ރަސްމީ އަދި ނުރަސްމީ ހައިސިއްޔަތުން ވެސް ދިވެހި ބަހުން މުއާމަލާތުކުރައްވާ: ޑރ. އަޝްރަފް

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް--- ފޮޓޯ: ބަހުގެ އެކަޑެމީ

ރަސްމީ ހައިސިއްޔަތުންނާއި ނުރަސްމީ ހައިސިއްޔަތުގައި ވެސް ދިވެހިބަހުން މުއާމަލާތުކުރެއްވުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް އިލްތިމާސް ކުރައްވައިފިއެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަހާ ގުޅިގެން އަޝްރަފް ދެއްވި ޚިޠާބުގައި އޭނާ ވިދާޅުވީ ކޮންމެ ދަނޑިވަޅެއްގައި ވެސް ދިވެހި ބަހުން މުއާމަލާތުކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭކަމަށެވެ.

"ބާއްވާ ޖަލްސާތަކާއި ލިޔުއްވާ ލިޔުންތަކުގައި ވެސް އަމަލީ ގޮތުން މިކަން ސާބިތުކޮށްދެއްވަމާ ހިންގަވާށެެވެ" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ ތިމާގެ ދަރިންނާއި ދަރިވަރުންގެ އިތުރުން ޢާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނާ ބައްދަލުވާ ހިނދު ދިވެހި ބަހުން މުޚާތަބު ކުރަން އާދަކުރަން ޖެހޭކަމަށެވެ. އަދި ފިހާރަތަކަށާއި ކުންފުނިތަކަށާއި ތަންތަނަށް ނަން ކިޔާއިރު ދިވެހިބަހަށް އިސްކަން ދިނުމަށް ވެސް ޑރ. އަޝްރަފް ގޮވާލެއްވިއެވެ.

"އެކި އެކި ވިޔަފާރީގައި ކުރައްވާ މުއާމަލާތުތައްވެސް ދިވެހި ބަހުން ކުރައްވަމާ ހިންގަވާ. ބަހާއި ޢަމަލު ދިމާވާނީ އޭރުން. ދިވެހިން ދިވެހިންނަށް ވާނީ އޭރުން." ޑރ. އަޝްރަފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހި ބަހަކީ ބަހަކަށް ލިބެންޖެހޭ އެންމެހައި ސިފަތައް ލިބިފައިވާ ރީތި ބަހެއް ކަމަށެވެ. ބަސް ދިރާސާ ކުރާ އިލްމުވެރިން ބަހެއްގައި ހުންނަންޖެހޭ ކަމަށް ފާހަގަކުރައްވާ ހުރިހާ ސިފައެއް ދިވެހި ބަހުގައި ހުރިކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ބަހެއްގެ އަދަބިއްޔާތުގައި ހުންނަންޖެހޭ އެންމެހައި ރިވެތި އަދަބީ ސިފަތައް ވެސް ދިވެހިބަހުގައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. އަޝްރަފް ވިދާޅުވީ އަދަބިއްޔާތެއްގައި ހިމެނޭ ވާހަކަތަކާއި އިސްޓޭޖް ޑްރާމާއާއި ޅެމުގެ ތަފާތު ބާވަތްތައް ދިވެހި ބަހަށް ވެސް ލިބިފައިވާކަމަށެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިއާރަކީ "ދިވެހިން ދިވެހިންނަށް ވީ ދިވެހިބަހުން ވާހަކަދައްކާތީއެވެ".

އެ ޝިއާރުން ރަމްޒު ކޮށްދެނީ ދިވެހިން ދިވެހިންގެ ގޮތުގައި ދެމިތިބުމަށް ބޭނުންވާ ނަމަ ދިވެހި ބަހުން މުއާމަލާތުކުރުމަށް އިސްކަންދޭންޖެހޭނެކަމެވެ.

comment ކޮމެންޓް