އޭނާގެ ކެރިއަރުގެ ހުރިހާ އެއްޗަކީ އާޖެންޓީނެ ކެޕްޓަން ލިއޮނަލް މެސީކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޓެލެމުންޑޯ ޑިޕޯޓްސް އަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ.
ބާސާގެ ކޯޗުކަމާ ހަވާލުވެ ގާޑިއޯލާ ވަނީ އެ ކުލަބާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އެ ކާމިޔާބީތަކުގެ އެންމެ ކުރީގައި ހުރީ މެސީއެވެ. ގާޑިއޯލާ އާއި މެސީއާ ދެމެދު އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެ.
އޭނާ ވަނީ ބާސާއާއެކު ޖެހި ޖެހިގެން ތިން ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ކޮޕާ ޑެލްރޭ ދެ އަހަރު ހޯދިއިރު، ތިން އަހަރު ވަނީ ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބާސާއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ދެ އަހަރު ހޯދާފައެވެ. އަދި ޔޫއެފާ ސުޕަ ކަޕް ދެ އަހަރު ހޯދިއިރު، ފީފާ ކުލަބް ވޯލްޑް ކަޕް ވެސް ދެ އަހަރު ހޯދިއެވެ.
"އަހަރެންގެ މައިންބަފައިންނަށް ވުރެ ބޮޑަށް އަހަރެން ކޮމްޕެޓިޓިވް މީހަކަށް ހެދީ މެސީ،" އަބަދުވެސް މެސީއަށް ތައުރީފްކުރާ ގާޑިއޯލާ ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ ބާސާގައި އޭރު ވެސް މޮޅެތި ބައިވަރު ކުޅުންތެރިން ތިބިކަމަށާއި، މެސީ ނެތް ނަމަވެސް ބައެއް ތަށި ހޯދުނީސް ކަމަށެވެ. ނަމަވެސް، މެސީ ނެތް ނަމަ 2008 އާއި 2012 އާދެމެދު ބާސާ ހޯދި ކާމިޔާބީތަކެއް ނުހޯދުނީސް ކަމަށް ގާޑިއޯލާ ބުންޏެވެ. އަދި އެއީ ނުވާނޭކަމެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
މި އިންޓަވިއުގައި ގާޑިއޯލާ ވަނީ އާޖެންޓީނާއާއެކު މެސީ ކޮޕާ އެމެރިކާ ކާމިޔާބު ކުރި ކުރުމަށް ވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ މެސީ ކޮޕާ އެމެރިކާ ކާމިޔާބުކުރުމާއެކު މެސީއާ ވާހަކަ ދެއްކި ކަމަށާއި، އަދި މަރުހަބާ ވެސް ކީ ކަމަށެވެ. އަދި އެއީ މެސީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ބުންޏެވެ.
އަދި މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕަކީ މެސީގެ އެންމެ ފަހުން ވޯލްޑް ކަޕަށް ވުމުން، އާޖެންޓީނާއާއެކު މެސީއަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިދާނެތޯ ސުވާލުކުރުމުން ގާޑިއޯލާ ސުވާލެއް ކުރަމުން ބުނީ، މިއީ މެސީގެ އެންމެ ފަހު ވޯލްޑް ކަޕްކަން ޔަގީންވޭތޯއެވެ.
އަބަދުވެސް މެސީ އާ ގާޑިއޯލާ އާ ދެމެދު ގާތް ގުޅުމެއް އޮންނާނީ، ބާސާ ދޫކޮށް މެސީ ބަދަލުވާނީ ގާޑިއޯލާގެ ސިޓިއަށް ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް، މެސީ ބަދަލުވީ ފްރާންސްގެ ޕީއެސްޖީއަށެވެ.