ބަންގްލަދޭޝްގެ މީހާ މަރާލުމާ ގުޅިގެން އެޤައުމުގެ ރައްޔިތުން މުޒާހަރާކޮށްފި

ބަންގްލަދޭޝްގެ ރައްޔިތުން މުޒާހަރާ ކުރަނީ--- ސަން ފޮޓޯ

މިއަދު ހަވީރު ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބަންގްލަދޭޝްގެ ރައްޔިތަކަށް ހަމަލާދީ މަރާލުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީ ކުރިމައްޗަށް އެއްވެ އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ބަންގްލަދޭޝްގެ ރައްޔިތުން މުޒާހަރާ ކުރަނީ ---- ސަން ފޮޓޯ

މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެއިޓަރު މަރާލި މައްސަލާގައި އެމްބަސީން އެއްވެސް ބަހެއް ބުނެފައިނުވުމެވެ.

"މިފަދަ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު ވެސް އެމްބަސީ އޮތީ ނިދާފަ. ހުރިހާ މީހުން މުޒާހަރާ ކުރަންޖެހެނީ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ބަންގަލަދޭޝްގެ އެ މީހާ މަރުވެފައި އޮށްވާ ފެނުނީ ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓު ތެރެއިންނެވެ.

އެ ހަމަލާ ދިނީ އެ ރެސްޓޯރެންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ، ޕާކިސްތާނުގެ މީހެކެވެ. މަރުވީ އެ ރެސްޓޯރެންޓުގެ ވެއިޓަރެކެވެ.

ވެއިޓަރު މަރާލި ޕާކިސްތާނު މީހާ ހޯދަން ފުލުހުން ވަނީ ފޮޓޯ އާންމުކޮށްފައެވެ. ފުލުހުން ބުނީ އޭނާ އަކީ ވަރަށް ނުރައްކާތެރި މީހެއް ކަމަށެވެ.

comment ކޮމެންޓް