ހުވަފެން ހަގީގަތަކަށް ހަދައި އުމުރުން 14 އަހަރުގައި އިމާމަކަށް!

މަލްސޫން ބަންގި ގޮވަނީ: އުމުރުން 14 އަހަރުގައި އޭނާ އަންނަނީ އިމާމުވެ ނަމާދު ކުރަމުން ---

ކުޅުދުއްފުށީ ސިޓީ، އަފީފުއްދީން ސްކޫލް ކައިރި ހުންނަ، މަސްޖިދުލް ހަސަނާތުން މި ރޯދަ މަހުގެ ކޮންމެ ރެއަކު ތަރާވީހް ނަމާދު ކުރާ އަޑަކީ އެ ސިޓީއަށް ޚާއްޞަ އަޑެކެވެ. އެ އަޑުން އެއީ ކުޑަ ކުއްޖެއްކަން އެނގުނަސް ކިޔެވުން އެހާ ރީތި ވެފައި، ފުރިހަމައެވެ. މި ރޯދަ މަހު އެ މިސްކިތުގައި އިމާމުވެ ތަރާވީހް ނަމާދު ކުރަމުން އަންނަނީ އުމުރުން އެންމެ 14 އަހަރުގެ އިބްރާހީމް މަލްސޫން މުޙައްމަދެވެ.

ކުޅުދުއްފުށީ، އައިލެންޑް ވިލާ، މަލްސޫންއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ބަރާބަރަށް ނަމާދަށް ގޮސް ދީނީ ކަންކަމަށް ލޯބި ކުރަމުން އަންނަ ކުއްޖެކެވެ. ކުޑައިރު ފޫހިފިލުވުމުގެ ގޮތުން ވެސް އޭނާ ގޭގައި ކޮށްއުޅޭ ކަންކަމަކީ އިމާމުވެ ނަމާދު ކުރުމާއި ޚުތުބާ ކިޔުމެވެ. އެހާ ކުޑައިރުންސުރެވެސް ތަރާވީހް ނަމާދަށް ގޮސް އުޅޭއިރު އޭނާގެ އެންމެ ބޮޑު އެއް ހުވަފެނަކީ އިމާމުވެ ތަރާވީހް ނަމާދު ކުރުމެވެ. އެފުރުސަތު މި ރޯދަ މަހު އޭނާއަށް ލިބުނީ ހަސަނާތު މިސްކިތުގެ އިމާމެއްގެ ގޮތުގައި ހުރި އޭނާގެ ގުރުއާން މުދައްރިސް ޙުސައިން މޫސާ ދިން ފުރުސަތަކާއެކުއެވެ.

މަލްސޫން ގުރުއާން މުބާރާތެއްގައި: އޭނާއަކީ ކުޑައިރުން ފެށިގެން ވެސް ދީނީ ކަންކަމަށް ލޯބިކުރާ ކުއްޖެއް--

"ގުރުއާން މުދައްރިސް ވިދާޅުވީ ތަރާވީހް ނަމާދު ކޮށްލަން ވާންނޫންހޭ. މުދައްރިސް ވަރަށް ބޮޑަށް ތައްޔާރު ކޮށްދިނީ. އޭގެ ފަހުން މި ރޯދަ މަހުގެ ކޮންމެ ރެއަކު އަޅުގަނޑު އެ މިސްކިތުގައި މި ތަރާވީހް ނަމާދު ކުރަނީ،" ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 ގައި ތައުލީމް ހާސިލް ކުރާ މަލްސޫން ބުންޏެވެ.

"ވަރަށް ކުޑައިރުންސުރެއް ދެކެމުން އައި ހުވަފެނެއް މިއީ. ކުޑައިރުވެސް ތަރާވީސް ނަމާދު ކުރަން ދަން. އޭރުވެސް ހިތަށް އަރާ އިމާމްވެ ކޮށްލަން ލިބޭނެ ނަމައޭ. އެ ފުރުސަތު ލިބުނީތީ ﷲ އަށް ހަމްދުކުރަން،"

މަލްސޫން އިމާމުވެ ނަމާދު ކުރަނީ

މަލްސޫން ތަރާވީހް ނަމާދު ކުރަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. އެގޮތުން ކޮންމެ ރެއަކު ނަމާދުގައި ކިޔަވާނެ ބައި އޭނާ ކުރިއާލާ ފަރިތަކުރެއެވެ. އެއަށް ފަހު މުދައްރިއްސަށް ކިޔައިދީ ކުށްތައް ރަނގަޅު ކުރެއެވެ. އޭނާ ތަރާވީހް ނަމާދަށް ދަނީ މަންމައަށް ވެސް އެ ރެއަކު ކިޔަވާ ބައި ކިޔައިދީ ވަރަށް ފަރިތަ ކޮށްގެންނެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ.

"ވަރަށް ބޮޑަށް އެއްބާރުލުންދޭ މީހުން. ބުނޭ ވަރަށް އުފާވެއޭ ކުޑަކުއްޖަކު އިމާމްވެ ނަމާދު ކުރާތީ،" ތަރުހީބު ކިޔައިދެމުން މަލްސޫން ބުންޏެވެ.

މަލްސޫން ވަނީ އުމުރުން 13 އަހަރުގައި މިދިޔަ އަހަރު އިމާމު ކޯހުގެ ސެޓްފިކެޓް ތިނެއް ހާސިލް ކޮށްފައެވެ. އެ ކޯހުން އޭނާ ފާސްވީ ހުރިހާ މާއްދާއަކުން އެންމެ މަތިން މާކްސް ހޯދައިގެންނެވެ.

މަލްސޫން އެންމެ ފުރަތަމަ ރަސްމީކޮށް ބަންގި ގޮވިއިރު އޭނާގެ އުމުރަކީ އެންމެ އަށް އަހަރެވެ. އެ ފުރުސަތު 2015 ވަނަ އަހަރު އޭނާއަށް ދިނީ އެ ސިޓީގައި ހުންނަ މަސްޖިދުލް ނޫރުގެ އިމާމް، ޙުސައިން މުޙައްމަދެވެ. މަލްސޫން ގޭގައި ބަންގިގޮވާ ހަދާ އަޑު އެ އިމާމަށް އިވިފައިވާތީ ފުރުސަތެއް ދިނީއެވެ. އިމާމްވެ ނަމާދު ކޮށްލާ ހިތުން ހުރި މަލްސޫނަށް އެކަންވީ އުއްމީދު އާވި ކަމަކަށެވެ.

މަލްސޫން އެންމެ ފުރަތަމަ އިމާމުވެ ނަމާދެއް ކުރީ 2019 ވަނަ އަހަރު، އެ ސިޓީގެ މަސްޖިދުލް ފިރުދޯސްގައެވެ. އޭނާގެ ޓީޗަރަކު އެ މިސްކިތާ ހަވާލުވެ ހުރިއިރު ދިން ފުރުސަތެއްގައި އިމާމުވެ އިޝާ ނަމާދު ކޮށްލީއެވެ.

"ވަރަށް އުފާވި އެ ދުވަހު. ވަރަށް ބޭނުން ވެފައި ހުރީ އިމާމްވެ ނަމާދެއް ކޮށްލަން. އެންމެ ފުރަތަމަ ލިބުނުއިރުވެސް ވަރަށް ބޮޑަށް ތައްޔާރުވެފައި ހުރީ އެކަމަށް. ވިސްނަން ޖެހޭކަންކަން އެނގޭ އޭރުވެސް. ބައްޕަމެން ހުރީ ކިޔައި ދީފައި،" މަލްސޫން ބުންޏެވެ.

ގުރުއާން މުބާރާތަކުން ވަނައެއް ހޯދުމުން މަލްސޫންއަށް އިނާމު ދެނީ--

އެހާ ކުޑައިރު ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުންފަދަ ކަންކަން ކުރަން ފެށުމުން ފުރަތަމަކޮޅު އޭނާއަށް ގޮންޖެހުންތައް ކުރިމަތިވިއެވެ. ކުޑަ ކުއްޖަކު އިމާމަކަށް ވީތީއެވެ. ނަމަވެސް ކަންކަން މިހާރު ވަނީ ބަދަލުވެފައެވެ. މިއަދު އޭނާއަކީ އިމާމުކަން ކިޔަވައިގެން ހުރި ކުއްޖެކެވެ.

"ދެން އެންމެ ބޭނުން ވަނީ ޚުތުބާ ކިޔަން. އިމާމުވެ ހުކުރު ނަމާދު ކޮށްލަން ވަރަށް ބޭނުންވޭ. މިސްކިތަކާ ހަވާލުވާން ވެސް ވަރަށް ބޭނުން. އެކަމަކު ސްކޫލްގައި އުޅޭތީ އެ ފުރުސަތު އަދި ނެތީ،" މަލްސޫން ބުންޏެވެ.

މަލްސޫން ކުރިމަގަށް ދެކޭ އެންމެ ބޮޑު ހުވަފެނަކީ މަދީނާ ފަދަ ތަނަކުން ދީނީ ތައުލީމް ހާސިލް ކޮށްގެން ދީނީ ޢިލްމުވެރިޔަކަށް ވުމެވެ.

comment ކޮމެންޓް