ދިއްގަރުގެ ބިންހިއްކަން ފަށައިފި، ރައްޔިތުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން

ދިއްގަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ/ މުހައްމަދު ޒިއާން އަހުމަދު

މ. ދިއްގަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢު އެމްޓީސީސީއިން ފަށައި އެރަށުގެ ރައްޔިތުންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދީފިއެވެ.

ދިއްގަރުގެ ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން "ސަން"އަށް ވިދާޅުވީ ރަށުގެ ބިން ބޮޑުވުމަކީ ޒަމާނުންސުރެ އެ ރަށުގެ ރައްޔިތުން ދެކެމުންއައި ހުވަފެނެއް ކަމަށެވެ.

"އަޅުގަނޑުމެން ރަށަކީ ބިމުގެ ދަތިކަން ވަަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް. ބިން ހިއްކަން ފެށުމުން ރައްޔިތުން ތިބީ މިހާރު ވަރަށް އުފަލުން،" ނިޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށަށް އަންނަންޖެހޭ ވަރަށް އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ވެސް ނައިސްވަނީ ރަށުގައި ބިން ނެތުމުގެ ސަބަބުންކަމަށެވެ.

މީގެ އިތުރުން ދިއްގަރު އިޤްތިސާދީ ގޮތުން ކުރިއަރައިގެން ނުގޮސް ހުއްޓިފައިވަނީ ވެސް ހަމަ ބިމުގެ ދަތިކަމުގެ ސަބަބުންކަމަށް ނިޝާން ވިދާޅުވިއެވެ.

ރިހާކުރު އައިލެންޑުގެ ނަމުގައި މަޝްހޫރުވަމުން އަންނަ ދިއްގަރުގެ ރިހާކުރު ކެއްކުމުގެ މަސައްކަތް ވެސް ބިމުގެ ދަތިކަމާހެދި އެންމެ އެދެވޭ ގޮތެއްގައި ކުރިނާރާކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގައި ގެސްޓު ހައުސް ހިންގަން ބޭނުންވާ ޒުވާނުން އެބަތިބި. ބިން ނެތުމުގެ ސަބަބުން އެމަސައްކަތް ވެސް ނުކުރެވޭ ޒުވާނުންނަކަށް،" ނިޝާން ވިދާޅުވިއެވެ.

ބިން ފުރިފައިވާ ދިއްގަރުގެ 200 އެއްހާ އައިލާއިން ބޯހިޔާވަހިކަން ބޭނުންވެފައި އެބަތިއްބެވެ. އަދި އެއްގެއްގައި ތިން ހަތަރު އާއިލާ ދިރިއުޅެން މިހާރު މަޖުބޫރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން 13.8 ހެކްޓަރު ބިން އެކުލެވޭ ދިއްގަރަށް 25 ހެކްޓަރު ބިން އިތުރުކުރެވޭނެ ކަމަށެވެ. އެއާ އެކު މިހާރު އެ ރަށުގެ ބިމުގެ ދެގުނަ ރަށަށް އިތުރުވާނެއެވެ.

ދިއްގަރުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ ޖޫން، ޖުލައި އަށް ނިންމާލެވޭނެކަމަށް ނިޝާން ވިދާޅުވިއެވެ. ނަމަވެސް ބިން ހިއްކުމަށްފަހު ހިއްކި ބިން ހިމާޔަތްކޮށް އަދިވެސް ކުރަންޖެހޭ ކަންކަން ނިންމާލެވޭނީ މިއަހަރުގެ ފަހުކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް