މެސީއަކީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިޔާ: ޖެރާޑް

ސްޓެވަން ޖެރާޑާއި ލިއޮނަލް މެސީ

އާޖެންޓީނެ ކެޕްޓަން ލިއޮނަލް މެސީ އަކީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ލިވަޕޫލްގެ ލެޖެންޑް އަދި އެސްޓާން ވިލާގެ ކޯޗު ސްޓެވަން ޖެރާޑް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އޭނާއާއެކު އިންގްލޭޑަށް ކުޅުނު ގެރީ ނެވީލް ޔޫޓިއުބް ޗެނަލެއްގައި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އޭނާ ސުވާލުކޮށްފައިވަނީ ޖެރާޑް ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ކާކުތޯއެވެ. ޖަވާބުގައި ޖެރާޑް ބުނީ މެސީކަމަށެވެ.

"އަހަރެންނަށް ފެންނަ ގޮތުހައި ލިއޮނެލް މެސީ،" ސުވާލު ކުރުމާއެކު ވަގުތުން ޖެރާޑް ބުންޏެވެ.

މީގެ އިތުރުން ޖެރާޑް ބުނެފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ވެސް މޮޅު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ރޮނާލްޑޯގެ ބަދަލުގައި އޭނާ މެސީ އިޚްތިޔާކުރި ސަބަބު ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

"މުޅިން އެހެން ލެވެލްއެއްގައި ތިބި ކުޅުންތެރިން އެބަ ތިބި. ރޮނާލްޑޯ އަދި މެސީ. އެކަަމަކު އަހަރެންގެ ޓީމުގައި ރޮނާލްޑޯއެއް ނުހިމެނޭނެ. އަހަރެން ބަލަނީ ބޮޑަށް ޓީމަށް ކަމެއް ކޮށްދެވޭނެ ކުޅުންތެރިންނަށް. އެއްކޮށް ގުޅިގެން އެއްޗެއް ހާސިލް ކުރެވޭނީ ކޮން އެއްޗެއްތޯ ބަލާ ކުޅުންތެރިންނަށް. ރޮނާލްޑޯ ވިން ކުރާނެ. އެކަމަކު، އަހަރެން ބަލަނީ އިންޑިވިޖުއަލީ ވިސްނާ ކުޅުންތެރިޔަކަށް ވުރެ މުޅި ޓީމަށް ވިސްނާ ކުޅުންތެރިޔަކަށް. އެހެންވެ އަހަރެން އެ މަގުން އަބަދުވެސް ބަލަނީ،" އިތުރަށް ވާހަކަ ދައްކަމުން ޖެރާޑް ބުނެފައިވެއެވެ.

އޭނާ މިހެން ބުނެފައިވާއިރު، މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑިއޯ އެވޯޑު ހަތް ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައިވާ ކުޅުންތެރިޔާއެެވެ. ދެ ވަނައަށް މި އެވޯޑު ހޯދާފައިވަނީ ރޮނާލްޑޯއެވެ. އެއީ ފަސް ފަހަރުއެވެ.

comment ކޮމެންޓް