މަރުގެ މައްސަލައިގައި ހައްޔަރުކުރި އާބިދުގެ ބަންދަށް 15 ދުވަސް

ބަންގްލަދޭޝްގެ ވޭޓަރުގެ މަރާ ގުޅިގެން ހައްޔަރުކުރި ޕާކިސްތާނުގެ އާބިދު

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގައި އިއްޔެ ހިނގި ގަތުލާއި ގުޅިގެން ހައްޔަރު ކުރި، ޕާކިސްތާނުގެ މުޙައްމަދު އާބިދުގެ ބަންދަށް 15 ދުވަސް ހުޅުމާލޭ ކޯޓުން ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް އޭނާ ކޯޓަށް ހާޒިރުކުރީ މިރޭ ކަމުގައެވެ.

އިއްޔެ އިރުއޮއްސެން ގާތްވެފައި ވަނިކޮށް، ޚާންޖީ ކެފޭތެރޭގައި މަރާލި ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ޝަމީމަކީ، އެތަނުގައި އުޅޭ ވޭޓަރެކެވެ. އަދި އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ އަބީދަކީ އެތަނުގެ ކައްކާއެވެ.

އަބީދު ހޯދަން ފުލުހުން އިއްޔެ އާއްމުންގެ އެހީއަށް ވެސް އެދުނެވެ. އަދި އޭނާއަކީ ވަރަށް ނުރައްކާތެރި މީހެއް ކަމަށާއި އޭނާ ފެނުނަސް އޭނާއާ ކުރިމަތިނުލުމަށް ފުލުުހުން އޭރު އިލްތިމާސްކުރިއެވެ.

ފިލައިގެން އުޅެނިކޮށް އަބީދު ހައްޔަރުކުރީ ރޭ، މެންދަމުން އަލިވެ، 02:30 ހާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

comment ކޮމެންޓް