ބާރުދުވެލީގައި މަސައްކަތްކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ފައުޒީ

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީ --- ފޮޓޯ/ ޕީއެސްއެމް

ބާރުދުވެލީގައި މަސައްކަތްކޮށް މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭނެކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ "ސަން"އަށް ވިދާޅުވީ ފްރީޒިން ކެޕޭސިޓީއަށްވުރެއް އިތުރުވާތީ ކޮންމެ ދޯންޏަކުންވެސް ފަސް ޓަނު މަސް ކިރަން ނިންމި ނިންމުމާއެކު މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ. އެ ކަންބޮޑުވުންތައް ހައްލުކޮށް ދިނުމުގައި މިފްކޯ އަބަދުވެސް ދާނީ ބާރުދުވެލީގައި މަސްވެރިންނާއެކު މަސައްކަތް ކުރަމުން ކަމަށް ފައުޒީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ތިބޭނީ މަސްވެރިންނާއެކު. މަސްވެރިންގެ ހައްގުގަ. މިފްކޯމީ މަސްވެރިންގެ ތަނެއް،" ފައުޒީ ވިދާޅުވިއެވެ.

ސަރުކާރާ ގުޅިގެން، މަސް ގަންނަ ކެޕޭސިޓީ އިތުރު ކުރެވޭނެ ގޮތްތައް ކުރިއަށް އޮތްތާ ތަރައްގީ ކުރާނެ ކަމަށް ވެސް ފައުޒީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށް މިވަގުތު ހަމަޖެހިފައިވަނީ ދެ ފެކްޓަރީއެއްގައެވެ. އެއީ ކޫއްޑޫއާއި ކަނޑުއޮއްގިރީގައެވެ. އަދި އަލަށް މަސްގަތުމުގެ ފެސިލިޓީ ގާއިމްކުރަން ހަމަޖެހިފައި ވަނީ ގދ. ތިނަދޫ އަދި މ. މުލަކުގައިކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިންގެ ކަންބޮޑުވުމަށް ހައްލެއް އަންނާނެ ދުވަސް ކަނޑައެޅިގެން ބުނަން ދަތިކަމަށް ފައުޒީ ވިދާޅުވިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމާ އެކު އެތައް ޓަނެއްގެ މަސް ބާނައިގެން ދޯނިތައް ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ މަސްކާރުހާނާއަށް ކިރަން ދިއުމުން އެ ކުންފުނިން ވަނީ ކޮންމެ ދޯންޏަކުން ވެސް ފަސް ޓަނުގެ މަސް ކޫއްޑުއަށް ކިރޭ ގޮތަށް ބަދަލުކޮށްފައެވެ.

މިފްކޯއިން އެގޮތަށް ނިންމުމުން މަސްވެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އަދި ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރާތީ ކޫއްޑޫގައި މަސް ކިރުން ހުއްޓުމަކަށްވެސް އައެވެ. އެންމެ ފަހުން ސަރުކާރުން ނިންމީ ކޫއްޑޫ ބަނދަރުގައި އަޅާފައި އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރައި ދޭށެވެ. މަސްދޯނިތަކަށް ވަކި ކިއު އޯޑަރެއް ދީ މަސް ކިރޭނެ ދުވަހާއި ތަރުތީބު ދުރާލާ އަންގަން ނިންމިއެވެ.

އެހެން ނަމަވެސް މަސްވެރިންގެ އުތުރިއެރުމާ ގުޅިގެން މިފްކޯއިން ވަނީ ލިމޓް އުވާލައި މިދިޔަ ހަފްތާގެ އަންގާރައިން ފެށިގެން ކޮންްޓްރޯލް ކުރުމަކާ ނުލައި މަސްކިރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި އޭރު ކިއު ތަރުތީބުން ހުރިހާ ދޯންޏެއްގެ މަސް އިއްޔެގެ ނިޔަލަށް ކިރައިދީ ވަނީ ނިންމައިފައެވެ.

ކިއުގައި ތިބި ހުރިހާ ދޯންޏެއްގެ މަސް ކިރުމުން މިފްކޯއިން މިއަދުން ފެށިގެން އަނެއްކާވެސް ލިމިޓްކޮށް މަސްކިރަން ވަނީ ނިންމައިފައެވެ. ނަމަވެސް މިފަހަރު ފަސް ޓަނުގެ ބަދަލުގައި ހަތް ޓަނުގެ މަސް ކިރައިދޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް