ދައުރު ނިމުމުގެ ކުރިން ޖަލުތަކުގެ ހާލަތު ރަނގަޅުކުރާނަން: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މި ދައުރު ނިމުމުގެ ކުރިން ޖަލުތަކުގެ ހާލަތު ބަދަލުކޮށް، ރަނގަޅުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުން ދަސްވެނިވެ، ހުވާ ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލު ވެވަޑައިގެންނެވިއިރު، ދިވެހިންގެ ހިތްތަކުގައި ޒަމާނުއްސުރެ އުފެދިފައިވަނީ ވަރަށް ކިލަނބީ ތަސައްވަރެއް ކަމަށާއި އެ ކަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގައިދީން ތަހައްމަލު ކުރަން ޖެހިފައިވާ ދަތިކަމާއި ހިތްދަތި ކަމަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް ކަން ފާހަގަކުރައްވައި، އިމްރާން ވިދާޅުވީ އިންސާނީ ކަރާމާތާ އެއްގޮތްވާ ގޮތުގެ މަތީން ކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

"ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މި ކަމަށް ނުކުރާ މަސައްކަތް އަޅުގަނޑުމެން ކޮށްފައިވާނެ ކަން ފުރިހަމަ ޔަގީންކަމާއެކުގައި އަޅުގަނޑު ގަބޫލުކުރަން، މި ސަބަބާ ހުރެ ސަރުކާރުގެ އެންމެ ފުރަތަމަ ދުވަސްކޮޅުގައި ޖަލު އޮޑިޓްކޮށް، ފުރިހަމަ ރިޕޯޓެއް ވާނީ އެކުލަވައިލެވިފައި،" އިމްރާން ވިދާޅުވިއެވެ.

މި އޮޑިޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަން މިހާރު ވެސް ކަރެކްޝަނަލް ސާވިސްއިން ރަނގަޅުކޮށްފައިވާ ކަމަށާއި ނުކުރެވި ހުރި ކަންކަން ވެސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ގިނަ ޖަލުތަކަކީ ފެށުމުގައި އެހެން ކަމަކަށް ބޭނުންކުރި ތަންތަން ކަމަށާއި އެކަމުގެ ސަބަބުން ވެސް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"މިސާލަކަށް މަސް ކިރާ ގުދަނެއް، ނުވަތަ ކާށި އެއްކުރާ ޖަގަހައެއް، މި ތަންތަނުގައި ގައިދީން ގެންގުޅެން ޖެހުމުން އެ ކަމުގައި އުފުލަން ޖެހޭނޭ ބުރައާއި ނިކަމެތިކަން އަޅުގަނޑުމެންނަށް ތަސައްވަރު ކުރެވޭ،" އިމްރާން ވިދާޅުވިއެވެ.

ހަމައެހެންމެ ޖަލުގައި ބޭނުންކުރެވޭ ބައެއް މަދު އިމާރާތްތަކަކީ ޖަލު ހިންގަން އެޅިފައިވާ އިމާރާތްތަކެއް ނަމަވެސް އެ ތަންތަނަކީ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތަކަށް ނުފެތޭ ފަދަ ދަށް ފެންވަރެއްގައި ހުރި ތަންތަން ކަމަށާއި އޮފިސަރުންގެ ބެރެކްސްތަކަކީ ވެސް އެކަށީގެންވާ ތަންތަން ނޫން ކަމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

"މި ދައުރު ނިމުމުގެ ކުރިން މި ހަގީގަތް އަޅުގަނޑުމެން އެއްކޮށް ބަދަލުކޮށްލާނަން،" އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް