ސަރުކާރުން އުޅެނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް ޖެއްސުން ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ މި ސަރުކާރުން ފެށުނީއްސުރެ ހިޔާ ފްލެޓުތަކުގެ ރައްޔިތުންނަށް ކުރިމަތިކުރުވަނީ ފިއްތުންތަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަން އޮތް ހަޤީގަތަކީ ފްލެޓުތައް ލިބުނު ފަރާތްތަކާ ދެތޭރޭގައި ވެސް ސަރުކާރުން ޖެއްސުން ކުރުމުގެ ސިޔާސަތުތަކެއް ގެންގުޅޭތަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކިފަހަރުމަތިން ހިޔާ ފްލޭޓުތައް ލިބުނު މީހުންނަށް ފްލެޓުތައް ދިނުމުގައި ވެސް އަދި އޭގެ ފަހުން އެތަނަށް ކުލި ދެއްކުމަށް ކަނޑައެޅި ސިޔާސަތުތަކުން ވެސް ސަރުކާރުން އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ޖެއްސުންކުރާކަން އެނގޭކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އެ ރައްޔިތުންގެ ހާލާމެދު ވިސްނާ އެމީހުންނަށް ލުއި ގޮތެއް ފަހިކޮށްދޭތޯ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަވެސް ބަލައިނުގަނެ ބޭރުކޮށްލީ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެންއަންނަ ޕީޕީއެމްގެ ވެރިކަމެއްގައި އަޅުގަނޑުމެން ފްލެޓުތަކުގެ ކުލި 5،600 އަށް ކުޑަ ކުރާނަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ހިޔާ ފްލެޓުގެ ފިނިޝިންގެ މަސައްކަތްތައް ކުރި ދުވަސްވަރު ކުންފުނިތައް އުފައްދައިގެން ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތްތައް ކޮށްދޭނެ ކަމަަށް ބުނެ ފްލެޓުތައް ލިބުނު މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ފަދަ ކަންކަން ދިމާވި މީހުން އަދިވެސް އުޅެނީ އެކަންކަމުން އަރައިނުގަނެވިގެން ކަމަށާއި އެހެންކަމުން އެ މީހުންނަށް ލުއި ފަސޭހަގޮތެއް ހަމަޖައްސައި ދިނުމަކީ ކުރަން ޖެހޭކަމެއް ކަމަށެވެ.