ވައްކަމަށް ތާއީދު ނުކުރާ ކަމަށާއި އާސަންދަ ޚިދުމަތް އިސްލާހު ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ހޮސްޕިޓަލުތަކަކީ ގެސްޓު ހައުސްތަކަށް ހަދައިގެން، އެއްވެސް ލައިބިލިޓީއެއް ނެތް ގޮތަށް އާސަންދައިން ބޮޑެތި ވައްކަންތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވަން މިނިސްޓްރީން ކޮށްފައިވަނީ ކޮން މަސައްކަތްތަކެއްތޯ ސުވާލުކުރައްވާފައެވެ.
އާސަންދައާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވަނީ މެންބަރު ވިދާޅުވި ފަދަ ކަންކަން ވެސް އާސަންދައިން ހިނގަމުން އަންނަ ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް އާސަންދަ ކޯޕަރޭޝަނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
"މިހާރު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ އެބަ ހަރަދުވޭ އާސަންދަައިގެ ކަންތައްތަކަށް. އަޅުގަނޑުމެންނަށް އެ ކަމުގައި އެތައް މައްސަލަތަކެއް އެބައުޅޭ، އެއީ އާސަންދައިން ތި ވިދާޅުވާ ފަދަ ކަންކަން ވެސް ހިނގާ ކަންނޭނގެ، އެހެންނަމަވެސް އަޅުގަނޑުމެން ޖެހޭނީ އެ ކަން ހިނގާ މިންވަރު ދެނެގަންނަން،" ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ކަންކަން ތަރުތީބު ކުރެވިފައި ހުރި ގޮތުގައި އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.
"އެ ކަންތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން އިނގޭތޯ އިއްޒަތްތެރި މެންބަރު، ޔަގީން ކުރައްވާ އަޅުގަނޑު ވައްކަމަކަށް ތާއީދެއް ނުކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
އާސަންދަައިގައި ހުރި މައްސަލަތައް އެ ކޯޕަރޭޝަނާއެކު މަޝްވަރާ ކުރުމަށްފަހު، ނިމޭ ގޮތުގެ ރިޕޯޓެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އާސަންދައަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރަމުން އަންނައިރު، މި އަދަދު އަންނަނީ ކޮންމެ އަހަރަކު އިތުރުވަމުންނެވެ. މިގޮތުން މި އަހަރުގެ ބަޖެޓުގައި އާސަންދައަަށް ކަނޑައަޅައިފައިވާ 730 މިލިއަން ރުފިޔާގެ ބޮޑުބައި، އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ވަނީ ބޭނުންކޮށްފައެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އާސަންދަ ބަޖެޓުން 365 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.