އީދާ ދިމާކޮށް މޯލްޑިވިއަންއިން އަގުހެޔޮކޮށް މެލޭޝިއާ ދަތުރުތަކެއް ބާއްވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ 3ބީ އޭޕްރަން ހުޅުވުން --- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް، އަގުހެޔޮކޮށް މެލޭޝިއާ ދަތުރުތަކެއް ބާއްވަން މޯލްޑިވިއަންއިން ނިންމައިފިއެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ސަން"އަށް ވިދާޅުވީ، އީދާ ދިމާކޮށް ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، ޑިމާންޑު އިތުރުވާ ވަރަކަށް އިތުރު ފްލައިޓުތައް ބާއްވާނެ ކަމަށެވެ.

ޖެނިފާ ވިދާޅުވީ ފުރަތަމަ ފްލައިޓް މާލެއިން ފުރާނީ، މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 1:20ގައި ކަމަށެވެ. އެ ފްލައިޓު އެނބުރި މާލެ އަންނާނީ، އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ދަތުރުގެ ފެށޭ އަގަކީ، ދެކޮޅު ޓިކެޓަށް 399 ޑޮލަރެވެ. އެއް ފްލައިޓް ބާއްވާނަމަ އޮންނާނީ 200 ޖާގަ ކަމަށާއި، ނަމަވެސް ޑިމާންޑު އިތުރުވެއްޖެ ނަމަ އިތުރު ފްލައިޓުތައް ބާއްވާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

"މީ ވަރަށް ރަނގަޅު ފުރުސަތެއް ދެއްތޯ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މެލޭޝިއާ ބަންދުކޮށްފަ އޮތީމަ އާއިލާ ކައިރިއަށް ވެސް ނުދެވި ވަރަށް ގިނަ ބަޔަކު ތިބޭނެ ދެއްތޯ،" ޖެނިފާ ވިދާޅުވިއެވެ.

މިއީ އެފަދަ މީހުންނަށް ފޯރުކޮށްދޭ ފުރުސަތެއް ކަމަށް ޖެނިފާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު މެލޭޝިއާގެ ބޯޑަރު އަލުން ހުޅުވާލާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.

comment ކޮމެންޓް