސް އެނގުނަ ދީގެން ނުވާނެކަމުގައެވެ. ކަޅު އިސްތަށިގަނޑުގެ ވެރިޔާ އެނބުރި ބަލާލާފައި ދިރާސާކުރާގޮތަކަށް އޭނަގެ މޫނަށް ބަލަން ފެށިއެވެ. ލޮލުގައި ދެކުލަ ހުރި އެ ތަފާތު އަންހެންކުއްޖާގެ ނަޒަރާއެކު ސަދަފްއަށް މޫނު ހަދައިލެވުނީ ބޭއިޚުތިޔާރުގައެވެ. މޫނުމަތީގައި ހުރި ކުދި ލައްތަކާއި ޅަފާޑުން އެއީ ފުރާވަރު ކުއްޖެއްކަން އެނގުނެވެ.

"ހޭއި މިސް. ހުވާކޮށްފައި ބުނަން ކެރިދާނެ. މަޖައްލާއަކުން ދެކުނިން..." އަލްވާވެސް ފޮތް ފިހާރައާއި ދިމާލަށް ދަމުން ކިޔާލައިފިއެވެ. މެހެކްވެސް ލޯ ބޮޑުކޮށްލީ އެއީ ކާކުކަން ޔަގީންވުމުންނެވެ.

"އެއީ ސަދަފް...." މެހެކް އަލްވާގެ އަތުގައި ވިކައިގަތީ ޖޯޝާއެކުގައެވެ."އޯ މައި ގޯޝް....."

މެހެކް އަނގަމަތީގައި އަތް އަޅަމުން ފޮރުވައިލިއިރު އޭނަގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއްވިއެވެ. ސަދަފްއަކީ އޭނަ ނަމޫނާއަކަށް ދެކޭ އަންހެންކުއްޖާއެވެ."ހާދަ ނަލައޭ. އަހަންނަކީ ޔޯ ބިގެސްޓް ފޭން..."މެހެކް ހަޅޭއްލަވައިގަތެވެ.

ސަދަފްގެ ނުރުހުމާއި ރުޅިގަނޑު ނުދައްކަން މަސައްކަތްކުރަމުން އޭނަ ހީލައިފިއެވެ. މަސްނޫއީ ހިނިތުންވުމެކެވެ. އަދި ދަތްތައް ޖައްސާ ބާރުކޮށްލިއެވެ." ޝުކުރިއްޔާ ދެކުދިން.."

"އަޅުގަނޑުމެންނަށް ސޮއި ލިބިދާނެތަ؟" މެހެކް ބެކްޕެކް ހުޅުވާލައިގެން ގަލަމެއް ނުފެނިގެން ހާވަންފެށިއެވެ.

"ސޮރީ ދެން އެހެން ފަހަރަކު އިނގޭ..." ސަދަފް މާފަށް އެދޭފަދަ ގޮތަކަށް ހީލާފައި އެނބުރިގޮސް ކާރަށް އެރިއެވެ."އަގް. މިއީ ހަމަ ކުދި ސޫފިތަކެއް. އަހަރެންގެ ފަހަތުން ނައްޓާނުލާ ނޫޅެވެނީތަ؟" ކާރު ގެ ސީޓުގައި ހަމަޖެހިލުމަށްފަހު ސަދަފް ލޮލުތެރޭގައި ކަޅި އަނބުރައިލިއެވެ. ނަވޫދު ފެނުމުގެ ހުރިހާ އުއްމީދެއް ދިޔައީއެވެ. ކުއްލިއަކަށް ކާރުގެ ކުޑަދޮރުން ފެނުނު މޫނަކުން އޭނަގެ މޭގަނޑު އަނަގަޔަށް ނައީ ހަމަ ކިރިޔާއެވެ. ހިތްހެޔޮ ރަގަޅު ނަމޫނާއެއްގެ ތަސްވީރު ދައްކަންވެގެން އޭނަ އަވަސްއަވަހަށް ބިއްލޫރިތައް ތިރިކޮށްލައިފިއެވެ. އޭނައަށް ތާއީދުކުރާ ފިރިހެންކުއްޖަކު ގަލަމަކާއި ކަރުދާސްގަނޑެއް ދިއްކޮށްލައިފިއެވެ." އޯ ވާއު. ފެންނައިރު އަދި މާ ރީތި މިސް ސަދަފް...."ލައިލް މޮޔަވާވަރުވިއެވެ. އޭނަގެ ލޮލުން ތަރި ދިއްލިފައިވިއެވެ. އެ އަޅި ދެލޯ ދޫކޮށްލެވިފައިވާ ރަތްކުލައިގެ އިސްތަށިގަނޑު އަދި މޫނުގެ ފުރިހަމަކަމަކީ ކޮންމެ ފިރިހެނެއްގެ ހުވަފެނެވެ.

"އަޅުގަނޑަށް ލިބިދާނެތޯ؟" އެ ޒުވާނާ ފެށުމާއެކު ސަދަފްގެ ރުޅިގަނޑު އިޚިތިޔާރުން ބޭރު ނުވީ ހަމަ ކިރިޔާއެވެ. އެކަމަކު އެ ޒުވާނާ ލައިގެން ހުރި ހެދުމުން ވަޑާން ގޭގައި އުޅޭ މީހެއްކަން އެނގުމުން އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން ފުން ނޭވާއެއްލިއެވެ. މިއީ ވާނީ ނަވޫދްއާއެކު މަސައްކަތް ކުރާ މީހަކަށެވެ.

"ޔަގީން. އަހަރެންގެ ސޮއި ލިބިދާނެ." ސަދަފް އޭނަ އަތުން ގަލަން އަތުލަމުން ބުނެލިއެވެ." ނަމަކީ ކޮބާ؟"

ސަދަފް އެ ސުވާލުކުރީ ކަރުދާސްގަނޑުން ނަޒަރު ވަކިކޮށްލުމެއްނެތިއެވެ.

"ލައިލް.."

"ލައިލްއަށް......" ސަދަފް އެހެން ލިޔެފައި ޖުމްލަ ނިންމައިލިއިރު ކުޑަ ހިތެއް އިތުރުކޮށްލައިފިއެވެ." އެއްޗެއް އަހައިލެވިދާނެތަ؟"

ސަދަފްގެ ލޮލުގައި ވިދުމެއް ހުރުމާއެކު ބޭގަރާރުކަމާއެކު ލައިލްގެ ލޮލަށް ނަޒަރު ހުއްޓައިލިއެވެ." ނަވޫދު ދިރިއުޅޭތަނެއް އެނގޭތަ؟"

***

"މިދަނީ ރަގަޅު މަގުންކަން ޔަގީންތަ؟" ދިގު މަގުން ކާރު ދުއްވަމުން ދިޔަ ސަދަފް ސުވާލުކުރިއެވެ.

"އަޅުގަނޑު އެއްފަހަރު ނަވޫދުގެ ގެއަށް އޭނަ ޑްރޮޕް ކުރިން. އެކަމަކު...މި އެކްސިޑެންޓާއި ބެހޭ އެއްވެސް ވާހަކައެއް އޭނަ ނުދެއްކީމަ އަހަރެން މިހުރީ ގަބޫލުކުރަން ދަތިވެފައި. މިހާރު ޒަޚަމް ކިހިނެއް؟" ލައިލް ފަހަތު ސީޓުގައި ހަމަޖެހިލައިގެން އިނެވެ.

"އެއީ އެހާ ބޮޑުކަމެއްނޫން. ދެން ޕްލީޒް ވާހަކަ ނުދައްކަފާނަންތަ؟ ކާރު ދުއްވާއިރު ޑިސްޓްރެކްޓް ވާކަށް އަހަރެން ނޭދެން..." ލައިލް ވާހަކަދައްކާވަރުން އެކަން ހުއްޓުވަން ސަދަފް ބުނެލިއެވެ.

ސަދަފްއަށް މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި މި ކާރުގައި އިނދެވުނުކަމުގައި ގަބޫލުކުރަން ލައިލްއަށް ދަތިވިއެވެ. އޭނައަކީ ހާދަ ނަސީބު ރަގަޅުމީހެކެވެ. މިއީ ކޮންފަދަ އުފާވެރި ދިރިއުޅުމެއްހެއްޔެވެ؟ އުފަލުގެ ކަރުނަ އޮއްސާލެވިދާނެއެވެ.

"ކަނައަތްފަޅިއަށް ދެން...އާނ. ސީދާ ކުރިއަށްގޮސް ދެވަނައަށް އެހެރަ ލޭމްޕް ޕޯސްޓާއި ހަމަޔަށް....."

"އޭނަ މަސައްކަތު ނައީ ކީއްވެ؟ ބަލިވީތަ؟"

"ރަމަޟާން މަހު ފަހު ދިހައިގާ އޭނަ އަބަދުވެސް މަސައްކަތުން ޗުއްޓީ ނަގާ..."

"ފަހު ދިހައޭ؟" ސަދަފް ބުމަ އަރުވައިލިއިރު އިންޓަރނެޓުން އެކަމާއި ބެހޭގޮތުން ހޯދާލަން ސިކުނޑީގައި އޭނަ ނޯޓްކޮށްލައިފިއެވެ. ފަހު ދިހައިގާ އޮތީ ކޮން ޚާއްސަކަމެއްހެއްޔޭ ހިތާހިތުން ސުވާލުކުރެވުނެވެ. ބާވެ ހަސްފަސް ނެތިފައިވާ ކުޑަ ގެ ގަނޑު ފެނުމުން ސަދަފް މޫނު ހަދައިގެން އިނެވެ.

"މިއީ ރަގަޅު ގެ ކަން ޔަގީންތަ؟"

"މުޅިން ޔަގީން."ލައިލް ކާރުން ފޭބުމުން ސަދަފް ފަހަތުން ދިޔައެވެ.

"ނަވޫދުގެ ކޮއްކޮއާއިއެކު އެކަނި މިގޭގައި ދިރިއުޅެނީ؟" ސަދަފްގެ ސުވާލުން ލައިލްގެ ސިކުނޑީގައި ސުވާލު މާކެއް ޖެހުނެވެ.

"ކޮއްކޮ؟ އޭނަގެ ކޮއްކޮއެއް ހުރިކަން އެނގިފައެއްނެތް.." ލައިލްގެ ހިތުގައި ޖެހުނެވެ. އެއަށްވުރެ ބޮޑަށް ހައިރާންވީ ސަދަފްއާއި ނަވޫދުގެ މި ނޭގޭ އެކުވެރި ގުޅުމާއިމެދުގައެވެ. ސަދަފް ނުދަންނަ ކަމަށް ހެދިގެން ނަވޫދު އެހުންނަނީ ހާދަ މަކަރުވެރިވެގެންނެވެ. ލައިލްއަށްވުރެވެސް ސަދަފްއާއި ނަވޫދުގެ އޮތް ގުޅުން މާ ގާތްހެން ހީވެއެވެ.

އެގޭގެ ދޮރު ހުރީ ހުޅުވާފައެވެ. ހައިރާން ކުރުވީ އެއްވެސް މީހެއް ފެންނާންނެތި ދޮރު އަޑާއަށް ހުޅުވާފައި ހުރުމުންނެވެ. ސަދަފް ފަހަތުގައި ހުރިއިރު ލައިލް ހުރީ ކުރީގައެވެ.

"އެކަކުވެސް ގެއަކު ނޫޅޭ. ދެރަކަމެއްނު......" ނަވޫދުގެ ގެއިން ނިކުންނަމުން ލައިލް ކިޔާލައިފިއެވެ. ސަދަފްގެ މޫނުމަތިން މޮޅިވެރިކަމުގެ ކުލަވަރު ފެނުނެވެ. ކުއްލިއަކަށް އެހެން ކާރެއް އައިސް ސަދަފްގެ ކާރުގެ ކައިރީގައި މަޑުކޮށްލައިފިއެވެ. ސަދަފްގެ މެނޭޖަރު ދުވަމުން އައިސް މަޑުމަޑުން އެއްޗެކޭ ބުނުމާއެކު ކުއްލިއަކަށް ހުރިހާކަމެއް ހިނގައިގަތީ އެއްފަހަރާއެވެ. ސަދަފް އަވަސްވެލާފައިގޮސް ކާރަށް އަރައިގެން ލައިލް އެކަނިކޮށްލާފައި ކާރު ދުއްވާލައިފިއެވެ. އަދި ގޯޅިން ލަަނބާލާ ލޯމަތިން ގެއްލުނެވެ. ލައިލް އަނބުރާލާފައިގޮސް އެގެއަށް ވަނެވެ. ކައުޗްގެ ދަށުން ފެނުނު ފިޔަވަޅުން ލައިލް ހުއްޓުނެވެ. ކިލާވެފައިވާ ފައިތިލައެކެވެ.

"ނަވޫދު؟" ލައިލް ގޮވައިލިއެވެ. ކުރިންވެސް މީހަކު ފިލާފައި އޮތްތަން ލައިލް ދެކުނެވެ. އެއްވެސް މީހަކު ގޭގައި ނޫޅޭކަމަށް އޭނަ ސަދަފް ގާތު ބުނީ އެކުވެރިޔާއަށް ބޭވަފާތެރިނުވުމަށެވެ. އެކަމަކި މިފަހަރު އެ ފައިތިލަު ފެނުމުން އެއީ އަންހެންކުއްޖެއްގެ ފައިތިލަކަން ޔަގީންވިއެވެ. މިއީ ނަވޫދުގެ ކޮއްކޮހެއްޔެވެ؟

"އުދަގޫކުރެވުނީތީ މާފަށް އެދެން. އެކަމަކު އަހަންނަކީ ނަވޫދުގެ އެކުވެރިއެއް. ލައިލް. އަހަރެން އައީ ނަވޫދްއާއި ބައްދަލުކޮށްލަން. އަދި ދޮރު ހުރީ ހުޅުވާފައި...."

ކައުޗްގެ ދަށުން މޫނެއް ކުޑަކޮށް ދައްކައިލިއެވެ. ބޮޑު މުށިކުލައިގެ ދެލޮލުން އޭނައަށް ކަޅި އަޅައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު