"އަބަދާ އަބަދު ޒިކުރުކުރުން މަތީ ހުންނާށެވެ. މިއީ އަޅުކަން ކުރުމުގެ އެންމެ ފަސޭހަ އެއްގޮތެވެ. ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ކޮންމެ މަސައްކަތެއްގައި ހުއްޓަސް ޒިކުރުކުރުން މަތީ ތިބާއަށް ހުރެވިދާނެއެވެ."

***

ސިއާރާގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ އެރޭއެވެ.

މާކްއާއި ކެތްރީންގެ ކައިވެންޏަށްފަހު އޭނަގެ ދިރިއުޅުމަށް އަންނާނެ ޒަލްޒަލާގެ ކޮޅުމަތި ފެނުނީ އެރޭގައެވެ.

ސިއާރާ އޭނަގެ ކޮޓަރިއަށް ވަންނަނިކޮށް އަސްލަން ދޮރު ދޭތެރެއަށް އަތް ލެއްވިއެވެ.

"މަޑުކޮށްބަލަ. އަހަރެމެންވެސް އެބަޖެހޭ ވާހަކައެއް ދައްކައިލަން...."

"ބުނެފީމެއްނު ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނެތޭ.." ސިއާރާ ތަންކޮޅެއް ފަހަތަށް ޖެހުނެވެ. އަސްލަންގެ މޫނުމަތިން ފެންނަ ބޮޑާކަމުން ފޫހިވެސްވިއެވެ.

"ތިހެން ގަދަކޮށްލައިގެނެއް ނޫޅެވޭނެ އިނގޭ."

"ދެން ކީއްކުރާނީ..މަރާލާނީތަ؟ ހެވޭ މަރާލިޔަސް............." ސިއާރާ ދުރަށް ބަލަންފެށިއެވެ.

" ރީތިކޮށް ކައިވެނި ހަމަޖެހުނީމަ ބޮޑާވެ ގަދަކޮށްލަން ނޫޅެ އެއްބަސްވިނަމަ. ފާޑެއްގެ ޑްރީމްއަކުން އެންޖެލްސްތަކެއް އައިސްފަ ބުނަން ތިއީ ސެއިންޓެއްވިއްޔަ....ގޯޑް ވޯނިން ދޭ ވަރުގެ މީހެއްތަ މަށަކީ؟ މޭ ބީ ހީ ނޯސް މީ ބެޓާ ދެން އެނީވަން އެލްސް......." އަސްލަން ދެން ދީނާއި ދެކޮޅަށް ބުނެލި އެއްޗަކުން ސިއާރާއަށް އަނގަ ހަދައިލެވުނެވެ. ދީން ގަބޫލުނުކުރާ މީހަކާއި ވާހަކަދައްކަންވެސް ފަސްޖެހުނެވެ. ބޭރުފުށުން ރީތި ސިފައެއް ހުއްޓަސް ކޮންފަދަ އަނދިރި މަގު ގެއްލިފައިވާ ރޫހެއް ހެއްޔެވެ؟ ﷲ އޭނަ ސަލާމަތްކުރައްވާށިއެވެ.

ދުރުގައި ހުރެ ވާހަކަދެއްކިޔަސް ސިއާރާއަށް އެންމެ ރަގަޅެވެ. އުދަގޫވީ އަސްލަން އޭނަގެ މޫނުގައި ހިފުމުންނެވެ. އެގޮތަށް ގޯނާ ކުރަން ފެށުމުން ސިއާރާގެ ސިކުނޑީގައި ނުރައްކާތެރިކަމުގެ ރަގަބީލު ޖެހުނެވެ. މަންމަމެން ފުރުމުން އޭނައަށް އަސްލަންގެ ފަރާތުން ކުރިމަތިވެދާނެ ބިރުވެރިކަން ވިސްނުމުން ހިތް ގެނބޭފަދަ އިހުސާސެއް ކުރެވުނެވެ.

"ޔޫ އާ މައިން ސިއާރާ. އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް މަގޭ ލައިފަށް ގެންނާނަން. އަހަރެމެންގެ ޕޭރެންޓުންގެ ސަބަބުން ދެމީހުންގެ ޑެސްޓިނީ މިއޮތީ ގުޅިފައި. އިތުރު އެއްވެސް ޗޮއިސް އެއްނެތް. މެރީ މީ. ނޫނީ ހިތާމަ ކުރާނެ............" އަސްލަންގެ މަޑު އެކަމަކު ނުރައްކާތެރި އަޑު ކަންފަތުގައި ގުގުމައިލިއެވެ.

"ޑެސްޓިނީ އަކީ އަސްލަން ލިޔަން އޮތް އެއްޗެއް ނޫން. އަހަރެން ބިރެއް ނުގަނޭ. އެކަނި ބިރުގަންނަނީ ހެއްދެވި ފަރާތަށް..." ސިއާރާ ލޯ އަޅައިލިއެވެ.

"މޮޅުވާ ފަރާތެއް ބަލާނީ....."

"ކިބުރުވެރިންނަށް މޮޅެއް ނުލިބޭނެ. ފިއުޗާ ޑިސައިޑްކުރަންވެގެން އިސްތިޚާރާކުރުމުން ދުރުވާން ޖެހޭގޮތަށް ފެނުނީ ސޮރީ މިސްޓަރ އަސްލަން...." ސިއާރާ ދުރަށް ހިނގައިގަތީ އަސްލަންގެ ލޭ ހޫނުކޮށްލާފައެވެ. ނިތްކުރީގައި އަތުން ހިފަހައްޓައިލެވުނެވެ. އޭނަގެ "އިގޯ" ފުޑާލަން އުޅޭ މިކުއްޖާގެ މިފަދަ ކޮންމެ ޖުމްލައަކުން އެކުއްޖާ ހާސިލްކުރުމުގެ އެދުން ހިތުގައި ބޮޑުވެ އެކަމަށް އަމަލީ ސިފަ ގެންނަން އެކިގޮތްގޮތުން ޚިޔާލުކުރެވެން ފެށިއެވެ. އެނޫން އެހެން ޚިޔާލެއް ހިތަށް ނުގެނެވި އަބަދާއަބަދުހެން ސިއާރާ އޭނަގެ ސިކުނޑީގައި ރަނިކަން ކުރަނީއެވެ. ރޭގަނޑުގެ މަލިކާ ހަނދު ރޭގަނޑު ފަލަކުގައި ރަނިކަން ކުރާފަދައިންނެވެ.

***

ކްރިސްޓިއަން އާއިލާއެއްގެ ތެރޭގައި އުޅުމަކީ ސިއާރާއަށް ކުރިންވެސް ފަސޭހަކަމެއް ނޫނެވެ. މިހާރު ކުރިއަށްވުރެ އެކަންތައް އުދަގޫވާނެ ވަރު ވިސްނުނީ ގޭތެރެއިން ފެންނަ މަންޒަރުތަކުންނެވެ. މިނީ ބާރއެއްގެ އިތުރުން އެގޭގެ ކާކޮޓަރީގެ މޭޒުމަތީގައިވެސް ރާ ފުޅިތަކެވެ. އަސްލަން އާއި އެރިކް އެގޭގެ ކޮޓަރިއެއްގައި ތިބިއިރު އަސްލަންގެ އަތުގައި ހުރީ ބިޔަރު ދަޅެކެވެ. ބުއިންތަކަށްވެސް ރާ ނާޅާނެކަމެއް އެނގެނީއެއްވެސް ނޫނެވެ. ސިއާރާ ދޮރުމައްޗަށް އަރާފައި އެރިކްއަށް ގޮވައިލިއެވެ.

"ހޭއި ލަވް..." އަސްލަން ލަދެއްނެތި ގޮވައިލިއެވެ.

އެރިކް ތެދުވެގެން އައެވެ. ކޮއްކޮކަން އެނގުމަށްފަހުގައިވެސް އެދޭތެރޭގައި އަދި އެހާ ގާތްގުޅުމެއް އުފެދިފައެއްނެތެވެ. އެރިކްއާއި ވާހަކަދައްކަން ސިއާރާވެސް ޖެހިލުންވެއެވެ.

"ފަސްމިނިޓް ދެވިދާނެތަ؟" ސިއާރާ އެހީ އަސްލަން ކީ އެއްޗަކަށް އަޅާލުމެއްނެތިއެވެ.

"ޝުއާ..." އެރިކް ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕައިލިއެވެ.

"ހާރިސް އެއްވެސް ވަރަކަށް ކޮންޓެކްޓް އޮވޭތަ؟" ސިއާރާ އާއި އެރިކް އެކީގައި ހިނގައިގަތީ ބޮޑުކޮޓަރިއާއި ދިމާލަށެވެ.

"އަދި ނުވޭ..."

"އެއީ ކީއްވެތަ؟"

"ހާރިސް ތަންކޮޅެއް ދީނީ ވާނެ އެހެންވެ އަހަރެން މަންމަ ގާތުގައި ހުންނަން ބޭނުމެއްނުވި...." އެރިކް ކުޑަކޮށް ހީލިއެވެ." ދީނުގައި ހައްދު ފަހަނަޅާ ދިޔުމުން ފުދޭވަރަކަށް އުދަގޫވާނެ. ވެއިޓް. ޓްރައިކޮށްލާނަން..."

އިރުގަނޑެއްފަހުން ހާރިސްއަށް ގުޅުނެވެ.

ލިބުނު ފުރުސަތުގައި ސިއާރާ އެރިކްގެ ފޯނު އަތުލައިގެން ތަންކޮޅެއް ދުރަށް ހިނގައިގަތީ ހާރިސްއަށް އޭނަގެ ހާލަތު ބަޔާންކޮށްދިނުމަށެވެ. އޭނައަށް މިގެއިން ދިމާވެދާނެ ގޮންޖެހުންތައް ހާރިސްއާއި ހިއްސާކޮށްލުމަށެވެ.

"ބޭބެމެން ކަން އެނގުނީމަ ﷲއަށް ހަމްދުކުރަން. ހިމާޔަތްލިބޭނެކަމަށް އުއްމީދުކުރަން. ﷲ ސުބުހާނަހޫވަތައާލާއަށް ކޮންމެ ހާލެއްގައިވެސް ތަވައްކަލްކޮށްގެން ހުންނަން ނިންމީ. އެކަމަކު މިހާރު މިހުރެވުނީ ކްރިސްޓިއަނުންގެ ތެރޭގައި. ގަސްތުގައި ޖެއްސުންކޮށް ގޯނާކުރާނެ މީހަކު ހުރިތަނެއްގައި. ދީނާއި ދުރުކުރަން އޭނައަށް ވެވެން ހުރިހާކަމެއް ކުރާނެ.." ސިއާރާ އަސްލަން އޭނައާއި ދިމާލަށް ބުނި ވާހަކަތަކުގެ ތަަފްސީލް ކިޔާދިނެވެ."ޕްލީޒް ސޭވް މީ..."

"ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. ޒިކުރުކޮށް ދުޢާ ގިނައިން ކުރައްޗޭ. ތިތަނުން ސަލާމަތްކޮށްދޭނަން އިރާދަކުރެއްވިއްޔާ. އެރިކްއަށް ފޯނު ދީ....." ހާރިސްގެ އަޑު ކަންފަތުގައި ޖެހުމުންވެސް ރައްކާތެރިކަން އިހުސާސްވި ސަބަބެއް ސިއާރާއަކަށް ނޭގުނެވެ. އަޑުގައިވި ސާބިތުކަމާއި ޔަގީންކަމުންކަމަށްވެސް ވެދާނެއެވެ.

***

ކެތްރީން އާއި މާކް ހަނީމޫނަށް ފުރުމުގެ ކުރިން ބޭނުންވީ ކެތްރީންގެ މައިންބަފައިން ނާސިން ހޯމަކަށް ފޮނުވައިލުމަށެވެ.ބާވެފައިވާ އެ އިމާރާތް އަލުން ރީތިކޮށް އަޅަން މާކް ބޭނުންވީކަމުގައި ކެތްރީން ބުނެލިއެވެ. ސިއާރާގެ ހިތުގައި އުފެދިގަތް ހަލަބޮލި ރާޅުތަކުގެ އޮއިވަރުގައި ޖެހިގެން ފަހުން ހިތާމަކުރަން ޖެހޭވަރުގެ އެއްޗެއް މަންމައާއި ދިމާލަށް ނުބުނެ ހުރެވުނީ ހަމަ ކިރިޔާއެވެ. މާމަމެންނާއިމެދު އެގޮތަށް ކަންތައް ކުރަނީ ހަމަ މާކްގެ ލޯބީގައި މަންމަގެ ލޯ ހަމަ އެހާ އަނދިރިވެފައި ހުރީބާވައޭ ހިތަށް އެރިއެވެ. ޔަގީނުންވެސް ލޯބިވާ މާމަމެންނާއިމެދު އެގޮތަށް ކަންތައް ކުރަން އުޅުމުން ސިއާރާގެ ހިތަށް ކުރި އަސަރުން ލޯ ތެމޭގޮތްވިއެވެ. އުމުރުން ދުވަސްވެ އަޅާލުމަށް އެންމެ ބޭނުންވީ ދުވަހު އެހެން ބަޔެއްގެ އަތްމައްޗަށް އެއްލައިލުމަކީ ސިއާރާ ގަބޫލުކުރާ އުސޫލުތަކާއި މުޅިން ޚިލާފު އަމަލެކެވެ. ކުޑަކޮށް ކުރެވުނު ޒުވާބަށްފަހު ކުރި ލިބުނީ ކެތްރީންއަށެވެ.

ޖެހިގެން އައި ދުވަހު ކެތްރީންގެ ދުވަސްވީ މައިންބަފައިން ނާސިން ހޯމަކަށް ލުމަށްފަހު މާކްމެން ހަނީމޫނަށް ފުރީ އަސްލަންއާއި އެރީކްއާއި ސިއާރާ އަދި ޚައިރާ ހަވާލުކޮށްފައެވެ.

***

ހާރިސްގެ ރީތި އަޑުން ކިޔަވާފައި ހުުރި އިސްރާ ސޫރަތުގެ އާޔަތްތަކެއްގެ ވީޑިއޯ ފެނުމުން ޚައިރާ މޮޔަވާވަރުވިއެވެ. އެރޭ ނުނިދާ ހޭލާއޮވެ އެ އާޔަތްތައް އެހުނު އަދަދެއްވެސް ނޭގުނެވެ. ހާރިސްގެ އަޑު އެކަންޏެއް ނޫނެވެ. އެރީތި ލޮލުގެ މަތިން ހަނދާން ނައްތާލުންވެސް ފަސޭހަކަމަކަށް ނުވިއެވެ. ހާރިސްގެ ދަރުސްތަކާއި މަދަހަތައްވެސް އަޑުއަހަން ފެށުނެވެ. "ޣުރަބާ" ލަވަ ކިޔާފައި ހުރިލެއް ރީތިވީވަރުން އޭނަގެ ފޯނުގެ ރިންގްޓޯނަށްވެސް އެލަވަ ލެވުނެވެ. އެކަމަކު ހުރިހާކަމެއްވެސް ކުރަން ޖެހުނީ އޭނަގެ ބޭބެ އަސްލަންއަށް ސިއްރުންނެވެ. ނިރުބަވެރިއެއްގެ ލަވަތަކާއި ގުރުއާނަށް އޭނަ ލޯބިކުރާވަރު އެނގުމުން އަސްލަންއަށް ކެތެއްނުކުރެވޭނެއެވެ. އޭނަވެސް ބައެއްފަހަރު އަމިއްލަ ނަފުސާއި ސުވާލުކުރެއެވެ.

"އަހަންނަށް ހާރިސްދެކެ ލޯބިވެވުނީބާ. ހާދަ ކަމުގޮއްސިއޭ. މިވަރަށް ކަމަކަށް ހިތްޖެހި މޮޔަވީކަމެއް ނެގޭ. އަބަދު ބޮލުތެރޭ އެނބުރެނީ އެ ރީތި އަޑުން ކިޔަވާއަޑު.ލޮލަށް ފެންނަނީ އެ ތަސްވީރު. އެ ކަޅުކަމުން ފުންމިން ނޭގޭ ލޮލުން ބަލާހެން ހީވަނީ. މިއަށް ކިޔާނީ ދެން ކޯނޗެކޭތަ؟ ލައިފް ޕާޓްނާއަކަށް އެހާ ބޭނުންވާ އެހެން މީހެއް ނުފެނޭ. ބައްޕައާއި ބޭބެއަށް އެނގިއްޖެއްޔާ އަހަރެން މަރާލަންވެސް ފަހެއް ނުޖެހޭނެ. ލޯބިވުމަކީ ކުށެއްތަ؟ ދީނަށް ބަލަން ކޮންމެހެން ޖެހޭތަ؟" ޚައިރާގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ.

***

އަސްލަން އޭނަގެ އެކުވެރިއެއްގެ ގާތުގައި ޓެސްޓެއް ހަދާދޭން އެދުނެވެ. ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް އޭނަގެ ހިތުގައި އޮތީ ސިއާރާ އޭނަގެ މިލްކަކަށް ހެދުމަށެވެ. އެ ބޮޑާ އަންހެންކުއްޖާ އޭނަގެ ގަދަރު ވެޔާއި މޮޑެލައިފިއެވެ. އެއްވެސް އިހުތިރާމްކުރުމެއްނެތެވެ. މިވީހާ ދުވަހު އޭނަގެ ފަހަތުން އަންހެންކުދިން ދުވަމުން މޮޔަވެގެން އުޅުނުއިރު ސިއާރާ ފިޔަވާ އޭނަގެ ލޯތްބާއި ދެކޮޅުހަދަން ކެރުނު ފަރާތެއްނެތެވެ. އެންމެ ރަގަޅެވެ. ލޯތްބެކޭ ނުކިޔަސް އޭނައާއި ކައިވެނިކުރުމުގެ ފުރުސަތު ލިބުމުން ދެކޮޅުހެދީއެވެ. އެކަމުގެ އަގު ހިތިގޮތަކަށް އަދާކުރަން ސިއާރާއަށް ޖެހޭނެއެވެ.

***

ސިއާރާ ހާރިސްގެ ފޯނުގެ އިންތިޒާރުގައި ކެތްމަދުވެފައި ހުއްޓާ ގުޅާފައި ހުށަހެޅީ ސިއާރާ ވިސްނަން ޖެހުނުފަދަ ހައްލެކެވެ. ސިއާރާ ސަލާމަތްކޮށް ދެވެން އޮތީ އެންމެ ގޮތަކަށެވެ. ހާރިސްގެ އެކުވެރިއަކާއި ކައިވެނިކޮށްގެންނެވެ. ހާރިސް ބުނީ އޭނަ އެލިޔަސްއަށް އަމިއްލަ ނަފުސަށްވުރެ ބޮޑަށް އިތުބާރުކުރާކަމަށާއި ދީނަށް ލޯބިކުރާ މާތް ޒުވާނެއް ކަމުގައެވެ. ދީނަށްޓަކާ ފުރާނަވެސް ގުރުބާންކޮށްލާ ވަރުގެ ތަގުވާވެރި މީހެއް ކަމުގައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު