"ރަމަޟާން ގެ ނަމުން ނަން ދެވިފައިވާ ރީތި ހަދިޔާ ވަކިވެގެން މިދަނީ އަހަރެމެން ތަގުވާވެރިންނަށް ވެ އަދި ފާފަ ފުއްސެވުމަށްފަހުގައި ކަމުގައި ލައްވާށިއެވެ."

***

ނަވޫދު ފެންވަރަން ވަނުމުން ނަމްރާ އޭނަގެ ހަށިގަނޑު ދަމަމުން ކުޑަދޮރާއި ހަމަޔަށް ދިޔައެވެ. އަދި ކިރިޔާ ބޭރު ފެންނަވަރަށް ދޮރުފޮތިގަނޑު ކަހާލައިފިއެވެ. ބޯ ހިއްލައިލަމުން އޭނަގެ ނަޒަރު ކުޑަދޮރުން ބޭރަށް ހުއްޓުނެވެ. ހިތްގައިމު ފެހީގައި އިރުގެ އަލީގައި ވިދާ ދިގު ގަސްތައް މިހާރު ފެންނަނީ ކަޅު ހިޔަނިތައް ފަދައިންނެވެ. ނަމްރާގެ ލޯ އެއަށްވުރެ މައްޗަށް ދަތުރުކުރިއެވެ. ނޭވީ ނޫކުލައިގެ އުދަރެހާއި ފިޔަޖަހަމުންދާ ތަރިތަކެވެ. އުދަރެސް އިތުރަށް ޒީނަތްތެރިކޮށްލައިގެން އިން ވިދާ ހަނދުވެސް އޭނައަށް ފެނުނެވެ. ހަނދާއި ދިމާލަށް މާ ދުރުން އުދެހުމުން ދިޔަ އެންމެ ދޫންޏެއްގެ ހިޔަނިވެސްމެއެވެ. ގަސްތަކުގެ މަތިން ފެންނަނީ ތަފާތު ދުނިޔެއެކެވެ. އެދުނިޔޭގެ ބަޔަކަށްވުމަށް އޭނަގެ ހިތް އެދޭ ދުނިޔެއެވެ. ކާރެއްގެ ހެޑްލައިޓް އަލި އޭނަގެ ލޮލުގައި އަޅައިގަތުމާއެކު ހިތް އަވަސްވެއްޖެއެވެ. ކުއްޖަކު ކާރަށް އަތުނުވާން ދުވަމުން ދިޔައެވެ. ކާރުގެ ދުވެލި އަވަސްކޮށްލިގޮތަށް އެކުއްޖާގެ ގައިގާ ޖައްސާލައިފިއެވެ.

އެކުއްޖާ މަގުމައްޗަށް ވެއްޓުނުގޮތަށް ހަރަކާތްތައް ކެނޑި ހިމޭންވިތަން ނަމްރާ ދެކުނެވެ. ތެޅެމުން ދިޔަ ހިތަކާއެކު ދޮރު ފޮތިގަނޑު ދަމާލައިފިއެވެ. ނަމްރާއެވެ. ހަމަޖެހޭށެވެ. އެއީ ލޮލަށް ފެނުނު ހަގީގަތެއް ނެތް މަންޒަރެކެވެ. ނަމްރާ އަމިއްލަ ނަފުސަށް ބުނެދޭން މަސައްކަތްކުރިއެވެ. އޭނަގެ "ހެލުސިނޭޝަންސް" ތައް ހަގީގަތާއި އެއްގޮތަށް މިފަހުން ފެންނަން ފެށީއެވެ. ކިތަންމެ ފަހަރު ކާރުގައި ޖެހި ވިއްސައިގެންގޮސް އޭނަގެ އަމިއްލަ ފައި ބުރިވާތަން އޭނައަށް ޚިޔާލަށް ގެނެވިއްޖެއެވެ. އެ ތަދު އޭނަ އައްސިކުރުވިއެވެ. އޭނައަށް ނުހިނގޭނެކަން އެނގުނު ދުވަހު ކުރެވުނުފަދަ އިހުސާސެއް އޭގެ ކުރިން ދުވަހަކުވެސް ހަޔާތުގައި ކުރިމަތިވެފައެއް ނެތެވެ. އޭނަ އެތައް ޒަމާނެއްވާންދެން އެކަމާއި ހިތާމަކުރިއެވެ. އަދި ދުވަހަކުވެސް އެހިތާމަ ހުއްޓޭނެކަމެއްވެސް އެނގެނީއެއް ނޫނެވެ. އެކަމަކު ނަމްރާއަށް ނޭގުނީ މިރޭ އޭނައަށް އެފެނުނީ ލޮލަށް ފެނުނު މަންޒަރެއް ނޫންކަމާއި ހަގީގަތެއްކަމެވެ. ކާރަކުން ގަސްތުގައި ޖައްސާ މަރާލަން ދޫކޮށްލާފައި ދިޔަ ކުއްޖެއް މަގުގައި އޮތްކަމެވެ. މަރުވަމުން ދިޔަ ލިސްޓަށް އިތުރުވި އަނެއް ޔަތީމު ކުއްޖާއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކުން އެ ޚަބަރު ގެނެސްދިނެވެ. ގައުމުގައި ބިރުވެރިކަން އިތުރުވިއެވެ. އާއްމުންގެ މެދުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދުނެވެ. އެކަމަކު މާ ގިނަ ދުވަހަކަށް ނޫނެވެ. ބިރަކީ ވަގުތީ އެއްޗެކެވެ. ސަބަބަކީ މަރުވި ހުރިހާ ކުދިންނަކީވެސް ނަމެއްނެތް ނުދަންނަ ކުދިންނަށް ވީކަމެވެ. ޔަތީމުންނާއި މަގުމަތީގައި އުޅޭ ކުދިވެރިންނެވެ. އެއްވެސް މުހިއްމު ނަންތަކެއް ނޫނެވެ. އެކުދިން މަރުވުމުން ހިތާމަ ކުރާނެ މަޔެއް ބަފަޔެއް ނެތެވެ.

***

ހެނދުނު ނާސްތާ ގަޑީގައި އަލްވާގެ މަންމަ އަމީރާ އެ ވާހަކަފެށިއެވެ.

"އަލްވާ. އަލްވާ އެކަނި ދަތުރުކުރުވަން ބޭނުމެއްނޫން. މެހެކްއަކީ އަލްވާއާއި އެއް އުމުރެއްގެ އަންހެންކުއްޖެއް. އަހަންނަށް ހީވަނީ އަލްވާގެ ބައްޕަ އަލްވާއާއިއެކު އެމްސްޓަޑަމްއަށް ދާން ޖެހޭހެން..." އަމީރާ ބުމަޔަށް ހަދާލައިގެން އިން ގޮތުން އޭނަގެ ކަންބޮޑުވުން ފައުޅުވެއެވެ.

"މަންމަ މާ ގިނައިން ޓީވީ ބަލާތީއޭ. އަޅުގަނޑު ހަމަ އޯކޭވާނެ. ކަންބޮޑުނުވޭ..."އާވާ ބަޓަރު ޖަހާފައިވާ ހޫނު ޕޭންކޭކުން ބޮޑު ގަނޑެއް އަނގަޔަށް ލާފައި ހަފަން ފެށިއެވެ. އަމީރާ އިރުގަނޑެއްވާންދެން އަލްވާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނީ ފަރުވާތެރިކަމާ އެކުގައެވެ.

"ދަރިފުޅު ފަރުވާތެރިވާނަން ދޯ..." އަމީރާ އަލްވާގެ ރީތިކޮށް އޮމާންކޮށްފައިވާ އިސްތަށިގަނޑުން ވަކިވެ މޫނަށް އުދަގޫކުރަމުން ދިޔަ އެންމެ އިސްތަށްޓެއް ރީތިކޮށްލަދިނެވެ. އަލްވާ އޭނަގެ މަންމަގެ ގައިގާ ބައްދައިލިއެވެ. އަދި މޫނު ހަދައިލިއެވެ." ބައްޕައާއި މަންމަ މާ ބޮޑަށް އަޅުގަނޑާއިމެދު ފިކުރުބޮޑު އެބަވޭ. އަލީސާ އެފަހަރު ސްކޫލް ކޭމްޕްގައި ދިޔައީމަވެސް މިހާ ކަންބޮޑުވިހެނެއް ހިޔެއްނުވޭ...."

"އެއީ ސްކޫލް ކޭމްޕެއް. އަދި ޔަގީންކަމާއެކު ސްކޫލުން ދަރިވަރުންނަށް އަޅާލާނެކަން އެނގޭ."އަމީރާ ދިފާއުވެލިއެވެ.

އޭރު އަލީސާ ނިކަން ހަމަޖެހިލައިގެން ހޫނުފެނުގައި ޕާން މަޑުކޮށްގެން ކާން އިނދެފައި ނުލަފާ ހިނިތުންވުމެއް ދިނެވެ." މަންމަމެން ކަންބޮޑުވާން ޖެހޭވަރަށް ވުރެ އަޅުގަނޑު މާ ސްމާޓް. ނޫންތަ މަންމާ؟"

އަލްވާ ކަޅިއަޅާލައިފިއެވެ. ސްމާޓް ވުމަކީ ހޫނުފެނަށް ޕާންޖަހައިގެން ކެއުން ކަމަށް ވަންޏާ އޭނަ ސްމާޓްވާކަށް ބޭނުމެއް ނޫނެވެ. އަލީސާ އާއި އަލީސާގެ ކާ އެއްޗެހިވެސް މީހަކު އަޖައިބު ކުރުވައެވެ.އެ ދެމީހުން ތިމާގެ ވާންވީވެސް ކިހިނެއްހެއްޔެވެ؟

"އަލީސާގެ އުމުރުގައި އަޅުގަނޑު ސްކޫލް ކޭމްޕަށް ނުފޮނުވި ސަބަބަކީ އެއީ؟" އަލްވާ މޭގައި އަތް ހުރަސްކޮށްލައިފިއެވެ. އެ ތުހުމަތު ބޮލުން އެއްފަރާތްކޮށްލަމުން އަމީރާ ބުނީ އަލީސާއާއި ބަލާއިރު އަމީރާއަކީ އެއްތާކު ގިނައިރު ނީދެވޭ ކުއްޖެއްކަމުގައެވެ. މަންމަ ނުސީދާކޮށް އޭނައަކީ އުދަގޫ ކުއްޖެކޭ ބުނުމުން އަލްވާ ދެރަވިއެވެ. އޭނައަށް އިހުސާސްވަނީ މައިންބަފައިން އޭނައަށް މާ ބޮޑަށް ރައްކާތެރިކަން ދޭން އުޅޭކަމެވެ.

އެވަގުތު މީހަކު ދޮރުގައި ޓަކިދިނުމުން ޕޭންކޭކުގެ ބާކީ އޮތް ބައި އަނގަޔަށް ޖަހާލުމަށްފަހު އަލްވާ ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުރި ނާކިއާއެވެ. މާތްކޮށް ހެދުން އަޅައިގެންނެވެ. އަދި ފަށުވި ކްރީމްކުލައިގެ ސްކާފަކުން އިސްތަށިގަނޑު ނިވާކޮށްފައެވެ. އެހާ ބަލިއިރުވެސް އޭނަގެ ރީތިކަން ފައުޅުވޭވޭހުއްޓެވެ.

"އައްސަލާމް އަލައިކުމް......"

"އަލްވާ. އަހަރެން މިއައީ އަލްވާއާއި ވާހަކަދައްކާލަން. ސިޓީއަށް ބާޒާރުކޮށްލަން ދާންވެގެން އަލްވާއާއިއެކު ދާންކަމަށް. އޯކޭވާނެތަ؟"

"ޔަގީން..ކޮންއިރަކު ދާންވީ..."އަލްވާގެ ލޯ ދިއްލުނެވެ.

"އަލްވާ މަސައްކަތް ނިމުނީމަ އަހަރެން ބައްދަލުކޮށްލާނަން. ރޯޒްކްލިފް ބުކްސްޓޯރ ދޯ؟" އަލްވާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ރަމަޟާން މަސް އަންނާތީ އެއްޗެހިތަކެއް ގަނެލަން. އަހަރެން ބޭނުމިއްޔާ ހޮޓަލް ޒީނަތްތެރިކޮށްލަން އަލްވާގެ މަންމަ ހުއްދަ ދީފި." އަލްވާގެ ފަހަތުގައި ހުރި އަމީރާއަށް ނާކިއާ ހިނިތުންވުމެއް ދިނެވެ.

"އެހެންވީމަ އަލްވާ އަހަންނަށް އެއްޗެހި ގަތުމުގައި އެހީތެރިވައްޗޭ.."

"އަޅުގަނޑަށްވުރެ ތިކަމަށް އެކަށީގެންވާ އެއްވެސް މީހަކު ނުހުންނާނެ. އިންޓީރިއާ ޑިޒައިން އާއި ބެހޭގޮތުން އެކަތި ދޭތިވަރު އެނގޭ." އަލްވާ ފުޅާކޮށް ހީލައިގެން ހުރިއިރު އޭނަވެސް ރަމަޟާން މަހަށް ނިކަން އިންތިޒާރުކުރެއެވެ. މާކެންގެ މުސްލިމް ޖަމާއަތް ނިކަން މަދެވެ. ނާކިއާއަކީވެސް މުސްލިމަކަށްވުމުން މިފަހަރު އިފްތާރު ތަންކޮޅެއް ބޮޑުވާނެކަމުގައި އަލްވާ އުއްމީދުކުރިއެވެ.

***

އަލްވާގެ ވަޒީފާގެ އެދުވަހުގެ ބޮޑުބައި ދިޔައީވެސް ރަގަޅަށެވެ. އެންމެ ވަގުތެއް ފިޔަވައެވެ. އޭނަ މާ ބާރަށް ނާނާ އަޅުވަންފެށުމުން ލައިބްރޭރިއަން ހީރާ އޭނައަށް އަޑުލީ އެވެ. މެހެކް ކިޔަވަން އިންއިރު އަލްވާ ފޮތްތަކުން ހިރަފުސް ފޮޅާ ފޮތްތައް ހުންނަންވީ ހަރުތަކުގައި ތަރުތީބުކުރިއެވެ. ލައިބްރަރީގެ ކުޑަދޮރަކުން ވަޑާންގެ ފެނުމުން އެ އުފާވެރިކަމުގެ ކުލަވަރު މޫނުން ފިލާ އިރުކޮޅެއްވާންދެން މޫނު އަނިދިރިކޮށްލެވުނެވެ. ފިރިހެންކުދިންނާއި ވާހަކަ ނުދައްކަން ބައްޕަ އެހާ ބާރު އަޅާ ސަބަބަކީ އެއީއެވެ. އެއިން މީހަކު ދުވަހަކު ރަގަޅެއްނުވާނެއެވެ. އޭނަގެ ހަނދާނަށް އައީ ކަޅު އިސްތަށިގަނޑުގެ ވެރިޔާ އޭނަ ދަންޖައްސަން މަސައްކަތްކުރި ގޮތެވެ. އެންމެ ރަގަޅެވެ. ވީވަރަށްވުރެ ކަންބޮޑުކޮށްގެން އޭނަ އެ ތަންކޮޅު ޚިޔާލަށް ގެނައި ނަމަވެސް އެ ޒުވާނާގެ ލޯ އަޅައިލުން އެކަނިވެސް މީހަކު ޕެނިކް މޯޑަކަށް ފޮނުވައިލާނެއެވެ. އޭނަ އެހާ ރުޅި އަންނަ އެއްޗަކަށް ބުނެވުނީ ކީކޭހެއްޔެވެ؟ އެކަމުގެ ސަބަބެއް އޮތީހެއްޔެވެ؟ ފިރިހެނުން ހަމަ ނުލަފާވާންވެގެން ސަބަބެއް ނެތަސް އެހެން އުޅެގަންނަނީހެއްޔެވެ؟ ދެން ހަދާނަށް އައީ އެ "މުއްސަދި" ޒުވާނާއާއި ކުރިމަތިލުމެއް ހިނގި ގޮތެވެ. އޭނަގެ ދީލަތިކަމާއިއެކުވެސް އެ ޒުވާނާ ލައިބްރަރީގެ ފޮތުން ގަނޑުތަކެއް ގެންދަން އުޅުނުކަމުގެ ތުހުމަތު ކުރުމުންވެސް އޭނަ ހުނުމަކުން ފުއްދައިލިގޮތެވެ. އަލްވާގެ ކުއްލި ޖަޖްމެންޓަށްވެސް އިނގިލިދިއްކޮށް މައްސަލައަކަށް ނެހެދިއެވެ. އަޖައިބެއްހާ މަޑުމައިތިރިވެފައި ހަމަޖެހޭ މީހެކެވެ. އަލްވާ ބޯ ހޫރުވައިލިއެވެ. އޭނަ ކިތަންމެ މަޑުމައިތިރި މީހަކަށްވިޔަސް އަލްވާއާއި ކޮންކަމެއް ހެއްޔެވެ؟ އޭނައާއި ދެން ދިމާވާނީއެއްވެސް ނޫނެވެ. އެހެން ހީކުރެވުނީ ކަޅު ވިދާ ކާރަކުން އެ ޒުވާނާ ފައިބަނިކޮށް ފެނުމާއި ހަމަޔަށެވެ. އަޅި ފަޓުލޫނަކާއި ދަށަށް ޖަހާފައިވާ ކަޅުކުލައިގެ ގަމީހުގައި އޭނަ ފެންނަލެއް ހާދަ ސްމާޓެވެ. އަތްމަތީގައި ފޮތްތަކެއް ބަހައްޓައިގެން އޭނަ ރޯޒްކްލިފް ފޮތް ފިހާރައިގެ ތެރެއަށް ވަންނަނީއެވެ. އަލްވާ އެސްފިޔަތައް ތަޅުވައިގަތެވެ. ރަތް މުށި އިސްތަށިގަނޑާއި އަޅި ދެލޮލެވެ. އާއެކެވެ. އެއީ ހަމަ އޭނައެވެ. މިހާ ގިނައިން މި ޒުވާނާ ފެންނަނީ ކީއްވެބާވައެވެ. ކުޑަދޮރުންވެސް އެ ޒުވާނާއަށް އަލްވާ ބަލަން ހުރިކަން ފާހަގަވީކަން ނޭގެއެވެ. ދެމީހުންގެ ނަޒަރު ބައްދަލުވުމާއެކު އެ ޒުވާނާގެ ތުންފަތަށް ނިކަން ލުއި ހިނިތުންވުމެއް ވެރިވިހެން ހީވިއެވެ. މޮޔަކަމާއެކު އޭނައަށް އަލްވާކުރި ތުހުމަތު ހަނދާކޮށްފައި ކަން ނޭގެއެވެ. އޭނަ މަލާމާތްކުރަނީހެއްޔެވެ؟

އެ ޒުވާނާ އެތަނަށް ވަނުމާއެކު ހީރާ އަވަހަށް ތެދުވެ މަރުހަބާ ކިޔެވެ. އެއީ ކާކުހެއްޔެވެ؟ އާވާއަށް މެހެކްއާއި ދިމާލަށް ބަލައިލެވުނީ މެހެކްގެ ސަމާލުކަން އެ ޒުވާނާއަށް ހުއްޓުނުތޯ ބަލައިލަންވެގެންނެވެ. މިއީ ހަމަ މެހެކް ހިތްކިޔާފަދަ ޒުވާނެކެވެ. މެހެކްގެ ހުވަފެނުގައި އުޅޭފަދަ ޝެހެޒާދާއެކެވެ. އެކަމަކު މެހެކްގެ ކުރިމަތީގައި އޮތް ޓެކްސްޓް ފޮތުން އެކުއްޖާ ނަޒަރު ވަކިކޮށެއްނުލައެވެ. އޭނަ އިނީ ކިޔެވުމުގައިި އަވަދިނެތިއެވެ. އަލްވާ މެހެކްއަށް ގޮވާފައި މި ޒުވާނާ ދައްކައިލަން ޚިޔާލުކޮށްފައިވެސް އެކަން ހުއްޓައިލިއެވެ. ތަނަކުން ހަމަ ފިރިހެނަކު ފެންނައިރަށް ދެއްކުމަށްވުރެ ގްރޭޑް މުހިއްމެވެ.

އަލްވާ ހަރުގައި ފޮތްތައް ޖެހުމުގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް އެ ޒުވާނާ އޭނައާއި ދިމާލަށް އައެވެ.

"އެކްސްކިއުޒް މީ. މި ފޮތްތައްވެސް ހަރުގައި ޖަހައިލެވިދާނެތަ؟ އެއްފޮތަކީ ކެއްކުމާއި ބެހޭފޮތެއް ދެން ތިން ފޮތަކީ މެޑިކަލް އަދި........"

ސުފިޔާން ފޮތުގެ ބަޑޭރިގަނޑަށް ބަލަންފެށިއެވެ.

"އަޅުގަނޑަށްވެސް ކިޔަން އެނގޭ." އަލްވާ އަތްދިއްކޮށްލީ ފޮތްތައް އަތުލުމަށެވެ. ސުފިޔާން އޭނަގެ އަތްމަތީގައި ފޮތްތައް ބެހެއްޓުމާއެކު އަރިއަޅާނުލީ ކިރިޔާއެވެ. އެފޮތްތައް އެހާ ބަރުވެދާނެކަމަށް އޭނަ އުއްމިދެއް ނުކުރެއެވެ.

"ބައި ދަ ވޭތިއީ ކާކުތަ؟" އެންމެ ފަހުން ކެތްނުކުރެވިގެން އަލްވާ އަހައިލިއެވެ.

ނަމަކީ ސުފިޔާން..."

"ނޫން މިބުނީ...ސުފިޔާން. ތިއީ ކާކުތަ؟" އަލްވާ ސުވާލުކުރިއެވެ." މިތާގައި މަސައްކަތްކުރަނީ؟"

"މިތަނޭ ތި މާނަކުރީ ރޯޒްކްލިފްކަމަށް ވަންޏާ...އާނ..އަހަންނަކީވެސް ރޯޒްކްލިފް މުވައްޒަފެއް. ޕްރައިވެޓްކޮށް ޗާޕްކުރި ފޮތްތަކެއް ހަވާލުކޮށްލަން މިއައީ..އަލްވާ؟ ބުކްސްޓޯރ ރަގަޅަށް ކުރިއަށް ދަނީ؟ މީހުން މިތަނާ ގަޔާވޭތަ؟"

އަލްވާގެ ބުމަ މައްޗަށް އެރިއެވެ.

"އަޅުގަނޑުގެ ނަން އެނގުނީ ކިހިނެއް؟އަޅުގަނޑަށް އެއްވެސް އިރަކު ނަން ބުނެވުނު؟"

ސުފިޔާން އިޝާރާތްކޮށްލީ އޭނަގެ ހެދުމުގައިވި ނަން ޓެގްކޮޅަށެވެ. ގަންނާކުރެއްވި ލަދުން އެކަމާއި ބެހޭގޮތުން އިތުރަށް އެންމެ އެއްޗެކޭ ބުނާކަށްވެސް އޭނަ ބޭނުމެއްނުވިއެވެ.

"މިތަނުގެ މާހައުލު ވަރަށް ހިތްގައިމު. މިތަނުގެ މާހައުލު ކަމުދާވަރުން ވަރަށް ގިނަ ދަރިވަރުން ފޮތްތައް މުތާލިއާ ކުރަންވެސް މިތަނަށް އާދޭ."

"އަހަންނަށްވެސް ތިކަން ފާހަގަކުރެވިއްޖެ.." ސުފިޔާންގެ އަޅި ލޯ ދަތުރުކުރި ދިމާލެއް ދެނެގަންނަން އަލްވާއަށްވެސް ބަލައިލެވުނެވެ. އޭނަގެ ނަޒަރު ސީދާވެފައިވީ މެހެކްއަށެވެ. ސުފިޔާންގެ މޫނުން އަލްވާއަށް އެފެނުނީ ލޯބިވެތިކަން ހެއްޔެވެ؟ އެއްވެސް ފިރިހެނަކަށް މެހެކްގެ އެރީތިކަމުން ނަޒަރު ދުރުކޮށެއް ނުލެވޭނެއެވެ. ސުފިޔާންއަކީވެސް އޭގެ ތެރޭ ހިމެނޭ މީހެއް ހެއްޔެވެ؟

"ވަރަށް އަވަހަށްވާރޭވެހެން އުޅޭހެން ހީވޭ.ވެލް ދެން. ގުޑް ލަކް ވިތް ޔޯ ވޯކް އަލްވާ.." ސުފިޔާން ދާން އެނބުރިލިއެވެ. އަލްވާ އެ ސާފު ބިއްލޫރި ދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. އޭނައަށް ފެނުނީ ސާފު ނޫކުލައިގެ އުޑެވެ. ސުފިޔަން އެ ބުނީ ކޮން "ވާރޭ"އެއްގެ ވާހަކަހެއްޔެވެ؟ މިއީ ހޫނު މޫސުމްގެ ހޫނު މެންދުރެކެވެ.

***

މަސައްކަތް ނިންމާލާފައި ނާކިއާގެ އިންތިޒާރުގައި ތިއްބާ ބުނި ގަޑިއަށް ނާކިއާ އެތަނަށް އައެވެ. އޭނަ ހުރީ މުޅިން ކަޅު އެއްޗެހީގައި ނިވާވެގެންނެވެ.

"ހޭއި. އެހާ ވިއާޑްކޮށް އޭނަ ހެދުން އަޅައިގެން ހުރީ ކީއްވެތަ؟ މީހުން ޖަޖް ކުރާނެ"މެހެކް ސިއްރުން އަލްވާ ގާތު ކިޔާލައިފިއެވެ.

"އެހެން މީހުން ވިސްނާނެ ގޮތަކާއިމެދު ނާކިއާ ކަންބޮޑުވާހެން ހިޔެއްނުވޭ. އެމީހުންނަށްޓަކާ ނޫން އޭނަ ހެދުން އަޅަނީ." އަލްވާ ވިސްނައިލިއެވެ." އެގޮތަށް މާތްކޮށް ހެދުން އެޅުމަކީ ދީންގައި އޮތްގޮތް. ހުރިހާ ފިރިހެނުންނާއި އަންހެނުންވެސް...."

ތިންކުދިން އެކީ ބާޒާރުކުރަން ގޮސް ވަނީ ނާކިއާ ބޭނުންވި ފިހާރައަށެވެ. އަލްވާ ބޭނުންވާ ކުލައިގެ ދަވާދުތަކާއި ފާރުގައި ތަތްކުރާ ކަރުދާސް އޮޅުންފިލުވިއެވެ. އެއީ އޭނަގެ ބައްޕަގެ ހޮޓަލަށްޓަކާ ނާކިއާ ގަންނަ އެއްޗެހިކަން އޭރު އަލްވާއަކަށް ނޭގުނެވެ. އަލްވާ އަދި ކާނާ އަޅާ ކަންވާރުތަކާއި މޭޒުމަތީގައި އަޅާ މެޓް އަދި ތަބައްވެސް ގަތެވެ. މީރުވަސް ދުވާ އުއްބައްތިތަކާއި އާދައިގެ ބައްތިތައްވެސް މެއެވެ. ގެ ރީތިކުރާ ސާމާނުތައް ގަނެގެން ނާކިއާ ކުރަން އުޅޭކަމެއް އަލްވާ އަދި މެހެކްއަށްވެސް ރޭކާނުލިއެވެ. ފެންނަ ފެނުމުގައި ނާކިއާ އަތުގައި ފައިސާގެ ބައިވަރެއް އެބަހުއްޓެވެ. އެކުދިން ބާޒާރުކޮށް ނިމިގެން ގޮސް ބަހުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބިއިރު އިރުއޮއްސުމުގެ ނިޝާންތައް އުދަރެހުން ފެންނަން ފަށައިފިއެވެ.

"އަހަންނަށް އެބަ ފެނޭ ވިދާ އެންމެ ތަރިއެއް."އަލްވާ އުދަރެހަށް ނަޒަރު ހުއްޓައިލިއެވެ.

"އެވާނީ ވީނަސްއަށް.."ނާކިއާވެސް ފަރުވާތެރިކަމާއެކު އުދަރެސް މުތާލައާކުރިއެވެ. އެގަޑީގައި އުދަރެހުގައި ވިދާ ހަމައެކަނި އެއްޗަކީ އެއީއެވެ.

"ވީނަސް؟" އަލްވާ ބުމަ އަރުވައިލިއެވެ.

"ގުރުއާންގެ މިރެކްލްއެއް އެނގޭތަ؟ ވީނަސްއާއި ބެހޭގޮތުން؟" ނާކިއާގެ ޖުމްލައާއެކު އަލްވާއާއި މެހެކް ކައިރިއަށް ޖެހިލީ އަޑުއަހާ ހިތުން ޝައުގުވެރިވެފައެވެ.

"ކުރީގެ ފޮތްތަކުގައިވާ ގޮތުން އިބްރާހީމް އަލައިހިއްސަލާމްގެ އުފަން ރަށުގައި އޭރު މީހުން އަޅުކަންކުރީ އިރާއި ހަނދު އަދި ތަރިތަކަށް. އަދި އެމީހުން ފަހުން ބުނީ ވީނަސްއަކީ ތަރިއެކޭ. އެކަމަކު ސައިންސްވެރިން ދެނެގަތްގޮތުގައި ވީނަސްއަކީ ތަރިއެއްނޫން. އެބުނާ ވީނަސްއަކީ ޕްލެނެޓެއް. މީހުން ވީނަސްއަކީ ތަރިއެއްކަމަށް ހީކުރިއިރު ގުރުއާނުގައި އޮތީ ރަގަޅަށް. ގުރުއާންގެ އަލްއަންއާމް ސޫރަތުގެ ހަތްދިހަ ހަ ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ"فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًۭا ۖ قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ" މާނައަކީ ދެން ފަހެ ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރިގަތްހިނދު އެކަލޭގެފާނަށް ކައުކަބެއް ފެނިވަޑައިގެން އެކަލޭގެފާނުގެ ގައުމަށް ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުން )މިއީ އަހަރެންގެ ވެރި ރަސްކަލާނގެއެވެ. ދެން އެތަރި އޮސްފުހުނުހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޮސްފުހިދާ އެއްޗިއްސަށް އަހަރެން ލޯބި ނުކުރަމެވެ."

މުހައްމަދު ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް އެއްހާސް ހަތަރުސަތޭކަ އަހަރުކުރިން ވީނަސްއަކީ ޕްލެނެޓެއްކަން އެނގިވަޑައިގަތީ ކިހިނެއް؟ ސުބުހާނަﷲ."

"އަޖައިބުކުރުވާ ކަމަކީ އާ ސައިންޓިފިކް ހޯދުންތައް ގުރުއާނުގެ އަލީގައި ސާބިތުވަމުންދާތީ. ގުރުއާނުގައި ސައިންސާއި އަރައިރުންވާ އެންމެ ތަންކޮޅެއްވެސް ނެތް. ގުރުއާނުގެ މާނަ އަދި އެހެން ގޮތަކަށް ނަގާއިރު އަދި ފަހުން ސައިންސްވެރިން އާ އެއްޗެއް ހޯދާ އަހަރެމެން އެ އާޔަތަށް އެނބުރިދާއިރު އެ އާޔަތް އެހެން އައްޔެއްގައި ފެނިދޭ. އަދި އޭގައި އަބަދުވެސް ވަނީ ހަގީގަތް...." ނާކިއާ އޮޅުން ފިލުވާ ދިނެވެ.

"އަދި އެއް ވާހަކަ ޕްލީޒް.." އަލްވާ އެސްފިޔަ އަވަސްއަވަހަށް ޖަހާލައިފިއެވެ." ތިކަހަލަ ޝައުގުވެރިކުރުވަނިވި އެހެން ކަމެއް ކިޔާދީފާނަންތަ؟" މެހެކްވެސް އަލްވާއާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ނާކިއާގެ ވާހަކަދެއްކުމުގައި ހުރި ހިތް ދަމައިގަންނަގޮތަކުން ގުރުއާނުގައި ހުރި މުއުޖިޒާތްތަށް އިތުރަަށް ދެނެގަންނަން އެކުދިންވެސް ބޭނުންވިއެވެ. ނާކިއާ ހިނިތުންވެލިއެވެ.

" ރަމަޟާންމަހުގައި އެގޮތަށް ދިމާވެލަންވާނެ ދޯ. އަހަންނަށް އެނގޭހާ އެއްޗެއް ހިއްސާކުރަން ބޭނުން. ގުރުއާނާއި ބެހޭގޮތުން ވަރަށް ޝައުގުވެރިވާ ބައިވަރު ކަންތައް ހުރޭ. ކޮންމެ އާޔަތަކަށް ބަލާ ފިކުރު ހިންގާލިޔަސް ގުރުއާނުގެ މަތިވެރިކަމުން ހިތަށް އަސަރުކުރުވާނެ.."

ނާކިއާ އެންމެ ހައިރާންވީ އަލްވާއާއި މެހެކް މުސްލިމުންނަށްވެފައި އަށާރައަހަރުވާން އުޅޭއިރުވެސް އެކުދިންނަށް އަރަބިބަސް ކިޔާލަން ނޭގޭކަން އެނގުމުންނެވެ. އެކުދިންގެ މައިންބަފައިންނަކީ ޑަޗްއިންނަށްވުމުން އެކުދިން ގުރުއާން ކިޔަނީވެސް ތަރުޖަމާއިންނެވެ. ލެޓިން ޓެކްސްޓްގަނޑު ކިޔާލަނީއެވެ. ރަމަޟާންމަހުގައި އެކުދިންނަށް އަރަބި ކިޔަވާދޭން ނާކިއާ ގަސްތުކުރިއެވެ. އެތައް ޒަމާނެއްފަހުން ހިތުގައި ކަމަކަށް ފޯރިޖެހި ބޭނުންވާ ކަމެއް ކުރެވުމުގެ އުފާވެރިކަން ހިނގައިގަތެވެ. މި ކުޑަ މާކެންގައި ލިބުނު އެކުވެރިކަން އޭނަގެ ހަޔާތުގެ ފަހު ދުވަސްތައް އުފާވެރި ހަދާންތަކުން ފުރާލަދޭނެކަމުގައި އިހުސާސްކުރެވުނެވެ. އެކުދިން ބަހުގެ އިންތިޒާރުގައި ތިއްބާ ކުއްލިއަކަށް ވާރޭ ވެހިގަތީ އިންޒާރަކާ ނުލައެވެ. ހުރިހާ ކުދިން ދުއްވައިގަތީ ފިހާރައެއްގެ އަސްކަނީގެ ހިމާޔަތަށެވެ. ބަހަށް އިންތިޒާރުކުރަމުން ދިޔަ ބައެއް އެހެން މީހުންވެސް އެފަދައިން ކަންތައްކުރިއެވެ.

މަގުގެ އަނެއް ފަޅިން އަލްވާގެ ލޮލުގައި ދަންނަ މޫނެއް އަޅައިގަތެވެ. އޭނަގެ ނަމަކީ ކޮބާހެއްޔެވެ؟ އޯހް ހަދާންވެއްޖެއެވެ. ނަވޫދުއެވެ. އެއީ ހަމަ އޭނައެވެ. އޭނަ ފުރޮޅުލީ ގޮނޑިއަކަށް އަންހެންކުއްޖަކު ލައިގެން ދުއްވަމުން ގޮސް ފިހާރައެއްގެ އަސްކަނީގައި މަޑުކޮށްލިއެވެ. އަދި އުދަރެހަށް ބަލައިލިއެވެ. އެއީ އަވިދޭ ދުވަހެކެވެ. ކުއްލިއަކަށް ވާރޭވެހިގަތީ ކީއްވެހެއްޔެވެ؟ އޭނަ އިސްތަށިގަނޑުން ވާރޭގެ ތިކިތައް އަތުން ފޮޅައިލަމުން އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ. އެއީ އާއްމުކޮށް އޭނަ އަޅާ ގަޑިއެއްވެސް ނޫނެވެ. އެތައް ދުވަހަކަށްފަހު ނަމްރާއަށް ޑޮކްޓަރެއްގެ އެޕޮއިންޓްމެންޓެއް ހަމަޖެހުމުން ލަސްވަނީއެވެ.

"ފާޑެއްގެ ވިއާޑޯއެއް އެބަ ބަލާ. ގެއަށް ދާން ހިނގާ." ނަމްރާ ދަތްތައް ވިކައިގަތެވެ. މޫނުގެ ބޮޑުބައި ފޮރުވޭފަދަ ކަޅު އަވިއައިނެއް އަޅައިގެން އިންއިރުވެސް އޭނައަށް ނިކަމެތިކަން އިހުސާސްކުރެވި މުޅިން ފޮރުވެން ބޭނުންވިއެވެ. ނަވޫދުއަށްވެސް އެ އަލްވާ ކިޔާ ކުއްޖާ އެމީހުންނަށް ބަލާކަން އެވަގުތު ފާހަގަވިއެވެ. އެކުއްޖާ ބަލަން އެހެރީ ފާޑަކަށެވެ. ނަމްރާއަށް ބަލާލާފައި ދެން ނަޒަރު ހިންގައިލީ ނަވޫދަށެވެ. ނުކުޅެދޭ ކުއްޖަކު ކިޑްނެޕްކޮށްގެން ގެންދަނީކަމުގައި އެ މޮޔަ ކުއްޖާ ޔަގީންކުރީކަން ވަގުތުން ނަވޫދުއަށް އެނގުނެވެ. އެކުއްޖާގެ މޫނު ކިޔާލަން އެހާ ފަސޭހައެވެ. ނަވޫދުއަށް ބަލައިލެވުނީ ނަމްރާއަށެވެ. ބިރުން ކުޑަވެލައިގެން ފުރޮޅުލީ ގޮނޑީގެ އަތްގަނޑުގައި ކުރިއަށްވުރެ ބާރަށް ހިފަހައްޓާލައިގެން އިނެވެ. ނަމްރާގެ ހަރަކާތްހުރިގޮތުން ދެކޭ މީހުންނަށް އަދި ކިޑްނެޕްކޮށްގެން ގެންދަނީކަމުގައި ބޮޑަށް ހީވެސް ކުރެވޭނެ ނޫންހެއްޔެވެ؟

ކުއްލިއަކަށް ކަޅުކުލައިގެ އެސްވީޔޫއެއް ކުރިމައްޗަށް މަޑުކޮށްލައިފިއެވެ. ބިއްލޫރި ތިރިކޮށްލުމާއެކު ފެނުނު މޫނަކީ ކުރީ ދުވަހު ފޮތް ފިހާރައިން ކުޑަ އެކްސިޑެންޓެއް ހިނގި އަންހެންކުއްޖާއެވެ. އެކުއްޖާގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވިއެވެ. ފުރޮޅުލީ ގޮނޑީގައި އިން ކުއްޖާ ފެނުމުން ސަދަފްގެ މޫނުމަތިން ހިނިތުންވުން ފިލާ ދިޔައެވެ.

"އަވަހަށް އަރާ..." ސަދަފް ނަވޫދުގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު